ޕީޕަލް ނޭޝަނަލް ފްރޮންޓް (ޕީއެންއެފް) ގެ އޮފީސް، ކުރީގެ ރައީސް އަބްދުﷲ ޔާމީން ގެކޮޅަށް ބަދަލުކުރުމަށް ނިންމައި އޮފީސް ބަދަލުކުރުމުގެ މަސައްކަތް ފަށައިފިއެވެ.

ޕާޓީ އޮފީސް ޔާމީންގެ ގެކޮޅަށް ބަދަލުކުރުމުގެ މަސައްކަތް ކުރިއަށްދާ ކަމަށް ކުރީގެ ކޮމިއުނިކޭޝަން މިނިސްޓަރު އަދި ޕީއެންއެފްގެ ސެކެރެޓަރީ ޖެނެރަލް މުހައްމަދު މަލީހު ވަނީ ހާމަކޮށްފައެވެ. އޭނާ ވިދާޅުވި ގޮތުން ޕާޓީގެ އޮފީސް ޔާމީންގެ ގެކޮޅު ކަމަށްވާ ހ. ދޫވެހީގެ ފުރަތަމަ ފަންގިފިލާއަށް ބަދަލުކުރުމުގެ މަސައްކަތް މިހާރު ދަނީ ކުރަމުންނެވެ.

މަލީހު ވިދާޅުވެފައި ވަނީ، ޕީއެންއެފްގެ ސިޔާސީ ހަރަކާތްތައް މިވަގުތަށް މަޑުޖައްސާފައި އޮތީ އޮފީސް ބަދަލުކުރުމުގެ މަސައްކަތް ކުރިއަށްދާތީ ކަމަށާއި އެ މަސައްކަތް ނިމިމުން ސިޔާސީ ހަރަކާތްތަކާއި ޖަލްސާތައް ފަށާނެ ކަމަށެވެ.

ކުރިން އެ ޕާޓީގެ އޮފީސް ހިންގަމުން ދިޔައީ ހ. ހުރަފާގައެވެ. ޕާޓީ އޮފީސް ބަދަލުކުރަން ނިންމީ ހ. ހުރަފާގޭގެ ފަންގިލާއިން ވާރޭވެހޭ ދުވަސްތަކުގައި ފެން ލީކުވުމުގެ މައްސަލަތައް ދިމާވާތީ ކަމަށް މަލީހު ވަނީ ވިދާޅުވެފައެވެ.

އެންމެ ފަހުން ބޭއްވި ރިޔާސީ އިންތިހާބު ޕީޕީއެމް/ޕީއެންސީން ކާމިޔާބު ކުރި ނަމަވެސް ރައީސް މުއިއްޒު އާއި ޔާމީން ދެމެދު ޖެހުނު މައްސަލައަކާއި ގުޅިގެން ޔާމީން ވަނީ ޕީޕީއެމުން ވަކިވެ އާ ސިޔާސީ ޕާޓީއެއް އުފައްދާފައެވެ. އެގޮތުން ޕީއެންއެފް އުފެއްދެވީ ޔާމީންގެ ދަރިކަލުން ޒޭން އަބްދުﷲ ޔާމީންގެ ނަމުގައެވެ. އޭގެ ފަހުން ހ. ހުރަފާގައި ހިންގަމުންދިޔަ ޕީޕީއެމް އޮފީސް ބަދަލުވެގެން ދިޔައީ ޕީއެންއެފްގެ އޮފީހަށެވެ.

މިދިޔަ އޭޕްރީލް މަހުގެ 25 ވަނަ ދުވަހު އުފެއްދި ޕީއެންއެފްގެ ވަގުތީ ރައީސަކީ ޔާމީންގެ ދަރިކަލުން ޒޭން އަބްދުﷲ ޔާމީންއެވެ. އެ ޕާޓީގެ ދާއިމީ ސެނެޓެއް އިންތިހާބު ކުރެވެންދެން، ވަގުތީ ސެނެޓަށް ވަނީ ޔާމީން ހިމެނޭހެން 20 މީހުން އައްޔަން ކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. ސަންތި މަރިޔަނބު

    ތަނެއް ކުއްޔަށް ނަގައިގެން ހަރަދު ކުރާނެ ފައިސާއެއް ނެތް. ޖީބް ޚާލީ. ދުވަސްކޮޅަކުން ޕާޓީގަނޑު ވިއްސިވިހާލި ވާނީ.

  2. އަބްދޫ

    އއެމްއެމްޕީއާރުސީ ގެ ލާރިގަނޑު ން ގެއެއް އެޅުނީތަ؟

  3. ޢަބްދުﷲ

    ޕީ.އެން.އެފް އެއްކޮށް ޔާމީންގެ އެކައުންޓަށް ކަހާލަބަލަ. މހބ.ބލއއ.މ... އހ

  4. އަލީ

    ޔާނު މިހާރު ޗާރޓުން ފޮހެވިފަ ހުރިމީހެއް.

  5. އަބްދޫ

    ޗެކް މާރުކޮށްގެން ޖަމާވި އެތައްމިލިއަންޑޮލަރުގެ ހަޒާނާ.

  6. އިސްމެހެލާ

    ކުއްޔައްތަ ނޫނީ ހިލޭތަ؟ ހާދަ ލާރިއެކޭ

  7. Anonymous

    އެތަން ޕާޓީގެ ނަމުގައި ހިފާފަ ޔާމީނަށް ފައިސާ ލިބޭގޮތަށް ހަދަން ތިއުޅެނީ، ޔާމީނުގެ ގޭ ޕާޓީޔަށް ކުއްޔަށް ދީގެން ފައިސާ ހޯދުން !