ދިވެހިންގެ އެހީގައި ފަލަސްތީނުގެ ކުއްޖަކު ރާއްޖެ ގެނެސްފައިވާ ކަމަށް "ޚިދުމަތް" ޖަމިއްޔާއިން ބުނެފިއެވެ.

އެޖަމިއްޔާއިން މިއަދު ރާއްޖެ ގެނެސްފައިވަނީ ފަލަސްތީނުގެ ރައްޔިތެއް ކަމަށްވާ އުމުރުން 17 އަހަރުގެ ނަދާއެވެ.

މިއަދު ރާއްޖެ ގެނެސްފައިވާ ނަދާގެ ދައްތައެއް އުޅެނީ ޖަމިއްޔަތުލް ފަލާހުގެ ރައީސް، ގާރީ، އަބްދުއްސައްތާރު އަބޫބަކުރުގެ ދަރިއަކާއި ކައިވެނިކޮށްގެންނެވެ. އެކުއްޖާ ރާއްޖެ ގެނައުމަށް އެދިފައިވަނީ ފަލާހު ޖަމިއްޔާއިންނެވެ.

އެ ޖަމިއްޔާގެ ސްޕޯކްސްޕާސަން އަހުމަދު ފަޔާޒް "ވަގުތު" އަށް ވިދާޅުވީ، އެކުއްޖާ ރާއްޖެ ގެނައުމަށް މީގެ 20 ވަރަކަށް ދުވަސް ކުރިން ފަލާހުން އެދުމުން ރައްޔިތުންގެ ފަރާތުން ލިބުނު އެހީގައި އެކުއްޖާ ގެނައުމުގެ މަސައްކަތް ފެށި ކަމަށެވެ.

ޚިދުމަތް ޖަމިއްޔާއިން ރާއްޖެ ގެނައި ފަލަސްތީނުގެ ނަދާ ވެލާނާ އެއާޕޯޓުގެ މުވައްޒަފުންތަކަކާއި އެކީ-- ފޮޓޯ: ޚިދުމަތް ޖަމިއްޔާ

ފަޔާޒް ވިދާޅުވީ، އެކުއްޖާ ދިރިއުޅެމުން ދިޔައީ ނިރުބަވެރިން ވަރުގަދަ ހަމަލާތަކެއް ދެމުން އައި ޣައްޒާގައި ކަމަށާއި އެތަނުގެ ކަންކަން ހުރި ގޮތުން ކުއްޖާ ޣައްޒާއިން ބޭރު ކުރަން ވެސް ވަރަށް ދަތިތައް ކުރިމަތިވި ކަމަށެވެ.

ނަދާ މިވަގުތު ރާއްޖޭގައި ހުރިއިރު، ދިރިއުޅެން ހަމަޖެހިފައިވަނީ މެލޭޝިއާގައި ދިރިއުޅެމުން އަންނަ ކުއްޖާގެ އާއިލާއާއި އެކީ ކަމަށާއި ދެ ހަފްތާއެއްހާ ދުވަސް ތެރޭ އެކުއްޖާ މެލޭޝިއާއަށް ފުރާނެ ކަމަށް ފަޔާޒް ވިދާޅުވިއެވެ.

ފަޔާޒް ވިދާޅުވީ، ނަދާ ތައުލީމު ހާސިލު ކުރާނީ ވެސް މެލޭޝިއާގައި ކަމަށާއި އެކަމުގެ ހަރަދުތައް ހަމަޖައްސާނީ ދިވެހީން ދޭ އެހީގައި ކަމަށެވެ.

ޚިދުމަތް ޖަމިއްޔާއިން ރާއްޖެ ގެނައި ފަލަސްތީނުގެ ނަދާ އާއި ދިވެހިންތަކެއް-- ފޮޓޯ: ޚިދުމަތް ޖަމިއްޔާ

ނަދާ މިއަދު ރާއްޖެ ގެނެސްފައިވާއިރު، އޭނާ މިހާރު އެދެމުން އަންނަނީ އޭނާގެ އާއިލާގެ ދެން ތިބި މީހުން ރާއްޖެ ގެނައުމަށް ކަމަށް ވެސް ފަޔާޒް ވިދާޅުވިއެވެ.

"ނަދާ ފިޔަވައި އާއިލާގެ 7 މީހުން އެބަ ތިބި ޣައްޒާގަ. އެއީ މަންމަ އާއި ބައްޕަ ހިމެނޭހެނެ. ވަރަށް ބޮޑަށް އެދޭ ގެންނަން އެމީހުން. އެއީ އެމީހުންގެ ގެ ވަށައިގެން އިސްރާއީލުގެ އަސްކަރީ ޓޭންކަރުތައް ތިބުމުން. ބުނި ނޭނގެއޭ މިހާރު ގެ ވެސް ސަލާމަތުން ހުރި ކަމެއް. އާއިލާ މިހާރު އޮތީ އެކި ސަރައްދުތަކަށް ވިއްސި ވިހާލި ވެފައި ކަމަށް ވަނީ،" ފަޔާޒް ވިދާޅުވިއެވެ.

ފަޔާޒް ވިދާޅުވީ، ނަދާ އެގޮތަށް އެދުނު ނަމަވެސް އެކަމަކީ ވަރަށް ބޮޑު ހަރަދެއް ދާނެ ކަމަކަށްވާތީ، އެކަން ވަގުތުން ވަގުތަށް ކުރެވޭ ގޮތެއް ނުވާ ކަމަށެވެ.

"މިއަދު ނަދާއާއިއެކު މިއުފާވެރިކަމުގައި، ނަދާގެ ހުވަފެން ހަގީގަތަކަށް ހެދުމަށް އެހީތެރިވެދެއްވި ކޮންމެ ދިވެހި ރައްޔިތެއްގެ ބައިވެރިވުން ހިމެނޭނެ ކަމީ ޝައްކެއް އޮތްކަމެއް ނޫނެވެ. އަދި އަޅުގަނޑުމެން އެންމެންގެ ދުޢާއަކީ، ނަދާގެ އުފަންރަށް ފަލަސްތީން، އަނިޔާވެރިންގެ ކިބައިން މިނިވަންވެގެން ދިއުމެވެ. އާމީން!" ފަޔާޒް ވިދާޅުވިއެވެ.

ޚިދުމަތް ޖަމިއްޔާއިން ފަލަސްތީނުގެ ކުއްޖަކު ރާއްޖެ ގެނެސްފައިވާއިރު، އިންޓަނޭޝަނަލް އެއިޑް ކެމްޕޭން (އޭއައިސީ) އިން ވެސް ވަނީ ދިވެހިންގެ އެހީގައި ފަލަސްތީނުގައި ތިބި، ރާއްޖޭގެ އިސްލާމިކް ޔުނިވާސިޓީގެ ޕްރޮފެސަރެއް ކަމަށްވާ ޑރ. ހަސަން އަލް ކުރުދީގެ އާއިލާ ވެސް މިދިޔަ ހަފްތާގެ ތެރޭގައި ރާއްޖެ ގެނެސްފައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ޒާ

    އަހަރެމެން އެދެން މުސްލިމުން ހާލުގައި ޖެހުނު ހިނދު ދެވެން އޮތް އެހީތެރިކަމެއްދީ ސަލާމަތް ކޮށްދެވެން އޮތް ބަޔަކު ސަލާމަތް ކޮށްދޭން. އެއީ ޤައުމީ ސަލާމަތަށް އޮތް ނުރައްކަލެއްވެސްނޫން. އެހާ މަދު ބަޔަކު އެއީ. ރާއްޖޭގެ ޤައުމީ ސަލާމަތަށް ވަރަށް ނުރައްކާ އޮތް ކަންކަން މިހާރު މިރާއްޖޭގައި އެބަހިނގާ. މިސާލަކަށް ދިވެހި އަންހެނުން ބަންގާޅީންނާއި އިންޑިއާމީހުންނާއިނދެގެން ހިންގާ ޖަރީމާ ވަރަށް މަތީގަ އޮތީ.

    108
    1
    • Anonymous

      ގައުމީ ސަލާމަތަށް އޮތް އެންމެ ބޮޑު ނުރައްކަލަކީ ބަންގާޅީ ބޭފުޅުންނާ އިންނަ ދިވެހި މޮޔަ އަންހެނުންނެވެ. އެމީހުންގެ ސަބަބުން ދިވެހިރާއްޖޭގެ މުސްތަގުބަލު ބަނަވަމުންދަނީއެވެ. ބަންގާޅީ ބޭފުޅުންނާ ދިވެހި އަންހެނުން ކާވެނިކުރުން މަނާކުރަންވެއްޖެއެވެ.