އެހެން ގައުމުތަކުގެ ދަރިވަރުން ރާއްޖޭގައި ކިޔެވުމުގެ ފުރުސަތު މިދައުރުގައި ހުޅުވާލާނެ ކަމަށް ތައުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްގީކުރުމާ ބެހޭ ވަޒީރު ޑރ. މަރިޔަމް މާރިޔާ ވިދާޅުވެއްޖެއެވެ.

ކުރިއަށް އޮތް 5 އަހަރު ކަމާއި ގުޅޭ މުއައްސަސާތަކާއި ގުޅިގެން އެ ވުޒާރާއިން ކުރިއަށް ގެންދަން ނިންމާފައިވާ ކަންތައްތައް މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވަޒީރު ވަނީ ހާމަކޮށްފައެވެ. މޯލްޑިވްސް ސްކިލްސް ޑެވެލޮޕްމަންޓް އޮތޯރިޓީ، މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ، މޯލްޑިވްސް ނޭޝަނަލް ޖޮބް ސެންޓަރ، މޯލްޑިވްސް ޕޮލިޓެކްނިކް އަދި ލޭބަރ ރިލޭޝަންސް އޮތޯރިޓީއަކީ އެ ވުޒާރާގެ ދަށުން ހިންގަމުން އަންނަ އޮތޯރިޓީތަކެވެ.

އެ ބައްދަލުވުމުގައި މާރިޔާ ވިދާޅުވީ، އެ އޮތޯރިޓީތަކާއި ގުޅިގެން ރާއްޖެއިން ފޯރުކޮށްދޭ މަތީ ތައުލީމާއި ތަމްރީނުގެ ފެންވަރު ރަނގަޅުކޮށް ބޭރުގެ ދަރިވަރުންވެސް ރާއްޖެއިން މަތީ ތައުލީމް އުނގެނުމުގެ ފުރުސަތު މި ދައުރުގައި ހުޅުވާލެވޭނެ ކަމަށެވެ. މިއީ ރައީސް މުއިއްޒުގެ ވިޒިޓަރ އެކޮނޮމީ ސިޔާސަތުގެ ދަށުން ހިންގަން ކަނޑައަޅާ ޕްރޮގްރާމެކެވެ.

ތައުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްގީކުރުމާ ބެހޭ ވުޒާރާއިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުން - ވަގުތު އިމޭޖަސް: މުހައްމަދު އަލީފް

މާރިޔާ ވިދާޅުވީ، ރާއްޖޭގައި މަތީ ތައުލީމާއި ތަމްރީނުދޭ މަރުކަޒުތަކުގެ ޕްރޮގްރާމްތައް އިންޓަރނޭޝަނަލައިޒްކޮށް ބޭރުގެ ދަރިވަރުން ރާއްޖޭގައި ކިޔެވުމުގެ ފުރުސަތު ހުޅުވިގެންދާނެ ކަމަށެވެ. އެކަމަށް މަގުފަހިކުރުމަށް ސްޓޫޑެންޓް އިންޓަނޭޝަނަލް ވިސާ ހޯދުމަށް ހުރި ހުރަސްތައް ނައްތާލާ ޕެސްޓޮރަލް ކެއަރ ޤާނޫނީ ބާރު ލިބިގެން ހޯމް ސްޓޭ އާއި ދަނާލުގައި އެކޮމޮޑޭޝަން ހަމަޖައްސައިދޭނެ ނިޒާމެއް ޤާއިމުކުރެވިގެންދާނެ ކަމަށް ވަނީ ވިދާޅުވެފައެވެ.

"ރާއްޖޭގައި މަތީ ތައުލީމުދޭ މަރުކަޒުތަކުގެ ޕްރޮގްރާމްތައް އިންޓަނޭޝަނަލައިޒްކޮށް ބޭރުގެ ކިޔަވާ ކުދިން ރާއްޖޭގެ މަރުކަޒުތަކުގައި ކިޔެވުމުގެ ފުރުސަތު ހުޅުވާލެވިގެންދާނެ." މާރިޔާ ވިދާޅުވިއެވެ.

ތައުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްގީކުރުމާ ބެހޭ ވުޒާރާއިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުން - ވަގުތު އިމޭޖަސް: މުހައްމަދު އަލީފް

މިދައުރުގައި ކުރިއަށް ގެންދަން ނިންމާފައިވާ ކަންތައްތަކުގެ ތެރޭގައި ރާއްޖޭގެ ކޮންމެ އަތޮޅެއްގައި މަތީ ތައުލީމާއި ތަމްރީނުދޭ މަރުކަޒާއި ދަނާލްތައް ޤާއިމުކުރުން ހިމެނެއެވެ. އޭގެ ތެރޭގައި އެމްއެންޔޫ، މޯލްޑިވްސް އިސްލާމިކް ޔުނިވާސިޓީ، މޯލްޑިވްސް ޕޮލިޓެކްނިކްގެ އިތުރުން އެ ސަރަހައްދަށް ފައިދާ ހުރި ހާއްސަ ދާއިރާތަކަށް އިސްކަންދީގެން ތަމްރީނުދޭ މަރުކަޒުތައް ޤާއިމުކުރަމުން ގެންދާނެ ކަމަށް ވަޒީރު ވިދާޅުވިއެވެ.

"މި މަރުކަޒުތައް އެކިއެކި ސިނާއަތްތަކަށް ހާއްސަކުރެވޭނެ، މިސާލަކަށް ދަނޑުވެރިކަމާއި މަސްވެރިކަމާއި ވަޑާމާއި ފަތުރުވެރިކަމުގެ ދާއިރާތަކުގެ އިތުރުން އެކިއެކި ބަސް ދަސްކޮށްދޭ މަރުކަޒުތައް ޤާއިމުކުރެވޭނެ." މާރިޔާ ވިދާޅުވިއެވެ.

ހަމައެއާއެކު މަތީ ތައުލީމު ހާސިލްކުރާ އާބާދީގެ މަދުވެގެން ދެ އިންސައްތަ ދަރިވަރުންނަކީ އެހެން ގައުމުތަކުން ދިވެހިރާއްޖެއަށް މަތީ ތައުލީމް ހާސިލް ކުރުމަށް އަންނަ ދަރިވަރުންނަށް ހެދުމަކީ އެއް އަމާޒު ކަމުގައި އެ ވުޒާރާއިން މިއަދު ވަނީ ވިދާޅުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ހިނި

    ޅެމުން ފަރުވާ ހޯދަން އެހެން ގައުމުތަކުގެ މީހުންނައް ހުޅުވާލާ އޭރުން މާރަގަޅުވާނެ ވާ ކަމެއްހަރާން މުޅިން ވެސް ކަމަކީ ރައްޔިތުން ގުބޯހެއްދުން

  2. ަޝާފް

    ތިކަން ހުޅުވާނުލާތީ މިތަނަށް ތައުލީމު ހާސިލު ކުރަން މީހުންނާނަނީ. މިތަނަކީ ތައުލީމީ ޚަޒާނާއެއް. މިތާ ސުކޫލަކުން އަހަރު މުޅި ދުނިޔިއާއި ކައުނުން އެއްވަނަ ހޯދާ ގާތްގަނޑަކަށް ސަތޭކައެއްހާކުދިން. އެކުދިންގެ ބުއްދިވެރިކަމާއި މޮޅުކަމުން ދުނިޔޭގެ ގައުމުތަކުގެ ބޮޑެތި ކުންފުނިތަކުން ތިބެނީ ރާއްޖޭގެ ސުކޫލުތަކުން ރިޕޯޓުފޮތްދޭ ދުވަހަކަށް އިންތިޒާރުކޮއްލަ ކޮއްލާ. އިންޑިޔާ ލަންކާގެ ނޫސްތަކުގަ ޖަހައިގެން ހޮވައިގެން ރާއްޖެ ގެންނަ ސުކޫލު ޓީޗަރުންނަކީ އަސްލު ބޮޑެތި ޕުރޮފެސަރުން. އެމީހުންގާތުން އިނގިރޭސި ބަސް އުނގެނުނީމާ އިނގިރޭސި ވިލާތު މީހުންވެސް ތިބެނީ ހައިރާންވެފާ. ވީމާ މިތަނުގެ ތައުލީމު ބޭރު ގައުމުތަކަށް ހުޅުވާލީމާ ދުނިޔޭގެ ކުރިއެރުމާއި ތަރައްގީގެ ސުޕީޑުވެސްދާނީ ދެގުނަވެގެން. މިތަނުގެ އިލްމު އެހެން މީހުންނަށް ވަރަށް މުހިންމެވެ.

  3. ކޮސް

    އެނބުރި ރަށަށް ދާއިރު ހުންނާނީ ޑުރަގީއަކަށް ވެފަކަން ނޭނގެ

  4. ޙެހެހ

    ބޮޑުކަމެއް މީ ދެން ، މިއުޅެނީ މިޤައުމުގެ ދަރިންނަށް ކިޔަވާދޭނެ ޓީޗަރުންނާއި ސްކޫލްތައް ނެތިގެން ، މީ ކިހާ ބޮޑުވެއްޖެކަމެއް ، މިމީހުން ކޮންއިރަކުތަ މި ޤައުމާއިމެދު ވިސްނާނީ ، ބޭރުން ކިޔަވާގެން އައިސް މިހުންނަނީ ބޭރު މީހުންގެ ވިސްނުން ، އިސްރތިއުފާދޭންވީ