ބޮސްނިއާގެ މުސްލިމުންނާ ދެކޮޅަށް ޖުލައި 1995 ވަނަ އަހަރު ހިންގި ގަތުލުއާންމު ފާހަގަ ކުރުމަށް އދ. އަށް ހުށަހެޅި ގަރާރަށް ރާއްޖެ އިން ތާއީދު ނުކުރީ އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯއައިސީ) މެމްބަރު ގައުމުތަކުގެ ތެރެއިން ގިނަ ގައުމުތަކަކުން ނެގި ސްޓޭންޑު ކަމަށް ސަރުކާރުން މިއަދު ހާމަކޮށްފިއެވެ.

ޖަރުމަނުން އިސް ނަގައިގެން އދ. ގެ އާންމު މަޖިލިހަށް ހުށަހެޅި ގަރާރުގައި އޮތީ ކޮންމެ އަހަރެއްގެ ވެސް 11 ޖުލައި ވަނަ ދުވަހަކީ ބައިނަލްއަގުވާމީ ގޮތުން ފާހަގަ ކުރަން ޖެހޭ ދުވަހެއްގެ ގޮތުގައި ކަނޑައެޅުމަށެވެ. މި މައްސަލައިގައި 2007 ވަނަ އަހަރު ދުނިޔޭގެ ކޯޓު، އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސް (އައިސީޖޭ) އިން ނިންމާފައި ވަނީ އެ ގައުމުގައި ހިންގާފައި ވަނީ ގަތުލުއާންމެއް ކަމަށެވެ. އޭގެ ފަހުން ބޮސްނިއާ އެންޑް ހަރްޒެގޮވިނާގައި ސުލްހަ ދެމެހެއްޓުމަށްޓަކައި އަދި މިފަދަ ކަމެއް އަލުން ތަކުރާރުވިޔަ ނުދިނުމަށްޓަކައި ހަމަނުޖެހުމުގެ ހުރިހާ ބައިވެރިން ވަނީ ވަކި އިންތިޒާމުތަކަކަށް އެއްބަސްވެފައެވެ.

އ.ދ. އަށް މި ގަރާރު ހުށަހެޅުމާއެކު ބޮސްނިއާ އެންޑް ހަރްޒެގޮވިނާގެ ރިޔާސަތުގައި ހިމެނޭ ސާބް ނަސްލަށް ނިސްބަތްވާ ފަޅިން ވަނީ މި ގަރާރާ ދެކޮޅަށް ވޯޓުދިނުމަށް އެދި ލޮބީ ކޮށްފައެވެ. އަދި މި ގަރާރަކީ ބޮސްނިއާ އެންޑް ހަރްޒެގޮވިނާގައި ގާއިމުކުރެވިފައިވާ ސުލްހަ ގެއްލޭ ގޮތަށް ސާބިއާއަށް ހުރިހާ އިލްޒާމެއް އަޅުވައި، އެ ގައުމުގެ މަސްރަހު އަލުން ގޯސްކުރަން މަގުފަހިވާނެ ގަރާރެއް ކަމަށް ބުނެފައެވެ. އަދި މި ކަމުގެ ފަހަތުގައި ހުޅަނގުގެ ގައުމުތަކުން ވާ ކަމަށާއި އެއީ ހުޅަނގުގެ ގައުމުތަކުން ބޭނުންވާގޮތަށް ސާބިއާއިން އެއްބަސްނުވާތީ އާއި ސާބިއާ އާއި ރަޝިއާގެ ގާތްގުޅުމާ ގުޅިގެން ފާސްކުރަން އުޅޭ ގާރާރެއް ކަމަށް ވަނީ ތުހުމަތުކޮށްފައެވެ.

މި ގަރާރު ފާސް ކުރީ 84 ގައުމުގެ ތާއީދާއެކުގައެވެ. ގަރާރު ފާސް ކުރުމާ ދެކޮޅަށް ވޯޓު ދިނީ އެންމެ 19 ގައުމެވެ. އަދި އެއްވެސް ގޮތަކަށް ވޯޓުލާން ބޭނުން ނުވާ 68 ގައުމު އޮތް އިރު، އެ ގައުމުތަކުގެ ތެރޭގައި ރާއްޖެ ވެސް ހިމެނެއެވެ.

އޯއައިސީގެ 56 މެމްބަރު ގައުމުގެ ތެރެއިން މި ވޯޓުގައި ބައިވެރިވީ 48 ގައުމަކުންނެވެ. އަދި އަށް މެމްބަރު ގައުމަކުން މި ވޯޓުގައި ބައިވެރިވެފައެއް ނުވެއެވެ. ވޯޓުގައި ބައިވެރިވި ގައުމުތަކުގެ ތެރެއިން ގިނަ ގައުމުތަކުން މި ގަރާރަށް ތާއީދުކޮށްފައެއް ނުވެއެވެ. އޭގެ ތެރޭގައި ތިން ގައުމަކުން މި ގަރާރާ ސީދާ ދެކޮޅަށް ވޯޓު ދިން އިރު، އޯއައިސީގެ 18 އެހެން ގައުމަކާ އެއްގޮތަށް ރާއްޖެ އިން ވެސް ހިޔާރުކޮށްފައި ވަނީ މި ގަރާރާ ސީދާ ކޮޅަށް ވޯޓު ދިނުމުގެ ބަދަލުގައި ވަކި ކޮޅަކަށް ވޯޓު ނުދިނުމަށެވެ.

ރާއްޖެއިން ބޮސްނިއާ މައްސަލައިގައި ވޯޓުދީފައިވަނީ ފަލަސްތީނަށް އ.ދ. ގެ ފުރިހަމަ މެމްބަރުކަން ދޭން އދ. ގެ އާންމު މަޖިލީހުން ފާސްކޮށްފައިވާ ގަރާރު އަރަބި ގްރޫޕުގެ ފަރާތުން ހުށަހެޅި އެކުވެރި އަރަބި އިމާރާތް (ޔޫއޭއީ) އާ އެއް ވިސްނުމެއްގައެވެ. އަދި ބޮސްނިއާ އެންޑް ހަރްޒެގޮވިނާގެ މި މައްސަލައިގައި އިސްކޮށް އުޅޭ ގައުމުތަކުގެ ތެރޭގައި އިސްރާއީލަށް ފާޅުގައި ވާގިވެރިވާ ގައުމުތައް ހިމެނުމާއެކުގައެވެ. އޯއައިސީގެ ގައުމުތަކުގެ އިތުރުން، މި ގަރާރާ ދެކޮޅަށް ޗައިނާއިން ވޯޓުލާފައިވާއިރު އިންޑިއާ، ލަންކާ، ނޭޕާލް، ބޫޓާން އަދި އެފްރިކާ ބައްރުގެ ގިނަ ގައުމުތަކުންވެސް ވޯޓު ލާފައިވަނީ ރާއްޖެއާ އެއްގޮތަށެވެ.

ސަރުކާރުގެ އޮފިޝަލަކު "ވަގުތަށް" ވިދާޅުވީ ރާއްޖެ އިން މިގޮތަށް ވޯޓު ދީފައި ވަނީ ގަރާރުގައި ހިމެނޭ ގައުމުތަކުން ވެސް ގަރާރާ ގުޅިގެން އިއްތިފާގުވެފައި ނުވާތީ އާއި އދ. ގެ މައި ޝަރުއީ ގުނަވަން ކަމުގައި އައިސީޖޭ އިން ނިންމާފައިވާ މައްސަލައެއްގައި އިތުރު ނުތަނަވަސްކަމެއް އުފެއްދުމަށް ބޭނުން ނުވާތީ ކަމަށެވެ.

އޭނާ ވިދާޅުވި ގޮތުގައި ބޭރުގެ އެއްވެސް ގައުމެއްގެ އެތެރޭގައި ހިނގާ ހަމަނުޖެހުންތަކާ މައްސަލަތަކުގެ ތެރެއަށް ވަދެ ބަސް ބުނެ ހެދުމަކީ ރާއްޖޭގެ ހާރިޖީ ސިޔާސަތުގެ އުސޫލެއް ނޫނެވެ.

"ސަރުކާރުގެ ސިޔާސަތަކީ ބޮޑެތި ގައުމުތަކުގެ ތަޅާފޮޅުމުގެ ތެރެއަށް ނުވަދެ ރާއްޖޭގެ މަސްލަހަތަށް އެންމެ ފައިދާވާ ގޮތަކަށް ސިޔާސަތުތައް ބެހެއްޓުމެވެ. އިސްލާމީ ވަރަށް ގިނަ ގައުމުތަކުންވެސް މި ގަރާރާ ގުޅިގެން ވަކިކޮޅަކަށް ވޯޓު ދީފައިނުވަނީ، މިކަމުގައި މިހާރު އުފެދިފައިވާ ސަރަހައްދީ ވާދަވެރިކަމުގެ ތެރެއަށް ވަދެ ބަސްބުނަން ބޭނުންނުވާތީއެވެ.". ސަރުކާރުގެ އޮފިޝަލް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ މި ގަރާރު މި ދަނޑިވަޅުގައި ނެގުމުގެ އެއް ބޭނުމަކީ ފަލަސްތީނުގައި އިސްރާއީލުން ހިންގާ ގަތުލުއާންމުގެ ވާހަކަ އޮއްބާލަން ބޭނުން ކުރާ އުކުޅެއްގެ ގޮތުގައި ބެލެވޭތީ ކަމަށެވެ.

ރާއްޖެއިން މި ގަރާރާ ގުޅިގެން ވަކި ކޮޅަކަށް ވޯޓުދީފައި ނުވިޔަސް، ރާއްޖެއިން ވަނީ މި ސަރަހައްދުގައި ހިމެނޭ ކޮސޯވޯ، ސާބިއާ، ބޮސްނިއާ އެންޑް ހަރްޒެގޮވިނާ އަދި މޮންޓެނީގްރޯ ބަލައިގަނެ، އެ ގައުމުތަކާއެކު ހާރިޖީ ގުޅުންތައް ގާއިމުކޮށްފައެވެ. އަދި އެ ގައުމުތަކާ އޮންނަ ގުޅުން ބަދަހިކޮށް، ބައިލެޓްރަލް އެއްބަސްވުންތަކުގައި ވެސް ރާއްޖެ އިން ވަނީ ސޮއިކޮށްފައެވެ. ފާއިތުވި 10 އަހަރު ދުވަހުގެ ތެރޭގައި ނޮން ރެޒިޑެންޓް ސަފީރުން އައްޔަނުކުރުމުގެ އިތުރުން ދިވެހި ސަރުކާރުގެ އިސް ބޭފުޅުން ވަނީ އެ ގައުމުތަކަށް ދަތުރުފުޅުވެސް ކުރައްވައިފައެވެ. އަދި ބައިނަލްއަގުވާމީ މައިދާނުގައި ވެސް ރާއްޖެއިން ދަނީ އެކި މައްސަލަތަކުގައި އެ ގައުމުތަކާ ގުޅިގެން މަސައްކަތް ކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

  1. ހަންޑިކުޑަ

    ތިގޮތެއް އިނބަމެނަކަށް ގޯހެއް ނުވާނެ! ކަން މިހެން ހުރުމުން ފަލަސްތީނުގައި ތިބި މުސްލިމުން އިޒްރޭލުން މަރާ ވާހަކަ އިނބަމެން ނުދެއްކުން ބުއްދިވެރިވާނެ. ސަބަބަކީ ހަމަ ބަޔަކު އަމަލު ކުރާ ގޮތަކަށް އިނބަމެން ކަންކަން ނިންމާތީ ، އަމިއްލައަށް ކަންކަން ނިންމުމުގެ ޤާބިލުކަން އަނބަމެންގެ ސަރުކާރުގައި ނެތީމައި!

    4
    3
  2. ދަތްނެތްކުއްޖާ

    ﷲއަކްބަރ! ކޮންފަދަ ބޮޑު ޓީމެއް ގޮވައިގެން މި ދަތުރު ކުރައްވަނީ! ރައްޔިތުންގެ ޓެކްސް ފައިސާ ތިޔަ ތަލާ ބުރުއްސަނީ އިނބަމެން އެއްވެސް އެއްޗެއް ހިތަކަށް ނާރުވާ! ﷲ އަކްބަރ! ޖަވާބު ދާރީ ވާން ޖެހޭ ދުވަސް ވެސް އޮތީކީ ދުރަކު ނޫންކަން ދަނެގެން އުލުން ބުއްދިވެރިވާނެ ކަމަށް ދެކެން.

    1
    2
  3. ހަސަނު

    އެހެން ޤައުމަކުން ކުރާކަމެއްބަލާކަށް ނުޖެހެ. ކޮބައިތޯ ތިވިދާޅުވާ "ޕްރޯމޯޑިވްސް ސިޔާސަތު"

    2
    2
  4. ޒާ

    އިތުރު ބަހަނާ ދައްކާނެ ކަމެއްނެތް. މިއަދުގެ އަރަބި އިސްލާމީ ގައިމިތަކަކީ ފަލަސްތީނު މައްސަލާގައިވެސް ކަންނެތްވެފައިވާ އެމީހުންގެ ހައްގުގައި އެއްވެސް މަސައްކަތެއް ނުކުރާ ބައެއް. އެފަދަ ބަޔަކާއެކު ތިވަނީ މުސްލިމުންނާ ދެކޮޅުވެފައި. ކާފަރުން ގަރާރު ހުށަހެޅިޔަސް މުސްލިމުންނަށްވުރެން އިންސާނިއްޔަތުކަން ކުރިޔަށް ނެރެފިނަމަ އެކަމުގައި ބައިވެރި ނުވިކަމީ ޢައްދާރުވުން.

    2
    2
  5. މާތް ﷲ ގެ ހައްގުގައި

    ދީނުގެ ހައްގުގައި ބަސްބުނުނުގެ ހިތްވަރު މިއަދުގެ ވެރިއެއްގައިގެ ނެތް ސަރަހައްދީ ތަޅާފޮޅުމެކޭ ވާދަވެރިކަމެކޭ ކިޔައި އެކަމުގެ ތެރެއަށް ވަންނަ ވާހަކަ
    އެއްނޫން އެކަމަކު މުސްލިމުންނާއި ދެކޮޅައް އިޒްރޭލެއް ނޫން ކޮންމެ ބަޔަކު ޖަރީމާ ހިންގިއަސް އެކަމުގައި ބަސްބުނަން ދީނުގެ ނަޒަރަކުން ވާޖިބު

    1
    1
  6. އިސްޢާފް ސަލީމް

    ރައީސް މައުމޫނު ޢަބުދުލްޤައްޔޫމުގެ ސުވާލަށް ޖަވާބު ލިބިލައްވައިފިކަމަށް ދެކެން!

  7. ޝިފާޒު

    ޔޫގޯސްލޭވިޔާ ގައި ނޭޓޯއިން ހިންގީ ޤަތުލު ޢާއްމެއް . އ.ދ ގެ ހުއްދަ ނެތި ބޮންއަޅާ ޗައިނާ އެންބަސީ ވެސް ގޮއްވާލި . އެއީ ސީދާ އެމެރިކާގެ ކަމެއް . ބޮސްނިޔާ ވެސް އެއީ އެމެރިކާއިން އަޑީގަ އޮވެގެން ޖެއްސި ގެރިއެއް

    1
    1
  8. نسيم

    ރާއްޖެއިން ކަންކުރީ ހަމަ ރަނގަޅަށް ސިޔާސީ ވިސްނުމުން އެއްކިބާވެ ވިސްނުމުން ދެން ވިސްނޭނީ ރަނގަޅަށް ސިޔާސީގޮތުން ވިސްނާތީ މިގޯސްވަނީ