އުތުރުތިލަފަޅުގައި ހަދާ އެކްރިކަލްޗާ ޒޯންގައި ކުކުޅު ބިސް ޕޯލްޓްރީ ފާމް ނުވަތަ ކުކުޅު ބިސް އުފައްދާ ކާރުހާނާއެއް ގާއިމުކުރަން ނިންމާފައިވާ ކަމަށް ދަނޑުވެރިކަމާއި ދިރޭތަކެއްޗާ ބެހޭ ވަޒީރު ޑރ. އައިޝަތު ރަމީލާ ވިދާޅުވެއްޖެއެވެ.

މިނިސްޓްރީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރަމީލާ ވިދާޅުވީ އުތުރުތިލަފަޅުން ދަނޑުވެރިކަމުގެ ސަރަހައްދުގެ ގޮތުގައި 200 ހެކްޓަރުގެ ބިމެއް ކަނޑައެޅިފައިވާއިރު އެ ސަރަހައްދުގައި ދަނޑުވެރިކަން ކުރުމުގެ އިތުރުން ފުރަތަމަ ފިޔަވަހީގައި ކުކުޅު ބިސް އުފައްދާ ކާރުހާނާއެއް އެޅުމަށް ނިންމާފައިވާ ކަމަށާއި ކުކުޅުގެ ކާނާވެސް އެތަނުގައި ހައްދައި، ކުކުޅުގެ ސިއްހީ ކަންކަން ބަލަހައްޓާ ފެސިލިޓީއެއް އެ ތަނުގައި ގާއިމުކުރެވޭނެ ކަމަށެވެ.

"ފުރަތަމަ ފިޔަވަހީގައި ދަނޑުވެރިކަމުގެ އިތުރުން ކުކުޅުބިސް އުފައްދާ ކާރުހާނާއެއް ހެދި، އެތަނުން ކުކުޅުގެ ކާނާވެސް ހެއްދޭނެ، ކުކުޅު ސިއްހީ ކަންކަން ބެލެހެއްޓުމަށް ފެސިލިޓީއެއްވެސް ގާއިމުކުރެވޭނެ." ރަމީލާ ވިދާޅުވިއެވެ.

ދެ ފިޔަވައްސަކަށް ބަހާލައިގެން މި މަސައްކަތްތައް ކުރިޔަށް ގެންދާއިރު ފުރަތަމަ ފިޔަވަހީގައި ދަނޑުވެރިކަން ކުރަން ނިންމާފައިވަނީ 100 ހެކްޓަރުގެ ބިމުގައެވެ.

"100 ހެކްޓަރުގެ ބިމުގައި ގްރީން ހައުސް އަޅައިގެން އަދި އޯޕަން އެއާކޮށް ދަނޑުވެރިކަން ކުރެވޭނެ. ރައްޔިތުން އާންމުކޮށް ބޭނުންކުރާ ތަރުކާރީ މޭވާ ބާވަތްތައް ވަނީ ފާހަގަކުރެވިފައި. އޭގެ ލިސްޓެއް ހެދިފައި. މި އެއްޗެހި އިންދައިގެން ރައްޔިތުން ބޭނުންކުރާ ކާނާގެ މިންވަރަށް ބަލާފައި ހުސްނުވެ ހެއްދޭނެ އިންތިޒާމު އެތަނުގައި މަގުފަހިވާނެ." ވަޒީރު ވިދާޅުވިއެވެ.

ރަމީލާ ވިދާޅުވީ އެގްރިކަލްޗާ ޒޯންގައި ދަނޑުވެރިކަން ކުރާނެ މީހުން ތަމްރީންކުރުމުގެ މަސައްކަތް މިހާރު ކުރަމުންދާ ކަމަށާއި ދަނޑުވެރިކަމުގައި ބޭނުންކުރާ ވަސީލަތްތައް ޓެސްޓްކުރުމުގެ މަސައްކަތްވެސް މިހާރު ކުރަމުންދާކަމަށެެވެ. އަދި އެތަނުގައި ހައްދާ ކާބޯތަކެތި ސިންދަފާތުކުރުމަށް ވެލީގެ ދިރާސާތަކެއް ކުރަން ހަމަޖެހިފައިވާކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ރާއްޖޭގެ ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރު ކުރުމުގެ ގޮތުން ދަނޑުވެރިކަމުގެ އިގްތިސާދީ ސަރަޙައްދެއް ގާއިމްކުރުމަށް މޯލްޑިވްސް އިންޑަސްޓްރިއަލް ޑިވެލޮޕްމެންޓް ފްރީޒޯން ކުންފުނިން ޗައިނާގެ ހާބާ އިންޖިނިއަރިންގް ކޮމްޕެނީ ލިމިޓެޑާއެކު އެއްބަސްވުމެއްގައި ވަނީ ސޮއިކޮށްފައެވެ. މި އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ މިއަހަރުގެ މާޗް މަހުގެ 28 ވަނަ ދުވަހުއެވެ. އުތުރުތިލަފަޅުގައި ހަދާ މި ސަރަހައްދުގައި ދަނޑުވެރިކަން ކުރެވެން ފެށުމާއެކު ރާއްޖޭގެ ކާބޯތަކެތީގެ ރައްކާތެރިކަން ވަރަށް ބޮޑަށް ކަށަވަރުވާނެކަމަށް ސަރުކާރުން ވިދާޅުވެއެވެ.

ރާއްޖޭގައި ކާބޯތަކެތީގެ ބާވަތްތައް ހައްދައި، ރާއްޖޭގެ ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރުކުރުމަކީ ސަރުކާރުގެ މުހިންމު އެއް ސިޔާސަތެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ޙ

    މިނޫނަސް އެބަހުރި ރާއްޖެއިން ބޭރުން އެތެރެކުރާ ވަރަށް ގިނަ ތަކެތި. ބޭރުން އެތެރެކުރަން ނުޖެހޭވަރަށް ރާއްޖޭގައި އުފެއްދިދާނެ.

  2. މޫސަބޭ

    ކުކުޅުބިސް އުފައްދާ ކާރުޚާނާއެއްތޯއެވެ؟ނޫނީ ކުކުޅު ފާރމެއްތޯއެވެ؟