ރާއްޖެއަށް ކުރަމުން އަންނަ ވިއްސާރަ އަދިވެސް ރަނގަޅުވެފައި ނުވާތީ، މޫސުމާއި ބެހޭ ގައުމީ އިދާރާ (މެޓް) އިން މުޅި ރާއްޖެއަށް ހުދު ސަމާލު ނެރެފިއެވެ.

މެޓުން ހުދު ސަމާލު ނެރެފައިވަނީ މިއަދު 15:30 އިން މިރޭ 21:30 އަށެވެ.

މެޓުން ވިދާޅުވީ، މި ވަގުތުގައި ބޯކޮށް ވާރޭވެހުމާއެކު ގުގުރުން، އަދި ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައިގަދަވެ ކަނޑުތައް ގަދަވާނެ ކަމަށް ލަފާ ކުރެވޭ ކަމަށެވެ.

މެޓުން އިއްޔެ ވިދާޅުވީ، ބުދަ ބުރާސްފަތި ހިސާބުގައި ރާއްޖޭގެ އެކި ހިސާބުތަކަށް ކެރީގެ އަސަރު ފޯރާނެ ކަމަށެވެ. އަދި އެ ދެދުވަހި ވައިގަދަވެ، ކަނޑުތައް ވެސް ގަދަވާނެ ކަމަށް ވަނީ ލަފާ ކޮށްފައެވެ.

މެޓުން ވިދާޅުވީ، ރާއްޖެއަށް މިހާރު ކުރަމުން އަންނަ ވިއްސާރަ ރަނގަޅުވާނެ ކަމަށް ލަފާ ކުރެވެނީ ހޮނިހިރު ދުވަހުން ފެށިގެން ކަމަށެވެ. އެއާއިއެކީ ކުރިއަށް އޮތް ހަފްތާގައި މޫސުން ރަނގަޅުވާނެ ކަމަށް ލަފާކުރާ ކަމަށް ވެސް މެޓުން ވިދާޅުވިއެވެ.

ރާއްޖެއަށް މިހާރު ކުރަމުން އަންނަ ވިއްސާރާގައި އެކި ރަށްރަށުގައި ވަނީ ފެންބޮޑުވުމުގެ އެކި ހާދިސާތައް ހިނގާފައެވެ.