ރާއްޖެއަށް ޗުއްޓީ ހޭދަކުރުމަށް އައިސް އުޅުނު ފަތުރުވެރިންތަކެއް އެމީހުން ގެންގުޅޭ ކުއްތާއެއް ކ. ތުލުސްދޫއަށް ބޭލި މައްސަލަ މޯލްޑިވްސް ކަސްޓަމްސްއިން ބަލަން ފަށައިފިއެވެ.

ކަސްޓަމްސްއިން ނެރުނު ބަޔާނެއްގައި ވިދާޅުވެފައި ވަނީ ކުއްތާއަކީ، ރާއްޖެއަށް ގެނައުން މަނާ ތަކެތީގެ ގާނޫނު ގެ ފަސް ވަނަ މާއްދާގެ (ހ) ގެ ދަށުން ދިފާއީ ވުޒާރާގެ ހާއްސަ ހުއްދައެއް ލިޔުމަކުން ލިބިގެން ރާއްޖެއަށް ގެނެވޭ އެއްޗެއް ކަމަށެވެ.

މިހާރު ދައުރުވަމުންދާ ވީޑިއޯއިން ފެންނަ ކުއްތާއަކީ، މި މަހުގެ 16 ވަނަ ދުވަހު ސެއިލިން ޔޮޓެއްގައި ރާއްޖެ ގެނެސްފައިވާ ކުއްތާއެއް ކަމަށާއި ހަމައެކަނި އެ ޔޮޓުގައި ޕެޓް ޑޯގެއްގެ ގޮތުގައި އެ ކުއްތާ ގެންގުޅުމަށް އެ ވުޒާރާއިން ހާއްސަ ހުއްދައެއް ދީފައިވާ ކަމަށް ކަސްޓަމްސްއިން ވިދާޅުވެފައި ވެއެވެ. އަދި އެ ޔޮޓު ރާއްޖޭގެ އެކި ސަރަޙައްދުތަކަށް ދަތުރުކުރި ނަމަވެސް، ޔޮޓުން ކުއްތާ ނުބޭލޭނެ ކަމަށް އެ ހުއްދައިގައި ބަޔާންކޮށްފައިވާ ކަމަށްވެސް ވިދާޅުވެފައި ވެއެވެ.

ނަމަވެސް، ހުއްދައާ ހިލާފަށް، ކުއްތާ ޔޮޓުން ބާލައިގެން ރާއްޖޭގެ ރަށެއްގައި ގެންގުޅެފައިވާކަމަށް ބެލެވޭތީ، މައްސަލަ އިތުރަށް ތަހުގީގްކުރަމުންގެންދާ ކަމަށް ކަސްޓަމްސްއިން ވިދާޅުވެފައި ވެއެވެ.

މި މައްސަލައިގައި ފުލުހުން ވިދާޅުވި ގޮތުގައި ހިންމަފުށީ ބޭރުގައި އޮތް ޔޮޓެއްގައި ފަތުރުވެރިންތަކެއް ގެންގުޅުނު ކުއްތާއެއް ތުލުސްދޫއަށް ބޭލި ކަމުގެ ރިޕޯޓް ލިބިގެން ފުލުހުން އެޓެންޑް ވެފައިވާ ކަމަށެވެ.

ފުލުހުން އެކަމަށް އެޓެންޑްވެ، އެ ކުއްތާ މިހާރު އަނބުރާ ޔޮޓަށް ގެންގޮސްފައިވާ ކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ.