ރާއްޖެ އާއި ޗައިނާ އާއި ދެމެދު ޑިޖިޓަލް ޕޭއިމެންޓް ނެޓްވޯކެއް ގާއިމުކުރުމަށް އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

މި އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ އައިޓީބީ ޗައިނާ ކޮންފަރެންސްގެ ތެރެއިންނެވެ. އެ ކޮންފަރެންސްގެ ތެރޭގައި ރާއްޖެ އާއި ޗައިނާ އާއި ދެމެދު ޑިޖިޓަލް ޕޭއިމެންޓް ނެޓްވޯކެއް ގާއިމުކުރުމަށް ސޮއިކުރީ މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ)އާއި ޗައިނާގެ ވެއިޒިން ޕޭއި އާއި ދެމެދުގައެވެ.

އެމްއެމްޕީއާރްސީގެ ފަރާތުން އެ އެއްބަސްވުމުގައި ސޮއި ކުރައްވާފައިވަނީ ޑެޕިއުޓީ މެނޭޖިންގް ޑިރެކްޓަރ ޒިހުނީ ރަޝީދެވެ. އަދި ވެއިޒިން ޕޭއިން ސޮއި ކުރައްވާފައިވަނީ ވެއިޒިން ޕޭގެ ކަންޓްރީ މެނޭޖަރު، ސިންގަޕޫރު އަދި ރީޖަނަލް ޑިރެކްޓަރު، ސައުތުއީސްޓް އޭޝިއާ، ވީޗެޓް ޕޭގެ އެޓިއެން އެން ޖީ އެވެ.

އެމްއެމްޕީއާރްސީއިން ބުނީ މި އެއްބަސްވުމުގައި ސޮއި ކުރުމުން ވެއިޒިން ޕޭއާއި ގުޅިގެން ހިންގާ މާކެޓިންގް ހަރަކާތްތަކުގައި ރާއްޖެއަށް އަންނަ ޗައިނާ ފަތުރުވެރިންގެ އަދަދު އިތުރުވެގެން ދާނެ ކަމަށެވެ.

އަދި ވެއިޒިން ޕޭގެ ނުފޫޒާއެކު، ޗައިނާގެ ފަތުރުވެރިންނަށް ލީޑިން މަންޒިލެއްގެ ގޮތުގައި ރާއްޖޭގެ މަގާމު އިތުރަށް ވަރުގަދަ ކުރެވިގެންދާނެ ކަމަށްވެސް ބުނެފައި ވެއެވެ.

އޭގެއިތުރުން މިއަދު އައިޓީބީ ޗައިނާ ގައި އެމްއެމްޕީއާރުސީއިން 'މޯލްޑިވްސް މީޑިއާ މީޓް' ނަމުގެ ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވައިފިވެއެވެ.

އެމްއެމްޕީއާރުސީގެ ޑެޕިއުޓީ މެނޭޖިންގް ޑިރެކްޓަރ ޒިހުނީ ރަޝީދު ލީޑްކުރެއްވި އެ ނޫސްވެރިންގެ ބައްދަލުވުމުގެ ވީއައިޕީ ސްޕީކަރުގެ ގޮތުގައި ފަތުރުވެރިކަމާއި ބެހޭ ވަޒީރު އިބްރާހިމް ފައިސަލް ބައިވެރިވެވަޑައިގެންނެވިއެވެ.

އެމްއެމްޕީއާރުސީގެ ޑެޕިއުޓީ މެނޭޖިންގް ޑިރެކްޓަރ ޒިހުނީ ރަޝީދު

އެމްއެމްޕީއާރުސީގެ ޑެޕިއުޓީ މެނޭޖިންގް ޑިރެކްޓަރ ޒިހުނީ ރަޝީދު ވަނީ، ޗައިނާގެ މާކެޓަށް އަމާޒުކޮށްގެން ރާއްޖޭގެ މުހިންމު މަންޒިލް މާކެޓްކުރުމުގެ ސްޓްރެޓެޖީތަކުގެ މައުލޫމާތު ހާމަކުރައްވާފައިވެއެވެ.

ފަތުރުވެރިކަމާއި ބެހޭ ވަޒީރު އިބްރާހިމް ފައިސަލް

ވަޒީރު ފައިސަލް ވިދާޅުވީ ޗައިނާއަކީ އަބަދުވެސް ރާއްޖޭގެ އަގުހުރި ބައިވެރިއެއް ކަމަށެވެ.

"ފަހުރުވެރިކަމާއެކު ދަންނަވާލަން އޮތީ ޗައިނާއަކީ ފަތުރުވެރިކަމުގެ ދާއިރާއިން އަޅުގަނޑުމެންގެ އެއް ނަމްބަރު މާކެޓް ކަމަށް.". ފައިސަލް ވިދާޅުވިއެވެ.

އަދި ރާއްޖެއަށް ޗައިނާގެ މާކެޓުގެ މުހިންމުކަމާއި، ދެގައުމުގެ ޑިޕްލޮމެޓިކް ގުޅުންތަކާ ބެހޭގޮތުން ވާހަކަފުޅު ދައްކަވަމުން ވަޒީރު ފައިސަލް ވަނީ ޗައިނާގެ އެކި ސަރަހައްދުތަކުން އިތުރު ސީދާ ދަތުރުތަކުގެ ތެރެއިން ގުޅުން އިތުރަށް ބަދަހި ކުރުން މުހިންމު ކަމަށް ވިދާޅުވެފައެވެ.