ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ މުސާރަ ބޮޑުކުރަން ގަސްދު ނުކުރާ ކަމަށް، ޕީއެންސީގެ ޕާލިމެންޓަރީ ގްރޫޕުން ބުނެފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ އިދާރާގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޕީއެންސީގެ ޕީޖީ ލީޑަރު އަދި އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ފަލާހް ވިދާޅުވީ މަޖިލީހުގެ މެޖޯރިޓީ ސަރުކާރަށް ލިބިފައި އޮތަސް އެ ބާރުގެ ބޭނުންކޮށްގެން އަމިއްލަ ފައިދާއަށްޓަކައި މެންބަރުންގެ މުސާރަ ބޮޑުކުރުން ފަދަ ކަންތައް ކުރަން ގަސްތު ނުކުރައްވާ ކަމަށެވެ.

"ރައްޔިތުންގެ މަޖިލީހުގެ މުސާރަ ބޮޑުކުރަން އަޅުގަނޑުމެން ގަސްތެއް ނުކުރަން،" ފަލާހު ވިދާޅުވިއެވެ.

ޕީއެންސީ ޕީޖީ ގްރޫޕުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުން - ވަގުތު އިމޭޖްސް: މުހައްމަދު އަލީފް

ފަލާހު ވިދާޅުވީ މަޖިލީހުގައި މަސައްކަތް ކުރާނީ މައިނޯރިޓީއަށްވެސް ފުރުސަތު ދީގެން ކަމަށާއި ނިމި ދިޔަ ދައުރުގައި މެޖޯރިޓީގެ ބޭނުން ނަހަމަ ގޮތުގައި ހިފިޔަސް މި ދައުރުގައި އެފަދަ އަމަލުތައް ފެނިގެން ނުދާނެ ކަމަށެވެ. އަދި ވީހާވެސް ބޮޑަކަށް ކޮމެޓީތަކުގައި މައިނޯރިޓީ މެންބަރުންވެސް ހިމަނައި އަދި ތަޅުމުގައި ވަކާލާތުކުރުމުގެ ފުރުސަތު ދީ ހުރިހާ ކަމެއްގައި ބައިވެރި ކުރާނެ ކަމުގެ ފުރިހަމަ ޔަގީންކަން ފަލާހު ވަނީ ދެއްވާފައެވެ.

ރައްޔިތުން ޕީއެންސީއަށް މަޖިލީހުގެ ތަނަވަސް އަގުލަބިއްޔަތެއް ދިނީ އެގޮތަށް މަސައްކަތް ނުކުރާނެ ކަމުގެ ފުރިހަމަ ޔަގީންކަން އޮތުމުން ކަމަށް މަޖިލީހުގެ ރައީސް އަބްދުއްރަހީމްވެސް ވަނީ ވިދާޅުވިއެވެ.

ވިހި ވަނަ މަޖިލީހުގައި ޕީއެންސީގެ މެންބަރުންގެ އަދަދަކީ 75 އެވެ. ޖުމްހޫރީ ޕާޓީ، އެމްޑީއޭ އަދި އެމްއެންޕީގެ ގޮނޑިތަކާ އެކު، ސަރުކާރަށް ތާއީދު ކުރާ މެންބަރުންގެ އަދަދު 79 އަށް މިހާރު ވަނީ އަރާފަ އެވެ. މަޖިލީހުގައި އިދިކޮޅު އެމްޑީޕީގެ ތިއްބަވަނީ 12 މެމްބަރުންނެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. Anonymous

    ގާތްގަނޑަކަށް އެއްލައްކަ ރުފިޔާއާ ގާތަށް މުސާރަ އޮތީ ނިމިދިޔަ މަޖިލީހުގެ ފަހު ދުވަސްކޮޅު ބޮޑުކޮށްފަ.

  2. Anonymous

    ގާތްގަނޑަކަށް އެއްލައްކަ ރުފިޔާއާ ގާތަށް މުސާރަ އޮތީ ނިމިދިޔަ މަޖިލީހުގެ ފަހު ދުވަސްކޮޅު ބޮޑުކޮށްފަ.
    އިތުރަށް ބޮޑުކުރުމުގެ ބޭނުމެއް އެބައޮތްބާ.

  3. ނައީމް

    މެމްބަރުންގެ މުސާރައޭ ކިޔާނެކަމެއްނެތް. މިރާއްޖޭގައި ރަނގަޅު މުސާރަދީ އިފާވެރި ދިރިއުޅުން އުޅެންޖެހެނީ. މަޖިލިސް މެމްބަރުންނާ ނަރުހުންނާ ޓީޗަރުންނާ ގާޒީންތޯ. އިދާރީ މަޤާމުތަކަށް 7000ރ ގެއަށް ގެންދަން ނުލިބޭ. އެންމެންވެސް ކާބޯތަކެތި އުނުއަންނާނެތަކެތި ކަރަންޓު ފެންބިލް ދައްކަނީ އެއްރޭޓަކުން. އެހެންވީމާ 35000ރ ލިބޭ ނަރުހުން 20000ރ ޓީޗަރުން އުފަން ފޮޅިފަވާއިރު އިދާރީ މަޤާމުތަކުގެ މީހުން ދަރާވިކިފަތިބީ. އެއްވެސް ސަރުކާރަކަުން އަދި މަޖިލީހަކުން މިކަމާ އަޅައެއްނުލި.

  4. ޢަލީ

    ނުކިޔަވާ ފަސޭހައިން މުއްސަންތިވަންޏާ ސިޔާސީވެވޭނެ!