ސަރުކާރުން ހިންގާ ކަންތައްތަކުގެ ސައްޙަ މައުލޫމާތު ރައްޔިތުންނާއި ހަމައަށް ގެނެސްދިނުމަށްޓަކައި "ސަރުކާރު"ގެ ނަމުގައި ވެބްސައިޓެއް އުފައްދައިފިއެވެ.

ރައީސް އޮފީހުގެ ކޮމިއުނިކޭޝަން މިނިސްޓަރ އިބްރާހިމް ހަލީލް "ވަގުތު"އަށް ވިދާޅުވީ ބައެއް މީޑިއާތަކުން މިއީ އޮންލައިން ނޫހެއް ކަމަށް ބުނަމުންދާ ވާހަކައަކީ މުޅިން ތެދު ވާހަކައެއް ނޫން ކަމަށާއި "ސަރުކާރު"ގެ ނަމުގައި ހިންގަން ފެށީ ވެބްސައިޓެއް ކަމަށެވެ. އެ ވެބްސައިޓު މެދުވެރިކޮށް ހުރިހާ މިނިސްޓްރީތަކުގެ މަސައްކަތްތައް ކުރިއަށްދާ ގޮތް ރައްޔިތުންނަށް ހާމަވެގެންދާނެ ކަމަށް ވިދާޅުވިއެވެ.

"އެއީ ނޫހެއް ނޫން. ސަރުކާރުގެ ސައްޙަ މައުލޫމާތު، ސަރުކާރުގެ ހުރިހާ މިނިސްޓްރީއެއްގެ، ހުރިހާ ކުންފުންޏެއްގެ ސައްހަ މައުލޫމާތު އެއްތަނަކުން ލިބޭނެ ޕްލެޓްފޯމެއް އަޅުގަނޑުމެން މިހެދީ، އެއީ ނޫސްވެރިންނަށާއި ރައްޔިތުންނަށް." ހަލީލް ވިދާޅުވިއެވެ.

އެ ވެބްސައިޓުގައި މިނިސްޓްރީތަކުން ޝާއިއުކުރާ މައުލޫމާތު ނޫސްވެރިނަނަށް ވެސް ވަރަށް ބޭނުންތެރި މައުލޫމާތުތަކަށް ވާނެ ކަމަށާއި އެ މައުލޫމާތުތައް ނަގައިގެން ހަބަރުތައް ވެސް ހެދޭނެ ކަމަށް ހަލީލު ވަނީ ވިދާޅުވެފައެވެ. އެގޮތުން މިނިސްޓްރީތަކުން ނޫނީ ސަރުކާރު ކުންފުނިތަކުން ބަޔާނާއި ޤަރާރު ނެރުމުން އެ ވެބްސައިޓުން އެ މައުލޫމާތުތައް ވެސް ފެނިގެންދާނެ ކަމަށް ވަނީ ވިދާޅުވެފައެވެ. އެހެންކަމުން ރާއްޖޭގެ 22 މިނިސްޓްރީން ކުރަމުންދާ މަސައްކަތްތަކުގެ ސައްޙަ މައުލޫމާތު އެއް ޕްލެޓްފޯމަކުން ލިބިގެންދާނެ ކަމަށް ހަލީލް ވިދާޅުވިއެވެ.

"ކޮންމެ މިނިސްޓްރީއަކުން އެ މިނިސްޓްރީއަކުން ކުރައްވާ ކަންތައްތަކުގެ މައުލޫމާތު މި ވެބްސައިޓަށް އަޕްލޯޑް ކުރީމާ ހަމަ ޕަބްލިޝްވެގެންދާނީ. ސީދާ ރައީސް އޮފީހުން ނޫން ހުރިހާ މައުލޫމާތެއް އަޅާނީ، އެ ކަމަކާއި ގުޅުން ހުރި މިނިސްޓްރީއަކުން އެ މައުލޫމާތު އަޅަމުންދާނީ." ހަލީލް ވިދާޅުވިއެވެ.

ރައީސް މުއިއްޒުގެ ވެރިކަމަކީ ރައްޔިތުންނާއި ގާތުން ކުރަމުން އަންނަ ވެރިކަމެއް ކަމަށް ސަރުކާރުން ބުނެއެވެ. ދެފުށް ފެންނަ ގޮތަށް ރައްޔިތުންނާއި ގުޅިގެން މަސައްކަތް ކުރުމުގެ ގޮތުން ފާއިތުވީ 6 މަސް ދުވަހު މިނިސްޓްރީތަކުން ކުރި މަސައްކަތްތައް ވެސް ދާދި ފަހުން ވަނީ ރައްޔިތުންނަށް ހާމަކޮށްދީފައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ޙެހެހ

    ކޮބާ ސީދާ ރަޢީސަށް ސުވާލު ދާގޮތަށް ، ރައްޔިތުންނަށް ސުވާލުކުރެވޭ ލިންކެއް " ރައްޔިތުންގެ އަޑު " ކިޔާފަ ހެދި ، ކޮބާ އެމިހާރު ، އަޅުގަނޑު އެއަށް ސުވާލެއް ލިތާ މިހާރު 4 މަސްވަނީ ، ކޮބާ !!
    މޫސުން ގޯސްވެގެން ރައީސްއާއި ހަމައަށް މެސެޖް ނުދަނީތަ !!! ކީކޭދެން ބުނާނީ !!

    1
    1