ސިނަމާލެ ބުރިޖު އެޅުމަށް މޫދަށް އެރުން މަނާ ކުރެވިފައިވާ ލޮނުޒިޔާރަތްކޮޅު ރާޅާއަޅާ ސަރަޙައްދު އަލުން ހުޅުވާލައިފިއެވެ.

ހައުސިންގ މިނިސްޓްރީން އިއްޔެ ކުރި އިއުލާނެއްގައި ވަނީ، ބުރިޖުގެ މަސައްކަތް ފެށުމާއިއެކު 3 މާރިޗު 2016 އިން ފެށިގެން މޫދަށް އެރުން މަނާ ކުރެވިފައިވާ ލޮނުޒިޔާރަތްކޮޅު ރާޅާއަޅާ ސަރަޙައްދު އަލުން ހުޅުވާލާފައިވާކަމަށެވެ.

އެހެން ނަމަވެސް، ހައުސިންގ މިނިސްޓްރީން ވަނީ ބުރިޖު އަދި ބުރިޖާއި ގުޅިފައިމިވާ އާލާތްތަކާއި ކައިރިން މޫދަށް ނޭރުމަށް އިލްތިމާސް ކުރައްވާފައެވެ.

ހައުސިންގ މިނިސްޓްރީން ވިދާޅުވީ، އެސަރަޙައްދު މޫދުގައި ބުރިޖު އެޅުމަށްޓަކައި ވަގުތީގޮތުން ތައްޔާރުކުރެވިފައިވާ ޓްރެސްޓަލް ބުރިޖާއި، ބުރިޖާއި ގުޅިފައިވާ އާލާތްތައް ހުރުމާއިއެކު މި ސަރަހައްދުގައި ރާޅާއަޅާ ފަރާތްތަކުން ޓެމްޕަރަރީ ސްޓްރަކްޗަރތަކަށް ސަމާލުވުމަށް އެދޭ ކަމަށެވެ.

މާލޭ ރާޅުގަނޑު ސަރަޙައްދަކީ ގިނަ ޢަދަދެއްގެ ޒުވާނުން މޫދަށް އެރި ރާޅާ އަޅަން ބޭނުންކުރަމުންދިޔަ ސަރަޙައްދެކެވެ. އެ ސަރަޙައްދު ބްރިޖުގެ މަސައްކަތަށް ބަންދުކުރުމާއި ގުޅިގެން ޒުވާނުންތަކެއް އިހުތިޖާޖުވެސް ކޮށްފައިވެއެވެ. އެކަމާއި ގުޅިގެން ސަރުކާރުން ވަނީ އެފަރާތްތަކަށް ކ. ތަނބުރުދޫ ރާޅުގަނޑު ބޭނުންކުރެވޭނެ ފަސޭހަ އިންތިޒާމެއް ހަމަޖައްސާފައެވެ.

ކިޔުންތެރިންގެ ހިޔާލު