މާލެ އާއި ހުޅުލެއާއި ދެމެދު އަޅާފައިވާ ސިނަމާލެ ބުރިޖުގެ ދަށުން ކަނޑު އުޅަނދު ފަހަރު އަދި ދަތުރުކޮށްގެން ނުވާނެ ކަމަށް ހައުސިން މިނިސްޓްރީން ވިދާޅުވެއްޖެއެވެ.

އެ މިނިސްޓްރީން މިކަން ހާމަކުރައްވާ ނެރުނު އިއުލާނެއްގައި ވިދާޅުވީ، ބުރިޖު އެޅުމަށް ހަދާފައިވާ ވަގުތީ ޕްލެޓްފޯމް ނެގުމުގެ މަސައްކަތް މިހާރު ކުރަމުންދާތީ އެ ސަރަހައްދުން ކަނޑު އުޅަނދުތައް ދަތުރުކުރުން ރައްކާތެރި ނޫން ކަމަށެވެ. އެހެންވެ އެ މަސައްކަތް ނިމެންދެން އެއްވެސް އުޅަނދެއް ބުރިޖު ދަށުން ދަތުރު ނުކުރަން ވަނީ އަންގައިފަ އެވެ.

ސިނަމާލެ ބުރިޖުގެ މަސައްކަތްތައް ފެށުމާއި އެކު ލޮނުޒިިޔާރަތްކޮޅުގައި ރާޅާއެޅުން މާޗް، 2016 ގައި މަނާކުރި ނަމަވެސް ބުރިޖު ހުޅުވުވުމުން ރާޅާއެޅުން ވަނީ ހުއްދަކޮށްފަ އެވެ. އަދި ބުރިޖު އެޅުމަށް ބޭނުންކުރި ވަގުތީ ޕްލެޓް ފޯމްތަކުގެ ބައިތައް އެ ސަރަހައްދުގައި އަދިވެސް އެބަހުރި ކަމަށާއި އެހެންކަމުން ރާޅާ އަޅާ ފަރާތްތަށް އެކަމަށް ސަމާލުކަން ދިނުމަށް ހައުސިން މިނިސްޓްރީއިން ވަނީ އެދިވަޑައިގެންފައެވެ.

އޮގަސްޓު މަހުގެ 31 ވަނަ ދުވަހު ބުރިޖު ރަސްމީކޮށް ހުޅުވުމަށް ފަހު އޭގެ ހަފުތާއެއް ފަހުން ބުރިޖު އާންމު ދަތުރުތަކަށް ވަނީ ހުޅުވާލައިފައެވެ. އަދި ބުރިޖުން ދަތުރުކުރާ ފަރާތްތަކުގެ އަތުން ފީއެއް ނަގެނުމަށް ހައުސިން މިނިސްޓްރީއިން ނިންމާފައިވާއިރު މިދުވަސްކޮޅު ބުރިޖުން ހިލޭ ހުރިހާ ފަރާތްތަކަށްވެސް ދަތުރުކުރެވެއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ޙާޖަރާ

    ޢެހެންތަ

  2. ބޮއެހަލާކު

    ނުކުރާނެ ގަބޫލެއް މިދިވެހިންނެއް. ސަލާމަތްތެރިނޫން ވީމަ ދޯ އެކަހަލަ އެންގުންތައް އަންގާނީ. ކަމެއް ދިމާވީމަ ރައީސް ނޫނީ މިނިސްޓަރު ނޫނީ ސަރުކާރުގެ ބޮލުގައި އަޅުވާފައި ހަޅޭލަވަންވީ.

  3. ޙަސަނު

    ބުރިޖު ދަށުން ދަނީ ސަބަބެއް ނެތިއެއްނޫން ވާދޫ ކަނޑު ތެރެ ގަދަވީމަ ރައްކަލކައް ވީހާވެސް އަވަހަކައް ތިކަމައް ހުއްދަދީ ބަލަ