ކ. ތިލަފުށި ބިމެއްގައި ހުރި އުޅަނދަކާއި ތަކެތި ނެގުމަށް ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން އަންގައިފިއެވެ.

އެޗްޑީސީން ބުނީ، އެ ކޯޕަރޭޝަންގެ އަމިއްލަ ބިމެއް ކަމަށްވާ ލޮޓް ނަންބަރު:S5-15 (30200) އަކީ އެކޯޕަރޭޝަނުން އެހެން ފަރާތަކަަށް ކުއްޔަށް ދީފައިވާ ބިމަކަށްވާތީ، އެ ބިމުގެ ތެރޭގައި ގަވައިދާ ހިލާފަށް ބަހައްޓާފައިވާ އުޅަނދުތަކާިއ އަދި އެހެނިހެން ތަކެތި ނަގާ އެބިން ކުއްޔަށް ދީފައިވާ ފަރާތަށް ހަވާލު ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

ނަމަވެސް ވެރިފަރާތް ނޭނގޭ އުޅަނދެއް ލޮޓް ކުރިމަތީގައި އޮތުމުގެ ސަބަބުން އެ ބިން ހުސްކުރުމުގެ މަސައްކަތަށް އުނދަގޫތަކެއް ކުރިމަތިވެފައިވާ ކަމަށް އެޗްޑީސީން ވަނީ ބުނެފައެވެ.

އެހެންކަމުން އެ ލޮޓް ކުރިމަތީގައިވާ އުޅަނދުގެ ވެރިފަރާތެއްވާނަމަ، އެކުންފުނީގެ ކޯލްސެންޓަރުގެ ހޮޓްލައިން 1516 އަށް ގުޅާ މައުލޫމާތު ސާފު ކުރުމަށްފަހު، މިއަދުން ފެށިގެން 15 ދުވަސް ތެރޭގައި އުޅަނދު ނެގުމަށް އެޗްޑީސީން ވަނީ އަންގާފައެވެ.

އެޗްޑީސީން ބުނީ، 15 ދުވަހުގެ މުއްދަތެއް ތެރޭގައި އުޅަނދު ނަގާފައި ނުވާނަމަ، ތިލަފުށީގެ ތެރެއަށް ގަވައިދާ ހިލާފަށް ދޫކޮށްލާފައިވާ އުޅަނދެއް ކަމަށް ބަލާ އުޅަނދާ މެދު އެ ކޯޕަރޭޘަނަށް ފެންނަ ގޮތަކަށް އަމަލު ކުރެވޭނެ ކަމަށެވެ.

އެޗްޑީސީން އާންމު ކޮށްފައިވާ ފޮޓޯއިން ފެނިގެން ދަނީ އެ ސަރަހައްދުގައި އެސްކެވޭޓަރެއް ބާއްވާފައި އޮތް މަންޒަރެވެ. އަދި މި އެސްކެވޭޓަރަކީ ރަޖިސްޓްރީ ނަންބަރެއް ވެސް ނެތް އެސްކެވޭޓަރެއް ކަމަށް އެޗްޑީސީން ވަނީ ބުނެފައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ޙސހސ

    ތިލަފުށީގެ ބިންތައް ވިއްކުމަކީ އަލަށް އުފަންވާ ވިޔަފާރި ތަކާއި ކުރިޔަށް އޮތް ޖީލުތަކަށް ދެވޭ ނިކަމެތި ކަމެއް. ތިތަނުން ބިން ޖެހޭނީ ކުއްޔަށް ދޫކުރަން. އޭރުން އެހެން ބަޔަކަށްވެސް ކޮންމެވެސް ދުވަހަކުން ފުރުސަތެއް އޮންނާނީ. މިހާރު ތިވީ ގޮތުން ރާއްޖޭގެ ހައެއްކަ ވިޔަފާރިވެރިން ތިލަފުށި ގަނެލާނެ.