މާދަމާ ބާއްވާ ރިޔާސީ އިންތިހާބުގައި އެއްވެސް ބާވަތެއްގެ ހަމަނުޖެހުމަކަށް ޖާގަ ނުދެއްވާ ރައްޔިތުންގެ ބަސް އިއްވުމަށް ރައްޔިތުންނަށް ފުރުސަތު ދެއްވުމަށް އިދިކޮޅު ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) އިލްތިމާސް ކުރައްވައިފިއެވެ.

ރިޔާސީ އިންތިހާބަށް އިދިކޮޅު ކޯލިޝަނުން ފެށި ކެމްޕެއިން ނިންމާލުމުގެ ގޮތުން ރައްޔިތުންނާ މުހާތަބުކޮށް ދެއްވި ވީޑިއޯ މެސެޖުގައި އިބޫ އެ އިލްތިމާސް ކުރައްވާފައިވަނީ، ރާއްޖޭގެ ލޮބުވެތި ރައްޔިތުންނަށާއި ސަލާމަތީ ހިދުމަތްތަކުގެ ބޭފުޅުންނަށެވެ.

އިބޫ ވިދާޅުވީ، މާދަމާއަކީ ދިވެހި ރައްޔިތުން މުހިއްމު ނިންމަންޖެހޭ ދުވަހެއް ކަމަށެވެ. އެގޮތުން މާދަމާއަކީ ރާއްޖޭގެ މުސްތަގްބަލް ކަނޑައަޅަން ފުރުސަތު ލިބި، ރައްޔިތުންގެ ހަގީގީ ބާރުވެރިކަން ރައްޔިތުންނަށް ލިބިގެންދާނެ ދުވަސް ކަމަށް އޭނާ ވިދާޅުވިއެވެ.

އަދި މާދަމާ ނަގާ ވޯޓަކީ ރާއްޖޭގެ ކަންކަން ހަމަމަގަށް އެޅުވުމަށް ލިބޭނެ ފަހު ފުރުސަތު ކަމަށާއި އެ ފުރުސަތު ނަގާލައިފިނަމަ ހަޔާތުގައި އެފަދަ އިތުރު ފުރުސަތެއް ލިބުމަކީ ނާދިރުކަމެއް ކަމަށް ވެސް އިބޫ ވިދާޅުވެފައިވެއެވެ.

"ރާއްޖޭގެ ލޮބުވެތި ރައްޔިތުން ސަލާމަތީ ހިދުމަތްތަކުގެ އެންމެހާ ބޭފުޅުން. އަޅުގަނޑު ތިއެންމެ ބޭފުޅުންގެ އަރިހުން މިއެދެނީ މާދަމާ އެއްވެސް ބާވަތެއްގެ ހަމަނުޖެހުމަކަށް ޖާގަ ނުދެއްވުމަށް. ވޯޓުލުމުގެކަންކަން އަމާންކަމާއެކު ކުރިއަށް ގެންގޮސް ނިންމަވާލަ ދެއްވުމަށް. ރައްޔިތުންގެ ބަސް އިއްވުމަށް ރައްޔިތުންނަށް ފުރުސަތު ދެއްވުމަށް އަދި ރައްޔިތުންގެ ނިންމުން ތަންފީޒު ކޮށްދެއްވުމަށް،" އިބޫ ވިދާޅުވެފައިވެއެވެ.

އިބޫ ވިދާޅުވީ، ފާއިތުވެދިޔަ ދުވަސްތަކުގައި ރާއްޖޭގެ ހުރިހާ ރަށަކަށް ޒިޔާރަތްކުރި ކުރުމުގައި ބަދަލަކަށް ރައްޔިތުން ފެންބޮވައި ގަނެފައިވާ މިންވަރު ފެނިގެންގޮސްފައިވާ ކަމަށެވެ.

އަދި ހިތާ ރޫހުން އިއްތިހާދަށް ކުރާ ތާއީދު އިހުސާސްކުރެވިފައިވާ ކަމަށާއި މާދަމާ ނެގޭ ވޯޓުގެ ނަތީޖާއާމެދު އެއްވެސް ޝައްކެއް ނެތް ކަމަށް ވެސް އިބޫގެ މެސެޖުގައި ވިދާޅުވެފައެވެ. އަދި ވިދާޅުވީ، މާތްﷲގެ ވާގިފުޅާއެކު އަޅުގަނޑުމެން މި އިންތިހާބު ބޮޑުތަފާތަކުން މި އިންތިހާބު ކާމިޔާބު ކުރައްވާނެ ކަމަށެވެ.

އިބޫގެ މެސެޖުގައި އިތުރަށް ވިދާޅުވެފައިވަނީ، މާދަމާއަށްފަހު މިރާއްޖޭގައި އޮންނާނީ ރައްޔިތުންގެ އަޑު ގާތުން އަހާނެ، އިންސާފުން ކަންކުރާނެ ސަރުކާރެއް ކަމަށެވެ.

އަދި އިދިކޮޅު ކޯލިޝަނުން އުފައްދާ ސަރުކާރު ވެގެންދާނީ ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތު ހިމާޔަތްކޮށް، އިސްލާމްދީނުގެ އަސާސްތައް ދަމަހައްޓާނެ ސަރުކާރަކަށް ކަމަށާއި އެ ސަރުކާރުން ރާއްޖެއަށް އެހެން ދީނަކަށް ޖާގަ ނުދޭނެ ކަމަށެވެ.

"އަޅުގަނޑުމެން އުފައްދަން މިއުޅޭ ސަރުކާރަކީ ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތު ހިމާޔަތްކޮށް އިސްލާމްދީނުގެ އަސާސްތައް ދަމަހައްޓާނެ ސަރުކާރެއް. ރާއްޖެއަށް އެހެން ދީނަކަށް ޖާގަ ނުދޭނެ ސަރުކާރެއް. ސިޔާސީ މަގުސަދުތައް ހާސިލްކުުރުމަށް ދީނުގެ ހުކުމްތަކަށް ފުރައްސާރަކުރުން ހުއްޓުވާނެ ސަރުކާރެއް. ބަހާ އަމަލުން އިސްލާމްދީނަށް ނަސްރު ދޭނެ ސަރުކާރެއް،" އިބޫ ވިދާޅުވެފައިވެއެވެ.

މާދަމާ ބާއްވާ ރިޔާސީ އިންތިހާބަށް ކެމްޕެއިން ކުރުމުގެ ފުރުސަތު މިއަދު އިރުއޮއްސި 6:00 ގައި ބަންދުވެފައިވާއިރު، އިދިކޮޅު ކޯލިޝަންގެ ކެމްޕެއިން ނިންމުމަށް މިއަދު ވަނީ މާލޭގެ ބޮޑެތި މަގުތަކުގައި ގިނަ އަދަދެއްގެ ސަޕޯޓަރުންނާއެކު ބޮޑު ޕެރޭޑެއް ބާއްވައިފައެވެ.

ރަސްފަންނުން ފެށި، އެ ހިނގާލުން އާޓިފިޝަލް ބީޗަށް ނިންމާފައިވާއިރު ހިނގާލުން ނިންމުމުގެ ގޮތުން ހާއްސަ ދުއާއެއް ވަނީ ކޮށްފައެވެ.

އިބޫ އާއި އެމަނިކުފާނުގެ ރަނިންމޭޓް ފައިސަލް ނަސީމްގެ ކެމްޕެއިން ރަސްމީކޮށް ފަށާފައިވަނީ އައްޑޫން މިދިޔަ ޖުލައި މަހުގެ 13 ވަނަ ދުވަހުއެވެ. ޖަޒީރާ ދަތުރުގެ ނަމުގައި ފެށި އެ ދަތުރުތަކުގައި ރާއްޖޭގައި މީހުން ދިރިއުޅޭ 187 ރަށަށް އެ ދެބޭފުޅުން ވަޑައިގެންނެވިއިރު، ދަތުރު ނިންމާލާފައިވަނީ މިދިޔަ ހަފްތާގެ ހުކުރު ދުވަހު އައްޑޫންނެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. މިންނާ

    އިބޫ ތިހެން ގޮވިޔްކަސް އެންެމެން ދަންނަ ހަގީގަތެއް އޮވޭ. ހުރިހާ ހަމަނުޖެހުމެއް ހިންގަނީ އެމްޑީޕީ އިން ކަން.