މި އަހަރުގެ އަޟްހާ އީދުގައި އެންމެ އިސްކަމެއް ދެއްވަނީ ފަލަސްތީނުގެ އަހުލުވެރީންނަށް ހެޔޮ ދުއާ ކުރެއްވުމުގައި ކަމަށާއި ދިވެހިން ވެސް އެގޮތުގެ މަތީގައި ތިއްބެވުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު އެދިވަޑައިގެންފިއެވެ.

ބަރަކާތްތެރި އަޟްހާ އީދުގެ މުނާސަބަތުގައި ރައީސް ޑރ. މުއިއްޒު ފޮނުއްވި ތަހުނިޔާގެ ހިތޯބުގައި ވިދާޅުވި ގޮތުގައި ދުނިޔޭގެ ހުރިހާ ކަންކޮޅެއްގައި މުސްލިމުން ފާހަގަ ކުރާ އީދުގެ މި މުނާސަބާ ރަމްޒުކޮށް ދެނީ މާތް ނަބިއްޔާ صلى الله عليه وسلم ގެ ބަސްފުޅުގައިވާ ފަދަ އިން މިއީ އެއް ހަށިގަނޑެއް ފަދަ އުންމަތެއް ކަމެވެ.

ރައީސް ވިދާޅުވީ މި ހަށިގަނޑުގެ ގުނަވަނެއްގައި އަޅާ ކޮންމެ ވޭނެއް މުޅި ހަށިގަނޑު ބަރުދާސްކުރާ ކަމުގެ އެންމެ އަލިގަދަ ހެއްކަކީ ފަލަސްތީނުގެ އުހުއްވަތްތެރި މުސްލިމުންނަށްޓަކައި މި އީދުގައި ދުނިޔޭގެ ހުރިހާ ގައުމުތަކެއްގެ މުސްލިމުން ވެސް ކޮށްދެމުންދާ ހެޔޮ ދުއާތަކާއި ވީވަރަކުން ފޯރުކޮށްދޭ ދީލަތި އެހީތައް ކަމަށެވެ.

"ފަލަސްތީނާއެކު ދިވެހިން" ފަންޑަށް ރައީސް ޑރ. މުއިއްޒު ފައިސާ ހަދިޔާ ކުރެއްވުން - ފޮޓޯ: ރައީސް އޮފީސް

ރައީސް ވިދާޅުވީ މި އަހަރުގެ އަޟްހާ އީދުގައި އެމަނިކުފާނާއި ދިވެހި ކޮންމެ ރައްޔިތަކުމެ އިސް ކުރަނީ މުސްލިމުންގެ މުގައްދަސް މިސްކިތާއި، އެތައް ނަބީ ބޭކަލެއްގެ ލޮބުވެތި ވަޒަންކަމުގައިވި ފަލަސްތީނުގެ އަހުލުވެރީންނަށް ހެޔޮ ދުއާކޮށް ދިނުން ކަމަށެވެ.

"މި އަހަރުގެ އަޟްޙާ ޢީދުގައި އަޅުގަނޑާއި، އަދި ދިވެހި ކޮންމެ ރައްޔިތަކުމެ އެންމެ އިސްކުރަނީ، މުސްލިމުންގެ މުގައްދަސް މިސްކިތާއި، އެތައް ނަބީ ބޭކަލެއްގެ ލޮބުވެތި ވަޒަންކަމުގައިވި ފަލަސްތީނުގެ އަހުލުވެރީންނަށް ހެޔޮ ދުއާކޮށްދިނުމެވެ." ރައީސް ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވި ގޮތުގައި ރާއްޖެ އިން އަބަދުވެސް ދެމިއޮންނާނީ ފަލަސްތީނުގެ މުސްލިމުންނަށް ދެމުންގެންދާ ބޮޑެތި އަނިޔާތަކާ ދެކޮޅު ހަދައި، މަސްޖިދުލްއަގްސަ މިނިވަންކުރުމުގެ މަތިވެރި ޖިހާދުގައި ހިތާއި ރޫޙުން ބައިވެރިވެ، ސަހަރޯ ވެރިވުމުގައެވެ.

"ދިވެހީންގެ ހިތްތަކުގައި ހާއްސަ ލޯތްބަކާ ކުލުނެއް ދެވިފައިވާ ފަލަސްތީނުގެ މުސްލިމް ކޮންމެ އާއިލާއަކާ، ކޮންމެ ކުޑަކުއްޖަކަށްޓަކައި ހެޔޮ ދުއާތައް ތަކުރާރުނުކޮށް، އެ ހަނދާންތައް އާ ނުކޮށް، އެންމެ ރެއަކާއި ދުވާލެއްވެސް އަޅުގަނޑުމެން ދުލެއް ނުކުރާނަމެވެ." ރައީސް ވިދާޅުވިއެވެ.

މިދިޔަ އޮކްޓޯބަރު 7 ވަނަ ދުވަހު ހަމާސްއިން އިސްރާއީލަށް ދިން ކުއްލި ހަމަލާތަކުގެ ސަބަބުން ބަދަލުހިފުމަށް ކަމަށް ބުނެ ޔަހޫދީ އިސްރާއީލުން އަންނަނީ ޣައްޒާގެ އެކި ހިސާބުތަކަށް ހުއްޓުމެއް ނެތި ވަރުގަދަ ހަމަލާތަކެއް ދެމުންނެވެ. އިސްރާއީލުން ދެމުންދާ ހަމަލާތައް އާންމުން ދިރިއުޅޭ އިމާރާތްތަކާއި ހޮސްޕިޓަލްތަކަށް ވެސް ވަނީ އަމާޒުކޮށްފައެވެ.

ޣައްޒާގެ ހެލްތު މިނިސްޓްރީން އެންމެ ފަހުން ހާމަކުރި ގޮތުގައި މިދިޔަ އޮކްޓޯބަރު މަހުގެ 7 ވަނަ ދުވަހުން ފެށިގެން މިހާތަނަށް އައިއިރު، ޣައްޒާ އިން 37،296 މީހުން ޝަހީދުކޮށްލާފައިވެއެވެ. އަދި އިސްރާއީލްގެ ހަމަލާތަކުގައި 85،197 މީހުން ޒަހަމްކޮށްލާފައިވާ ކަމަށް ހެލްތު މިނިސްޓްރީން ބުނެފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. މަންނު

    ތީ އަސްލު ގަޓު ރައީސް އިންނަކީ. ގަޓު ވަނީ ކަމެއް ޖެހުނީމާ އިދިކީލަވާ އެއްމެން ޖަލައް އަޅަލާ ރައީސް އެއް ނޫން.

    1
    3