މި އަހަރުގެ އަޟްހާ އީދުގެ ކުޅިވަރުތައް ފުވައްމުލަކުގައި ފެށުމުގެ ގޮތުން ރޯކޮށްލުމަށް ސިޓީ ކައުންސިލުން ތައްޔާރު ކުރި އީދުމަޅި ބަޔަކު ވަގަށް ރޯކޮށްލައިފިއެވެ.

ފުވައްމުލައް ސިޓީ ކައުންސިލުން ރޭ ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އެކަމަކީ އެކައުންސިލުން ނުހަނު ކަންބޮޑުވާ ކަމެއް ކަމަށެވެ.

އީދު ގެ ހަރަކާތްތައް ފެށުމުގެ ގޮތުން ރޭ ރޯކުރުމަށް ފުވައްމުލައް ސިޓީ ކައުންސިލުން ތައްޔާރު ކުރި އީދުމަޅި ބަޔަކު ވަގަށް ރޯކޮށްލާފައިވާތީ، ސިޓީ ކައުންސިލުން ވަނީ އެކަން ކުއްވެރިކޮށްފައެވެ. އަދި އަދި ރަށުގެ އިޖުތިމާޢީ ގުޅުމާއި އެކުވެރިކަން އާލާކުރުމަށް ހިންގޭ މިފަދަ ހަރަކާތްތަކަށް ހުރަސް އެޅޭ ގޮތަށް ޢަމަލު ކުރުން ކުއްވެރިކުރާ ކަމުގައި ވެސް ސިޓީކައުންސިލުން ނެރުނު ބަޔާނުގައި ބުނެފައިވެއެވެ.

ރައްޔިތުންގެ ހެވާއި ލާބައަށް ކުރެވޭ މިފަދަ ކަންތައްތަަކާއި އެނޫންވެސް ފަރުދަކަށް ގެއްލުމެއް ނުވަތަ ދެރައެއް ލިބިދޭ އަމަލުތައް ނުކުރުމަށާއި އެފަދަ އަމަލުތަކަށް ހިތްވަރު ނުދިނުމަށް ފުވައްމުލަކު ސިޓީ ކައުންސިލުން ވަނީ އިލްތިމާސް ކޮށްފައެވެ.

ޢީދު ކުޅިވަރުތައް ފެށުމުގެ ގޮތުން ރޯކޮށްލުމަށް ތައްޔާރުކުރި އީދު މަޅި ބަޔަކު ވަގަށް ރޯކޮށްލުމުންވެސް އަލުން އީދު މަޅި ތައްޔާރުކޮށް، ސިޓީ ކައުންސިލުން ވަނީ އެހަރަކާތް ރޭގައި ކުރިޔަށް ގެންގޮސްފައެވެ. ފުވައްމުލަކުގައި ކުރިއަށް ގެންދިޔަ އެހަރަކާތް ބަލާލުމަށް ރަށުގެ ކުދިބޮޑު ރައްޔިތުން ޖަމާވިއެވެ.

ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މި އަހަރު އަޟްހާ އީދު ދަނީ ކުލަގަދަ ކޮށް ފާހަގަ ކުރަމުންނެވެ. ރާއްޖޭގެ 3 ރަށެއްގައި ކުލަ ގަދަކޮށް އީދު ފާހަގަ ކުރުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ސައުދީ

    ހިންދޫދީނުގެ ޢީދެއްހެން ހީވާކަހަލަ. އަދި ބޮޑުބެރާއި މާލިނެށުންފަދަ ކަންކަންވެސް ހަމަ ހީވަނީ އެހެންދީނެއް ޘަގާފީ ކަމެއްހެން. މިހާރު މިކަންތައްތައް ކުރިއަށް ގެންދާ މިންވަރަށް ބަލާއިރު ލަސްތަކެއްނުވެ، އެހެންދީންތަކުގެ ދުވަސްތައް ފާހަގަކުރަން ފަށާނެ.

  2. Anonymous

    ސިޔާސީ ހުރިހާ މީހުންނަކީވެސް ދައުލަތުގެ މާލިއްޔަތު ލޫޓުވާ ސިޔާސީ ވަފާތެރި ކެހިވެރި ޗޯރުން އަބަދުވެސް! މިދިޔަ 15 އަހަރުގައި ސިޔާސީ ޤަބީލާ ހަދައިގެން ދައުލަތުގެ މާލިއްޔަތު އެގޮތް މިގޮތަށް ލޫޓުވާ ބޮޑެތި ލޯނު ނަގައި ގެން ރައްޔިތުންގެ ބޮލުގައި އެތަކެއް މިލިޔަން ރުފިޔާގެ ދަރަނި އަޅުވާ، ބައިކޮޅަށް ކުޅޭ ބަޔެއް ސިޔާސީ މީހުންނަކީ، އެއްޓިމް ކުޅެލާފަ ދަނޑުމަތިން ފޭބީމާ އަނެއްޓީމް އަރާ ކުޑަކޮށް ދަނޑު ސާފުކޮށްގެން ހަމަ ބައިކޮޅަށް ކުޅެނަގަނީ!