ފުރަތަމަ ފަހަރަށް ގޯލްޑެން ފުޓްސަލް ޗެލެންޖުގައި ވާދަކުރި އައްޑޫ ސިޓީ ހިތަދޫން ފުވައްމުލަކު ދަނޑިމަގު ޓީމު ބަލިކޮށް ޒޯން 7 ގެ ރަސްކަން ހިތަދޫން ނަގައިފިއެވެ.

އަތޮޅު ޗެމްޕިއަންގެ ގޮތުގައި ޒޯން ބުރަށް އައި ހިތަދޫ ޓީމުން ދަނޑިމަގު ބަލިކޮށްފައި ވަނީ 1-4 ގެ ތަފާތު ބޮޑު ނަތީޖާއަކުންނެވެ. ޒޯން މެޗުގައި ހިތަދޫން ދަނޑިމަގު ބަލިކޮށްފައިވާއިރު، ދަނޑިމަގު ޓީމުން ވަނީ ޒޯން ބުރުގައި ހިތަދޫ 2-1ގެ ނަތީޖާއަކުން ބަލިކޮށްފައެވެ. އެހެން ކަމުން މިރޭ ހިތަދޫ ޓީމުން މެޗަށް ނުކުތީ ދަނޑިމަގު ޓީމުގެ ކިބައިން ބަދަލު ހިފުމަށެވެ.

ފުރަތަަމަ ފަހަރަށް މި މުބާރާތުގައި ބައިވެރިވި ހިތަދޫ ޓީމުން ވަނީ މުބާރާތުގެ ޒޯން ބުރާ ހަމައަށް ތަފާތު މޮޅު ކުޅުމެށް ދައްކާ ގިނަ ބަޔަކަށް ހައިރާންކަން ގެނުވާފައެވެ. އަތޮޅު ބުރުގައި ކުޅުނު މެޗު ތަކުގައިވެސް ތަފާތު ނަތީޖާތަކެށް ނެރުނު އިރު، ޒޯން ބުރުގެ ފައިނަލަށް ހިތަދޫ ގޮސްފައި ވަނީ ޒޯން ބުރުގެ އެއްވަނަ ޓީމުގެ ގޮތުގައެވެ.

ހިތަދޫ އާއި ދަނޑިމަގު ބައްދަލު ކުރި މެޗުގެ ތެރެއިން-- ވަގުތު އިމޭޖެސް: އަބްދުالله އަބީދު

ހުޅުމާލޭ ރެހެނދި ޓާފް ދަނޑުގައި މިރޭ ކުޅުނު މެޗު ފަށައިގެން މޮޅު ކުޅުމެއް ހިތަދޫ ޓީމުން ކުޅެމުން ދިޔަ ނަމަވެސް، މި މެޗުގައި ފުރަތަމަ ގޯލު ޖަހާ ލީޑު ނަގާފައި ވަނީ ދަނޑިމަގު ޓީމުންނެވެ. މި ލަނޑު މެޗުގެ ވަރަށް ކުރީ ކޮޅު ދަނޑިމަގު ޓީމަށް ކާމިޔާބުކޮށްދިނީ އެޓީމުގެ ކެޕްޓަން ސާދުއެވެ. ހިތަދޫގެ އޭރިޔާ ތެރެއިން ކީޕަރ އަތުގައި ޖެހިފައި ނިކުތް ބޯޅައަކުން ލީޑު ނަގާދިން ނަމަވެސް، ހިތަދޫ ޓީމުން ވަނީ ހިތްވަރާއި އެކު ނަތީޖާ ބަދަލު ކުރުމަށް ގިނަ ހަމަލާތަކެށް ދަނޑިމަގު ގޯލަށް އަމާޒުކޮށްފައެވެ.

ފުރަތަަމަ ހާފު ދަނޑިމަގުން ލީޑުގައި އޮވެ ނިންމާލި ނަމަވެސް ދެވަނަ ހާފު ފަށައިގެން މާގިނަ އިރުތަކެށް ނުވަނީސް ހިތަދޫ ޓީމުން ވަނީ މެޗުގެ ނަތީޖާ ހަމަހަމަމޮށްފައެވެ. ދަނޑިމަގުގެ ކީޕަރއަށް ހެދުނު ގޯހަކުން ހިތަދޫއަށް ލިބުނު ޕެނަލްޓީއެށް ކާމިޔާބުކޮށް ނަތީޖާ ހަމަހަމަކޮށް ދިނީ މެޗުގައި މުހިންމު މޮޅު ކުޅުމެށް ކުޅެމުންގެން ދިޔަ ހަސަން ސަބާހު މަންސޫރެވެ.

ދެވަނަ ހާފުގައި ހިތަދޫއިން މޮޅު ކުޅުމެށް ދައްކަމުން ގެންދިޔަ އިރު، ދަނޑިމަގު ޓީމަށް ވަނީ ގޯލަށް ނުރައްކާ ކުރުމަށް އުނގަދޫތަކެއް ކުރި މަތިވެފައެވެ.

ހިތަދޫ ޓީމުގެ ސަބާހް, ހާޒިމް އަދި ރަފާހް-- ވަގުތު އިމޭޖެސް: އަބްދުالله އަބީދު

މެޗުގައި ހިތަދޫއިން ފުރަތަަމަ ފަހަރަަށް ލީޑު ނަގާފައި ވަނީ ލިބުނު ހިލޭ ޖެހުމަކުންނެވެ. ދާނިޝް އިބްރާހިމް ވަރަށް ރީތިކޮށް ހާޒިމްއަށް ފޯރުކޮށްދިން ބޯޅައަކުން ގޯލަށް އަމާޒުކޮށްދިނީ ދެވަނަ ހާފުގެ 10 ވަނަ މިނެޓުގައި ހިތަދޫ ޓީމުގެ ކެޕްޓަން ހާޒިމް ފައުޒީއެވެ. މުޅި މުބާރާތުގެ ތަފާތު މޮޅު ކުޅުމެށް ދައްކަމުންދިޔަ ހާޒިމް ވަނީ މިމެޗުގައި ވެސް ތަފާތު މޮޅު ކުޅުމެށް ދައްކާފައެވެ.

މެޗުގައި ހިތަދޫގެ ތިން ވަނަ ގޯލު ޖަހާދިނީ، އަމިއްލަ ހާފްއިން ދަނޑިމަގު ކުޅުންތެރިން އަތުން ބޯޅަ ހޯދައިގެން އެޓީމުގެ ހާފް ތެރެއަށް ވަދެ، ހިތަދޫ ޓީމުގެ ހަސަން ރާއިފް އަހުމަދު އެވެ. މި ގޯލާއި އެކީ ހިތަދޫގެ ކުޅުންތެރިންނަށް ވަނީ އިތުރު ހިތްވަރެއް ލިބިފައެވެ. ނަތީޖާއަކަށްވީ އޭގެ ދެ މިނެޓު ފަހުން އަނެއްކާ ވެސް ހިތަދޫ ޓީމުން ގޯލެއް ކާމިޔާބު ކުރުމެވެ. މި ގޯލު ވެސް ހިތަދޫ އަށް ކާމިޔާބު ކޮށްދީފައިވަނީ ހަސަން ރާއިފް އަހުމަދުއެވެ.

ޒޯނުގެ އެންމެ މޮޅު ކުޅުންތެރިޔާ ހާޒިމް ފައުޒީ-- ވަގުތު އިމޭޖެސް: އަބްދުالله އަބީދު

މި ނަތީޖާއާއި އެކީ މެޗުގެ ފުރިހަމަ ކުޅުން ނިމިފައިވާއިރު، މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ ވެސް ހަސަން ރާއިފް އަހުމަދެވެ. ޒޯނުގެ އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިއަކަށް ދަނޑިމަގު ޓީމުގެ އަލީ ޝަމީލް ހޮވިފައިވާއިރު، ޒޯނުގެ އެންމެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ އައްޑޫއަތޮޅު އެންމެ މޮޅު ކުޅުންތެރިއަކަށް ވެސް ހޮވިފައިވާ ހިތަދޫ ޓީމުގެ ހާޒިމް ފައުޒީއެވެ.

މިމެޗުން ދަނޑިމަގު ޓީމު ބަލިވި ނަމަވެސް، މުބާރާތުގެ ގަވައިދު އޮތް ގޮތުން މާމިގިލި މުބާރާތުގެ ގަދަ 16 ނުވަތަ ނޮކްއައުޓް ބުރަށް ދާނެއެވެ. އެއީ ޒޯން ބުރުގައި ވާދަ ކުރާ 8 ގްރޫޕުގެ ފައިނަލަށް ދަތުރު ކުރާ ދެ ޓީމު ނޮކްއައުޓް ބުރަށް ދަތުރު ކުރާނެތީއެވެ.