މިހާރު ކުރިއަށްދާ ސޮނީ ސްޕޯޓްސް ގޯލްޑަން ފުޓްސަލް ޗެލެންޖްގައި ރޭ ކުޅުނު މެޗުތަކަށްފަހު ތ. ތިމަރަފުށްޓާއި ހދ. ނައިވާދޫން ޒޯން ފައިނަލުން ޖާގަ ހޯދައި، މުބާރާތުގެ ގަދަ 16 ގެ ބުރަށް ދަތުރުކޮށްފިއެވެ.

މުބާރާތުގެ އެންމެ ކާމިޔާބު ޓީމު ކަމަށްވާ، ތިމަރަފުށިން ވަނީ ޒޯން ހައެއްގައި ރޭ ކުޅުނު މެޗުގައި ލ. އިސްދޫ އަތުން 3-2 އިން މޮޅުވެފައެވެ.

ރެހެންދި ފުޓްސަލް ގްރައުންޑް އެކެއްގައި ރޭ ކުޅުނު ފުރަތަމަ މެޗުގައި ތިމަރަފުށީގެ ކެޕްޓަން، އިބްރާހިމް ސިނާހް (ސިނާ) ދެ ލަނޑުޖެހިއިރު، އެ ޓީމުގެ އަނެއް ލަނޑުޖަހައިދިނީ އިބްރާހިމް އަސްވަދު (ގަބޭ) އެވެ. އިސްދޫގެ ލަނޑުތައް ޖަހައިދިނީ ހުސެއިން އަފްޚާން އާއި އަލީ މީސާޤް އީސާ އެވެ. މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ތިމަރަފުށީގެ ސިނާ އެވެ.

ރޭގެ މެޗުގައި ގަމުގެ ހުސެއިން ނާޝިދު (ކ) ބޯޅަ ފޮނުވާލަނީ. --ފޮޓޯ: ޖީއެފްއޭ / އިޖޭމަސް.އެމްވީ

ޒޯން ހައެއްގައި ހިމެނޭ އަނެއް ދެ ޓީމު ބައްދަލުކުރި މެޗުގައި މުބާރާތުގެ އެންމެ ފަހުގެ ޗެމްޕިއަން، ލ. ގަމުން ވަނީ 3-0 އިން ތ. އޮމަދޫ ބަލިކޮށްފައެވެ. މި މެޗުގައި ގަމުގެ ތިން ލަނޑުގެ ތެރެއިން ދެ ގޯލް ޖަހައިދިނީ ހުސެއިން ނާޝިދު (ނާއްޓޯ) އެވެ. އެ ޓީމުގެ އަނެއް ލަނޑުޖަހައިދިނީ އަހުމަދު ހަލީމް (އައްމަޑޭ) އެވެ. މި މެޗުގެ މޮޅު ކުޅުންތެރިއަކީ ގަމުގެ ނާއްޓޯ އެވެ.

މި ޒޯންގައި މިހާތަނަށް ކުޅުނު މެޗުތަކަށްފަހު އެއްވަނައިގައި އުޅެނީ ތިމަރަފުއްޓެވެ. އެ ޓީމަށް ދެ މެޗުން ހަ ޕޮއިންޓް ލިބިފައިވާއިރު އޭގެ ދެ ޕޮއިންޓް ފަހަތުން ދެވަނައިގައި އޮތީ ގަމެވެ. އިސްދޫ އޮތީ ދެ މެޗުން ލިބުނު ތިން ޕޮއިންޓާއެކު ތިންވަނައިގައެވެ. ފުލުގައި އޮތް އޮމަދޫ އަށް ޕޮއިންޓެއް ނުލިބެއެވެ.

ޒޯން އެކެއްގައި ހިމެނޭ ހދ. އަތޮޅުގެ އެންމެ ފަހުގެ ޗެމްޕިއަން، ނައިވާދޫން ވަނީ 4-1 އިން ހއ. ދިއްދޫ ބަލިކޮށްފައެވެ. މި މެޗުގައި ނައިވާދޫގެ ލަނޑުތައް ޖަހައިދިނީ ޔާމިން މުޙައްމަދު (ޔާންޓޭ)، އަބްދުﷲ ޝާފިއު (ޝާއްޕެ)، އަހުމަދު ހަމީދު (އައްމަޑޭ) އާއި މުޙައްމަދު ޝާއިން އެވެ. ދިއްދޫގެ ހަމައެކަނި ލަނޑުޖަހައިދިނީ ހައިސަމް ރަޝީދު އެވެ. މި މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ހޮވުނީ ނައިވާދޫގެ ޝާއްޕެ އެވެ.

ރޭގެ މެޗުގައި ދިއްދޫ ކޮޅަށް ލަނޑުޖެހުމަށްފަހު ނައިވާދޫގެ ކެޕްޓަން، ޔާމިން މުޙައްމަދު (ޔާންޓެ) އުފާ ފާޅުކުރަނީ.. --ފޮޓޯ: ޖީއެފްއޭ / އިމޭޖަސް.އެމްވީ

ޒޯން އެކެއްގައި ރޭ ކުޅުނު އަނެއް މެޗުގައި ހއ. އުތީމުން ވަނީ 3-1 އިން ހދ. ނޮޅިވަރަމް ބަލިކޮށްފައެވެ. މި މެޗުގައި އުތީމުގެ ލަނޑުތައް ޖަހައިދިނީ އަހުމަދު އައިހަމް، މުޙައްމަދު ނަބީލް އާއި ތާހާ މުޙައްމަދު އެވެ. ނޮޅިވަރަމްގެ ހަމައެކަނި ލަނޑުޖަހައިދިނީ ހުސެއިން ވަސީމް އެވެ. މި މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހާސިލްކުރީ އުތީމުގެ އައިހަމް އެވެ.

ރޭގެ މެޗުތަކަށްފަހު މި ޒޯނުގެ އެއްވަނައިގައި އޮތް ނައިވާދޫ އަށް ހަ ޕޮއިންޓް ލިބިފައިވާއިރު، ދެ ވަނައިގައި އޮތް ދިއްދޫ އާއި ތިން ވަނައިގައި އޮތް އުތީމަށް ވަނީ ތިން ޕޮއިންޓް ލިބިފަ އެވެ. ފުލުގައި އޮތް ނޮޅިވަރަމް އަށް ޕޮއިންޓެއް ނުލިބެ އެވެ.

ޒޯން ހަތެއްގައި ރޭ ސ. ހިތަދޫން ވަނީ 3-1 އިން ގއ. ކަނޑުހުޅުދޫ ބަލިކޮށްފައެވެ. މި މެޗުގައި ހިތަދޫގެ ލަނޑުތައް ޖަހައިދިނީ މުޙައްމަދު ސަބާހު މަސްރޫރު، މުޙައްމަދު ރަފާހު އަބްދުﷲ އާއި މުޙައްމަދު އިންޝާލް އެވެ. ކަނޑުހުޅުދޫގެ ހަމައެކަނި ލަނޑުޖަހައިދިނީ އަލީ އަޒްވާން އަބްދުލް އަޒީޒް އެވެ. މި މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ހޮވުނީ ހިތަދޫގެ ސަބާހު އެވެ.

ވާދޫގެ ކެޕްޓަން، އަޔާޒް އަހުމަދު (ކ) ގެމަނަފުށީގެ ކުޅުންތެރިއެއް ކައިރިން ބޯޅަ ހިފައިގެންދާން މަސައްކަތްކުރަނީ. --ފޮޓޯ: ޖީއެފްއޭ / އިމޭޖަސް.އެމްވީ

މި ޒޯންގައި ރޭ ކުޅުނު އަނެއް މެޗުގައި އެންމެ ފަހުގެ މުބާރާތުގެ ރަނަރަޕް، ގދ. ވާދޫން ވަނީ 5-0 ގެ ތަފާތު ބޮޑު ނަތީޖާއަކުން ގއ. ގެމަނަފުށި ބަލިކޮށްފައެވެ. މި މެޗުގައި ވާދޫގެ މުޙައްމަދު އިޔާދު އަލީ ދެ ލަނޑުޖެހިއިރު، އަނެއް ލަނޑުތައް ޖަހައިދިނީ އަބްދުﷲ އަހްލީ އަލީ، ނަޝާހު އަހުމަދު (ނައްޓު) އާއި މުސައްނިފު މުޙައްމަދު (މުއްސެ) އެވެ. މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ވާދޫގެ އިޔާދު އެވެ.

ޒޯން ހަތެއްގެ އެއްވަނައިގައި އޮތީ ކުުޅުނު ތިން މެޗުން މޮޅުވެ، ނުވަ ޕޮއިންޓް ހޯދައި، ޒޯން ފައިނަލުން ފުރުސަތު ހޯދާފައިވާ، ޏ. ފުވައްމުލަކު، ދަނޑިމަގު އެވެ. ދެ ވަނައިގައި އޮތް ވާދޫ އާއި ތިން ވަނައިގައި އޮތް ހިތަދޫ އަށް ވަނީ ހަ ޕޮއިންޓް ލިބިފަ އެވެ. ހަތަރެއްގައި އޮތް ކަނޑުހުޅުދޫގެ ތިން ޕޮއިންޓް އޮތްއިރު، ފުލުގައި އޮތް ގެމަނަފުށްޓަށް ޕޮއިންޓެއް ނުލިބެ އެވެ.

ރޭ ކުޅުނު ޒޯން ދޭއްގެ މެޗުތަކަށް ބަލާއިރު ނ. ކެނދިކުޅުދޫން ވަނީ 3-1 އިން ރ. އަލިފުށި ބަލިކޮށްފައެވެ. މި މެޗުގެ ކެނދިކުޅުދޫގެ މުޙައްމަދު އައްޒާމް ދެ ލަނޑުޖެހިއިރު، އެ ޓީމުގެ އަނެއް ލަނޑުޖަހައިދިނީ މުޙައްމަދު އަރީހް އެވެ. އަލިފުށީގެ ހަމައެކަނި ލަނޑުޖަހައިދިނީ އަހުމަދު ހުސާމް އެވެ.

ރޭގެ މެޗުގައި ކެނދިކުޅުދޫގެ މުޙައްމަދު އައްޒާމް (ކ) ބޯޅަ ފޮނުވާލަނީ. --ފޮޓޯ: ޖީއެފްއޭ / އިމޭޖަސް.އެމްވީ

މި ޒޯންގައި ރޭ ކުޅުނު އަނެއް މެޗުގައި ރ. ދުވާފަރާއި ށ. ކަނޑިތީމު 1-1 އިން ވަނީ އެއްވަރުވެފައެވެ. ކަނޑިތީމުގެ ލަނޑުޖަހައިދިނީ އަބްދުﷲ ޒަމީމް އެވެ. ދުވާފަރުގެ ލަނޑުޖަހައިދިނީ އަހުމަދު އީރާސް އެވެ. މި މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ހޮވުނީ ކަނޑިތީމުގެ މުޙައްމަދު މިންހާޖް އާދަމް އެވެ.

މި މުބާރާތުގައި މިރޭ ކުޅުމަށް ހަމަޖެހިފައިވަނީ ޒޯން ތިނަކާއި، ޒޯން ހަތަރެއްގެ އިތުރުން ޒޯން ފަހަކާއި ޒޯން އަށެއްގެ މެޗުތަކެވެ. މިރޭގެ މެޗުތައް ފަށާނީ ރޭގަނޑު 8 ޖަހާއިރު އެވެ.