މިހާރު ކުރިއަށްދާ ސޮނީ ސްޕޯޓްސް ގޯލްޑަން ފުޓްސަލް ޗެލެންޖްގެ ޒޯން ބުރުގައި ރޭ ކުޅުނު މެޗުތަކުން ކ. ގާފަރާއި ދ. ކުޑަހުވަދޫ ފަސޭހަކަމާއެކު މޮޅުވިއިރު، ބ. އޭދަފުއްޓާއި ފ. ބިލެއްދޫ އާއި މައްޗަންގޯޅި އަދި އއ. މަތިވެރިން މޮޅުވެއްޖެއެވެ.

ޒޯން ތިނެއްގައި ހިމެނޭ ކ. އަތޮޅުގެ ޗެމްޕިއަން، ގާފަރުން ވަނީ 8-0 ގެ ތަފާތު ބޮޑު ނަތީޖާއަކުން ޅ. އަތޮޅުގެ ޗެމްޕިއަން، ކުރެންދޫ ބަލިކޮށްފައެވެ. ރެހެންދި ފުޓްސަލް ގްރައުންޑް އެކެއްގައި ރޭ ކުޅުނު މި މެޗުގައި ގާފަރުގެ އިބްރާހިމް ރިމާހު (ރިމޭ) ހެޓްރިކެއް ހެދިއިރު، އެ ޓީމުގެ އަލީ މާއިސް (މައްޓު) އާއި ޝަނާން ރަޝީދު ދެ ގޯލްޖެހިއެވެ. އެ ޓީމުގެ އަނެއް ލަނޑުޖަހައިދިނީ ގައިސާން އަބޫބަކުރު މާހިރުއެވެ. މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ގާފަރުގެ ރިމޭއެވެ.

މި ޒޯންގައި ހިމެނޭ އަނެއް ދެ ޓީމުގެ ކުރިމަތިލުމުގައި ބ. އަތޮޅުގެ ޗެމްޕިއަން، އޭދަފުށީ ޓީމުން ވަނީ 3-0 އިން ކ. ކާށިދޫ ބަލިކޮށްފައެވެ. މި މެޗުގައި އޭދަފުށީގެ ލަނޑުތައް ޖަހައިދިނީ ހަމްޒާ މުޙައްމަދު (ހަމްޕު)، ހައިޝަމް ހަސަން (ބިޑި) އާއި މުޙައްމަދު ފާސިރު (ފާއްޓޭ) އެވެ. މި މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ހޮވުނީ އޭދަފުށީގެ ހައިޝަމް (ބިޑި) އެވެ.

ޒޯން ހަތަރެއްގައި ރޭ އއ. އަތޮޅުގެ ޗެމްޕިއަން، މަތިވެރިން ވަނީ 3-2 އިން އދ. އަތޮޅުގެ ޗެމްޕިއަން، މަހިބަދޫ އަތުން މޮޅުވެފައެވެ. މި މެޗުގައި މަތިވެރީ ޓީމުގެ ލަނޑުތައް ޖަހައިދިނީ މުޙައްމަދު ޝަފްރާޒް، އަލީ އަލްސަން އާއި އަހުމަދި ފިރާޝް އެވެ. މަހިބަދޫގެ ލަނޑުތައް ޖަހައިދިނީ އަބްދުﷲ މިދުހަތު ފަހުމީ (ބިޗަޑްސް) އާއި ހުސެއިން ނިޔާޒް އެވެ. މި މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދީ މަތިވެރީ ޓީމުގެ ފިރާޝް އެވެ.

ބ. އޭދަފުށްޓާއި ކ. ކާށިދޫ ބައްދަލުކުރި މެޗުގެ ތެރެއިން. --ފޮޓޯ: ވަގުތު އިމޭޖަސް / އަބްދުﷲ އަބީދު

ޒޯން ހަތަރެއްގައި ރޭ އދ. މާމިގިލިއާ ވ. ކެޔޮދޫ ބައްދަލުކުރި މެޗު ނިމުނީ 3-3 އިން ދެ ޓީމު އެއްވަރުވެގެންނެވެ. މި މެޗުގައި މާމިގިލީގެ އަހުމަދު ނިޒާމް (ނިޒާމްބެ) ދެ ލަނޑުޖެހިއިރު، އެ ޓީމުގެ އަނެއް ލަނޑުޖަހައިދިނީ ހައިޝަމް އެވެ. ކެޔޮދޫގެ އަހުމަދު ރަޝީދު (އައްމަޑޭ) ދެ ގޯލްޖެހިއިރު، އަނެއް ލަނޑުޖަހައިދިނީ އަރީން އަބްދުﷲ އިބްރާހިމް އެވެ. މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ މާމިގިލީގެ ނިޒާމްބެ އެވެ.

ޒޯން ފަހެއްގައި ރޭ ދ. އަތޮޅުގެ ޗެމްޕިއަން، ކުޑަހުވަދޫން 5-1 ގެ ނަތީޖާއަކުން މ. މުލަކު ބަލިކުރިއިރު، އެ ޓީމުގެ މުޙައްމަދު އަރީޝް ހެޓްރިކެއް ހެދިއެވެ. މި މެޗުގައި އެ ޓީމުގެ އަނެއް ލަނޑުތައް ޖަހައިދިނީ ޝައުކަތު އަމީން އާއި އަރީފް މަހްމޫދު އެވެ. މުލަކުގެ ހަމައެކަނި ލަނޑުޖަހައިދިނީ އާދަމް ޝަހީމް (އާނަ) އެވެ. މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ކުޑަހުވަދޫގެ އަރީޝް އެވެ.

ޒޯން ފަހެއްގެ އަނެއް މެޗުގައި މ. ނާލާފުށި އަތުން ފ. އަތޮޅުގެ ޗެމްޕިއަން، ބިލެއްދޫ މޮޅުވީ 2-5 އިންނެވެ. މި މެޗުގައި ބިލެއްދޫގެ ނަދީފް އިބްރާހިމް ހެޓްރިކެއް ހެދިއިރު، އެ ޓީމުގެ އަނެއް ދެ ލަނޑުޖަހައިދިނީ މުޙައްމަދު ޒީދާން ޒުހުރީ އެވެ. ނާލާފުށީގެ ދެ ލަނޑުވެސް ޖަހައިދިނީ އިބްރާހިމް ޝައްފާން އެވެ. މި މެޗުގެ މޮޅު ކުޅުންތެރިއަކީ ބިލެއްދޫގެ ނަދީފް އެވެ.

ވިލިމާލެއާ މާފަންނު ބައްދަލުކުރި މެޗުގެ ތެރެއިން. --ފޮޓޯ: ވަގުތު އިމޭޖަސް / އަބްދުﷲ އަބީދު

މާލޭ ސިޓީގެ އަވަށްތައް ހިމެނޭ ޒޯން އަށެއްގައި ރޭ ކުޅުނު މެޗުގައި މައްޗަންގޯޅި ވަނީ 2-0 އިން ހުޅުމާލެ ބަލިކޮށްފައެވެ. މި މެޗުގައި މައްޗަންގޯޅީގެ ލަނޑުތައް ޖަހައިދިނީ އެއްބަނޑު އެއްބަފާ ދެބެން ކަމަށްވާ، ހަސަން ނަޒީމް (ޗޯޓް) އާއި ހަސަން ނަޒާމް އެވެ. މި މެޗުގެ މޮޅު ކުޅުންތެރިއަކީ މައްޗަންގޯޅީގެ ޗޯޓް އެވެ.

ޒޯން އަށެއްގައި ރޭ ކުޅުނު އަނެއް މެޗުގައި ވިލިމާލެއާ 2-2 އިން މާފަންނު ވަނީ އެއްވަރުވެފައެވެ. މި މެޗުގައި ވިލިމާލޭގެ ލަނޑުތައް ޖަހައިދިނީ އިސްމާއިލް ވަޖީހު (ވައްޖެ) އާއި އަލީ ޝިޔާހު (ޝިޔަޅޭ) އެވެ. މާފަންނުގެ ލަނޑުތައް ޖަހައިދިނީ ހުސެއިން ސުހައިލް އާއި މުޙައްމަދު ޔަފާއު (ޔާ) އެވެ. މި މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ހޮވުނީ މާފަންނުގެ ޔަފާއު އެވެ.

މި މުބާރާތުގައި މިރޭ ކުޅުމަށް ހަމަޖެހިފައިވަނީ ޒޯން އެކަކާއި ޒޯން ދޭއްގެ އިތުރުން ޒޯން ހައެއް އަދި ޒޯން ހަތެއްގެ މެޗުތަކެވެ. މިރޭގެ މެޗުތައް ފަށާނީ ވެސް ރޭގަނޑު 8 ޖަހާއިރު އެވެ.