ފާއިތުވި ތިން އަހަރު ރޯޑް ޑިވަލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ) ގެ އޮޑިޓް ނުހަދާ ކަމަށް އެ ކުންފުނީގެ މެނޭޖިންގް ޑިރެކްޓަރު ބްރިގޭޑިއާ ޖެނެރަލް ރިޓަޔާޑް އަލީ ޒުހައިރު ވިދާޅުވެއްޖެއެވެ.

ޕީއެސްއެމްގެ ރާއްޖެ މިއަދު ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން ޒުހައިރު ވިދާޅުވީ 2021،2022 އަދި 2023 ގައި ކުންފުނީގެ އޮޑިޓެއް ހަދާފައިނުވާ ކަމަށެވެ. އެހެން ކަމުން ކުންފުނި އޮޑިޓް ކުރުމުގެ މަސައްކަތް މިހާރު ކުރިއަށްދާ ކަމަށް ވިދާޅުވިއެވެ.

ރޯޑް ޑިވެލޮޕްމަންޓު ކޯޕަރޭޝަން (އާރްޑީސީ)ގެ އޮފީހުގައި ހިންގި އެތައް ގަޑި އިރުގެ ތަހްގީގަކަށް ފަހު ގިނަ އަދަދެއްގެ ލިޔެކިޔުންތައް ފުލުހުން މިދިޔަ އަހަރުގެ ނޮވެމްބަރުގައި ގެންދިޔައެވެ.

އެކަމާއި ގުޅޭގޮތުން ޒުހައިރު ވިދާޅުވީ ތަހުޤީޤީ ބޭނުންތަކަށް ބޭނުންވާ ހުރިހާ ލިޔެކިޔުންތައް ގެންގޮސްފައިވާ ކަމަށާއި ފައިނޭންޝަލް ހުރިހާ ޑޮކިއުމަންޓްތައް ހުރީ އެބޭފުޅުންގެ އަތުގައި ކަމަށެވެ.

އޮޑިޓް ކުރުމުގައި ވެސް ދިމާވާ އެންމެ ބޮޑު ދަތިކަމަކީ ލިޔެކިޔުންތައް ނެތުން ކަމަށާއި އެހެންނަމަވެސް ތަހުޤީޤީ އިދާރާތަކާއި ވާހަކަ ދައްކައިގެން އޮޑިޓަރ ޖެނެރަލްގެ އޮފީހާ ގުޅިގެން ކުންފުނި އޮޑިޓް ކުރުމުގެ މަސައްކަތް ކުރިއަށްދާ ކަމަށް ޒުހައިރު ވިދާޅުވިއެވެ.

އޮޑިޓްގެ މަސައްކަތް އަދިވެސް ނުނިމޭތީ ކުންފުނި އޮތް ހާލަތު އެންމެ ރަނގަޅަށް އެނގިވަޑައިނުގަންނަވާ ކަމަށް ވެސް ޒުހައިރު ވިދާޅުވިއެވެ.

ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ) ގެ މުވައްޒަފުން ހިމެނޭ ކޮރަޕްޝަންގެ މައްސަލައިގައި އެކެއްގެ އެކައުންޓަށް 11 މިލިއަން ރުފިޔާ އެކި ފަހަރު މަތިން ޖަމާވެފައިވާ ކަމަށް ފުލުހުން މާރޗް މަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވަނީ ވިދާޅުވެފައެވެ.

އާރްޑީސީން ފިހާރައަކުން ކްރެޑިޓަށް ނެގި ތަކެއްޗަށް 1.3 މިލިއަން ރުފިޔާ ދައްކަން ޖެހިއްޖެ

މި ކޮރަޕްޝަން ހިންގާފައިވަނީ 2018 ވަނަ އަހަރުން ފެށިގެން 2022 ވަނަ އަހަރު ސެޕްޓެމްބަރު މަހާއި ހަމައަށެވެ.

އިސްކަންދަރު ކޮށީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ފުލުހުންގެ އެކްޓިން ހެޑް އޮފް ކްރައިމް އިންވެސްޓިގޭޝަން ކޮމާންޑް، ޗީފް ސުޕްރިންޓެންޑެންޓް އަހުމަދު ނާފިޒު ވިދާޅުވީ، މި މައްސަލައިގައި ފާހަގަކުރެވޭ ތިން މީހަކު އުޅޭ ކަމަށް މިހާތަނަށް ތަހުގީގަށް އެނގިފައިވާ ކަމަށެވެ. އަދި އިތުރު 15 ވަރަކަށް މުވައްޒަފުން މި މައްސަލައިގައި ހިމެނޭ ކަމަށް ލަފާކުރެވޭ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

މި ތިން މީހުންގެ ތެރެއިން އެކެއްގެ އަމިއްލަ އެކައުންޓަށް 11 މިލިއަން، އަނެއް މީހާގެ އެކައުންޓަށް ދެ މިލިއަން އަދި ތިންވަނަ މީހާގެ އަމިއްލަ އެކައުންޓަށް ތިން މިލިއަން ރުފިޔާ ޖަމާކޮށްފައިވާ ނާފިޒު ވިދާޅުވިއެވެ.

މިހާ ހިސާބަށް އައިރު ލިބުނު މައުލޫމާތުގެ އަލީގައި އަދި ކުރެވުނު މަސައްކަތުގެ އަލީގައި، ސަރުކާރުގެ ގިނަ މުވައްޒަފުންގެ ބައިވެރިވުން މައްސަލައިގައި ހިމެނޭތީ، އޭސީސީން ވެސް ކުރަމުންދިޔަ މަސައްކަތުގެ ތެރެއިން މި މައްސަލަގައި އާރްޑީސީގެ މުވައްޒަފުންނާއި ސަރުކާރުގެ މުވައްޒަފުން ހިމެނޭ ކަމަށް ތަހުގީގަށް ފާހަގަވި ކަމަށް އޭނާ ވިދާޅުވިއެވެ.

މި މައްސަލަ އެސީސީއަށް ވެސް ހުށަހަޅާފައިވުމާއެކު ފުލުހުންނާއި އޭސީސީ ގުޅިގެން ޖޮއިންޓް އިންވެސްޓިގޭޝަން ކުރިއަށް ގެންދިޔުމަށް އެމްއޯޔޫއެއްގައި ސޮއިކޮށްފައިވާ ކަމަށް ނާފިޒް ވަނީ ވިދާޅުވެފައެވެ.

އާރްޑީސީގެ ކޮރަޕްޝަން: އެކެއްގެ އަމިއްލަ އެކައުންޓަށް 11 މިލިއަން ޖަމާކުރި!

މައްސަލައިގެ ތެރޭގައި ކަންކަން ހިނގާފައި ހުރި ގޮތް ސާފުވަމުންދާ އިރު، އާރްޑީސީގެ ބައެއް މުވައްޒަފުންގެ އަމިއްލަ އެކައުންޓުތަކަށް އާރްޑީސީގެ ފައިސާ ގޮސްފައިވާކަން ތަހުގީގަށް އެނގިފައިވާ ކަމަށާއި އެއީ ތަހުގީގު ކުރަމުންދާ މައްސަލައަކަށްވުމުން އެ ފައިސާ ގޮސްފައިވާ ގޮތް އަދި ބުނަން ދަތި ކަމަށް އޭނާ ވިދާޅުވިއެވެ.

"އެކެއްގެ އެކައުންޓަށް 219 ޓްރާންސެކްޝަން ހެދިފައި ހުރިކަން އެބަ އެނގޭ، އެ އެކައުންޓްތަކަށް ފައިސާ ޖަމާކޮށްފައި ހުރި ގޮތް އެއީ ހޯދަންޖެހޭ ކަމެއް، ކޮންމެ ޓްރާންސެކްޝަނެއްގެ މައުލޫމާތު ވަކި ވަކިން ހޯދާ އެމީހުންނާއި ސުވާލުކުރަންޖެހޭ، ސަރުކާރުގެ އިސް ފަރާތްތަކުގެ ކުންފުނިތަކާއި އެކައުންޓްތަކަށް އާރްޑީސީގެ ފައިސާ ޖަމާވެފައިވޭ، އެކެއްގެ އެކައުންޓަށް އެބަހުރި އެކި ފަހަރު މަތިން 11 މިލިއަން ރުފިޔާ ވަދެފައި" ނާފިޒް ވިދާޅުވިއެވެ.

ނާފިޒް ވިދާޅުވީ އާރްޑީސީއާ ގާތްގުޅުމެއް އޮންނަ ފަރާތެއްގެ އެކައުންޓަށް ފައިސާ ވަދެފައިވާ ކަމަށާއި މި މަސައްކަތް ކުރަމުންދިޔައިރު އިތުރަށް ފާހަގަވީ އެމީހާގެ ކުންފުންޏަކަށް ތިން ލައްކަ ނުވަދިހަ ދެ ހާސް ރުފިޔާ ވަދެފައިވާ ކަމަށެވެ.

ފުލުހުން ވަނީ ނޫސްވެރިންގެ ބައްދަލުވުމުގައި ދައުލަތުގެ ފައިސާ ބޭނުންކުރަންޖެހޭ އެންމެ އަސާސީ މިންގަނޑާ ހިލާފަށް އާރްޑީސީން ރޯލް ކޮށްފައި ހުރިކަމަށް ވެސް ވިދާޅުވެފައެވެ.

ފުލުހުން ވިދާޅުވީ ކޮރަޕްޝަންގެ ތެރޭގައި ހިމެނިފައިވާ ފައިސާގެ އަދަދު އަދި ބުނަން ދަތި ކަމަށެވެ. އަދި މި މައްސަލަ އިތުރަށް ތަހުޤީޤު ކުރަމުންދާ ކަމަށާއި ޙިޔާނާތްތެރިވި ފައިސާގެ އަދަދު ބެލުމަށް މަސައްކަތް ކުރަމުންދާ ކަމަށް ފުލުހުން ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. އެމްޑީޕީ އައުޓް

    އޮޑިޓު ނުހަދާ، އެކަމަކު އަހަރަކު އެއްފަހަރު އެތާގެ ތިޖޫރީ ފަޅާލާ ލަރި ގެންދޭ އަދި ޕެޓީ ކޭޝް ނަމުގަވެސް ވައްކަން ކުރި. މިއީ އެމްޑީޕީގެ ހަގީގަތް

    10
  2. ސުނޭ

    ކޮބާހޭ މަގުމަތީ ގެންގުޅުނުހާ ޕޓޭން!

  3. ޒައިކް23

    އޮޑިޓް 2020 ގަ ވެސް ނިމިފަ، 2021،22،23 ގެ އޮޑިޓް ހެދުމަށް ހަވާލުކޮށްފަ ބޮޮޑު ބައި އޮއްވާ ފުލުހުން ވަދެ ކުންފުނީގެ ޑޮކިއުމަންޓައް ގެން ދިޔައީމަ އޮޑިޓް މެދު ކެނޑިފަ.. މަޖިލީހުން ފާސްކޮށްގެން ސީދާ އޮޑިޓް އޮފީހުންވެސް ސްޕެޝަލް އޮޑިޓެއް އެބަ ހަދާ.. ދެން ކޮންމެވެސް އެއްޗެކޭ ކިޔައިގެން ހެޑްލަައިން ހަދަނީ ސަރުކާރަށް އެއްވެސް ޕްރޮޖެކްޓެއް ނުޖެއްސޭތީ އެކަން އޮއްބަން.. ތިޔައެއް ނުވިކޭނެ 28ގެ އިންތިހާބަށް

    1
    5
    • ސުލޯލިހު

      އެތާނގެ ކޮރަޕްޝަން ހައްދުން ނެއްޓީމަ އޮޑިޓުތައްވެސް ގެންދާނެ. އަދި އެކަން ކުރީވެސް ޗޯރު ސަރުކާރު އޮއްވަ. 2024 އަށް މަޑު ކުރިނަމަ ތި އޮޑިޓުތަށްވެސް އޮންނާނީ އަންދާލާފަ. ރާޑީސީގެ ވައްކަން ތަހުގީގުކޮށް ހަރުކަށި ފިޔަވަޅު އަޅަން ގޮވާލަން