ފެން ބޮޑުވުމުގެ މައްސަލަ ހައްލު ކުރުމުގެ މަޝްރޫއު އަވަސް ކުރަން 24 ގަޑިއިރު މަސައްކަތް ކުރަން ނިންމައިފިއެވެ.

ރޯޑް ޑިވަލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ) އިން މިއަދު އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ މާލެއަށް ދިމާވެފައިވާ ފެން ބޮޑުވުމުގެ މައްސަލަ ހައްލު ކުރުމުގެ މަޝްރޫޢުގެ މަސައްކަތްތައް ވެސްޓްޕާކް ސަރަހައްދުގައި ކުރަމުން އަންނަ ކަމަށާއި މަސައްކަތް އަވަސް ކުރުމުގެ ގޮތުން 24 ގަޑިއިރު އެ ސަރަހައްދުގައި މަސައްކަތްތައް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ކަމަށެވެ.

މާލޭގައި ފެންބޮޑުވާ މައްސަލަ ހައްލުކުރުމުގެ މަޝްރޫއު ފޮޓޯ: އާރްޑީސީ

މާލޭގައި ފެންބޮޑުވާ މައްސަލަ ހައްލުކުރުމަށް ފަށާފައިވާ މަޝްރޫއުގެ ދަށުން ގާއިމްކުރާ ފެން ޓޭންކުތަކުގެ މަސައްކަތް ނިމެން ކައިރިވެއްޖެ ކަމަށް ޑިފެންސް މިނިސްޓްރީން ވަނީ މިދިޔަ ހުކުރު ދުވަހު ބުނެފައެވެ.

މާލޭގެ މަގުތަކުގައި ފެންބޮޑުވެ ރައްޔިތުންނަށް ދިމާވާ ތަކުލީފުތައް ކުޑަކޮށްދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ އެންގެވުމަށް، ދިފާއީ ވުޒާރާއާއި ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓްރީ އަދި އާރްޑީސީ ގުޅިގެން ފަށާފައިވާ މަޝްރޫގައި ގާއިމު ކުރެވޭ ކަލެކްޝަން ޓޭންކުގެ ކޮންކްރީޓް މަސައްކަތް ގާތްގަނޑަކަށް ނިމިފައިވާ ކަމަށް ވެސް ޑިފެންސް މިނިސްޓްރީން ބުނެފައިވެއެވެ.

މިއީ މާލޭގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްގީކުރުމުގެ މަސައްކަތް ފެށުމުގެ ކުރިން ފެންބޮޑުވާ މައްސަލައަށް ވަގުތީ ހައްލެއް ހޯދައިދިނުމަށް ފެށި މަޝްރޫއެއް ކަމަށް ސަރުކާރުން ބުނެއެވެ. އެ މަޝްރޫއުގެ ދަށުން މާލޭގެ މަގުތަކުގައި އުފެދޭ ފެން ބޭރުކުރުމަށް ހަރުކުރަންޖެހޭ ވަސީލަތްތައް ހަރުކުރާނެ ކަމަށް ސަރުކާރުން ބުނެއެވެ. މި މަޝްރޫއު ފަށާފައިވަނީ ވެސްޓް ޕާކް ސަރަހައްދުގައެވެ.

މޯލްޑިވްސް ޕޮލިސް ސާވިސް، އެމްޕީއެލް، އެމްޓީސީސީ އަދި އާރްޓީއެލްއާއެކު އެ މަސައްކަތާ ގުޅިގެން ބައްދަލުވުމެއް ބޭއްވި ކަމަށާއި އެ ބައްދަލުވުމުގައި، އެ ސަރަޙައްދުގެ ޓްރެފިކް ފްލޯ ފަދަ ކަންކަމަށް ދުވަހުން ދުވަހަށް ގެންނަންޖެހޭ ބަދަލުތަކާއި އެ މަޝްރޫއުގެ ވަށައިގެން ހިނގާ، ރައްޔިތުންނާއި ގުޅުންހުރި ކަންކަމާއިމެދު މަޝްވަރާ ކުރެވި ގޮތްތަކެއް ނިންމި ކަމަށް މިނިސްޓްރީއިން ބުންޏެވެ.

މާލޭގެ މަގުތައް ހަދާފައި ހުރިގޮތުން ވާރޭވެހޭ ދުވަސްވަރު ފަސޭހައިން ފެންބޮޑުވުމުގެ މައްސަލަތައް ކުރިމަތިވެއެވެ. މި މައްސަލަ ހައްލު ކުރުމަށް ޗައިނާ ސަރުކާރާއި ގުޅިގެން މާލޭގެ މަގުތައް ހެދުމަށް ސަރުކާރުން ވަނީ ނިންމާފައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. އެދުރު

    ކޮންމެ ސަރުކާރެއް އަޔަސް ތިޔަމަގުތަކުގަ ފެންހިންދުމުގެ މަސައްކަތް އަބަދުވެސް ކުރޭ ނަމަވެސް ދުވަހަކުވެސް ހައްލުވާ ކަމަށް ނުވޭ ކޮންމެ ބަޔަކުވެސް ބޮޑު ލާރިގަނދެއް ކާލާ ނިންމާލަނީ!