ފޮޓޯ އިން ތިޔަ ފެންނަނީ ކުރިއަށް އޮތް 20 ވަނަ ރައްޔިތުންގެ މަޖިލީހުގައި ރައީސްކަމަށް ވަޑައިގަންނަވާނެ ފޮނަދޫ ދާއިރާގެ އިންތިހާބީ މެމްބަރު އަބްދުއްރަހީމް އަބްދުﷲ އާއި މަޖިލީހުގެ ނައިބު ރައީސްކަމަށް ވަޑައިގަންނަވާނެ ދިއްގަރު ދާއިރާގެ އިންތިހާބީ މެމްބަރު އަހުމަދު ނާޒިމެވެ. މޫނުމަތިން ކޮންމެވެސް ވަރެއްގެ އެއްގޮތް ކަމެއް ފެންނަން އެބަހުރި ނޫންތޯ އެވެ؟ ހަމަ ޔަގީނުން ވެސް ދެ ބޭފުޅުންގެ ދެ އަތް އެ ފެންނަނީ އެއްގޮތަކަށެވެ. އެއްވެސް ބަދަލެއް ފެންނާކަށް ނެތެވެ.

އާއިލީ ލޭ ނުހިނގި ކަމުގައި ވިޔަސް، އަބްދުއްރަހީމާއި ނާޒިމަކީ "ރަހްމަތްތެރިކަމުގެ ލޭ" ހިނގާ ދެ ބޭފުޅުންނެވެ. ސިޔާސީ މައިދާނުގައި ބޮޑެތި ތަޖުރިބާތަކެއް ލިބިވަޑައިގެންފައި ހުންނެވި އަބްދުއްރަހީމާއި ނާޒިމަކީ ޒަމާންވީ ދެ ގާތް އެކުވެރިންނެވެ. ދެ ބޭފުޅުންގެ ދެމެދުގައި 1990 ގެ އަހަރުތަކުން ފެށިގެން ރަހްމަތްތެރިކަމުގެ ގުޅުން އޮތީ އުފެދިފައެވެ. އެ ދުވަސްވަރު ނާޒިމަކީ ނަމިރާ އިންޖިނިއަރިން އެންޑް ޓްރޭޑިން ޕްރައިވެޓް ލިމިޓެޑު ނަމުގައި ކުންފުންޏެއް ހައްދަވައިގެން ރާއްޖޭގެ ރަށްރަށުގައި ކަރަންޓުލުމުގެ މަސައްކަތުގައި އުޅުއްވި ބޭފުޅެކެވެ. ލ. ފޮނަދޫގައި ވެސް އެ މަސައްކަތްކޮށް ދެއްވީ ނާޒިމްގެ ކުންފުނިންނެވެ.

"އެ ދުވަސްވަރުން ފެށިގެން އަޅުގަނޑާ ވަރަށް ގާތް ގުޅުމެއް އޮތް. އެ ގުޅުމުގެ ތެރެއިން އައި ސިޔާސީ ކަންކަމާ އެކީގައި އަޅުގަނޑު ނުކުތީ ނާޒިމާއެކުގައި. އަޅުގަނޑު ވަރަށް ގިނަ އިންޓަވިއުތަކުގައި މި ވާހަކަ ބުނެފައި ވާނީ. އަޅުގަނޑު ސިޔާސީ މައިދާނަށް އަސްލު ނެރެދެއްވީ ނާޒިމް. އަޅުގަނޑުގެ ވިސްނުމެއް ކުރިއަކުން ނޯވޭ ރައްޔިތުންގެ މަޖިލީހަށް އައުމުގެ،" އަބްދުއްރަހީމާއި ނާޒިމްގެ ރަހްމަތްތެރިކަމުގެ ގުޅުން ފެށިގެން އައި ގޮތް ކިޔައިދެއްވަމުން އަބްދުއްރަހީމް ވިދާޅުވިއެވެ.

އަބްދުއްރަހީމް އިއްޔެ "ވަގުތަށް" އިންޓަވިއު ދެއްވަނީ-- ވަގުތު އިމޭޖަސް: އަހުމަދު ޖައިޝަމް

ފެހި ގާނޫނުއަސާސީގެ ދަށުން އިދާރީ ދާއިރާތައް ވަކި ކުރެވި، މެމްބަރުން އިންތިހާބު ކުރަން ނިންމައި އިންތިހާބަށް ކުރިމަތިލާން ހުޅުވާލުމާ އެކީގައި އޭރުގައި ޑީއާރުޕީން މަސައްކަތް ކުރަމުން ދިޔައީ ޕީއޭއާ އެކީގައި ކޯލިޝަނެއް ހަދައިގެންނެވެ. އެ ފަހަރު ލ. އަތޮޅުގެ ހަތަރު ގޮނޑި ޑީއާރުޕީން ދޫކޮށްލީ ޕީއޭއަށެވެ. އަބްދުއްރަހީމް ވިދާޅުވި ގޮތުގައި ލ. އަތޮޅުގެ ހަތަރު ގޮނޑީގެ ތެރެއިން 17 ވަނަ މަޖިލީހުގައި ފޮނަދޫ ދާއިރާގެ ގޮނޑިއަށް ވާދަކުރެއްވުމަށް އެންމެ ބޮޑަށް ބާރު އެޅުއްވީ ނާޒިމެވެ. އެ ދުވަސްވަރު އަބްދުއްރަހީމް މަސައްކަތް ކުރައްވަމުން ގެންދެވީ ނާޒިމްގެ އިތުރުން ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ އިރުޝާދާ ވެސް އެކީގައެވެ.

މި ވަރުގަދަ ގުޅުމާ އެކީގައި އަބްދުއްރަހީމާއި ނާޒިމް ވެސް ސިޔާސީ ގޮތުން ބޮޑެތި ކާމިޔާބީތަކެއް ހޯއްދެވިއެވެ. 17 ވަނަ މަޖިލީހާއި 18 ވަނަ މަޖިލީހަށް މި ދެ ބޭފުޅުން ވެސް އިންތިހާބުވެވަޑައިގެންނެވިއެވެ. އެކަމަކު، ނާޒިމް ދެވަނަ ދައުރު ފުރުއްވަމުން ގެންދަވަނިކޮށް ސުޕްރީމް ކޯޓުން ކުރި ހުކުމާ ގުޅިގެން ނާޒިމްގެ ގޮނޑި ގެއްލުނެވެ. އެއާއެކީގައި ނާޒިމް ސިޔާސީ މައިދާނުން ވަރަށް ބޮޑަށް ގެއްލިގެންދިޔައެވެ. ނަމަވެސް ދެ ބޭފުޅުންގެ ރަހްމަތްތެރިކަން ދެމިއޮތެވެ.

"މިދިޔަ ދުވަސްވަރުގައި އަޅުގަނޑާ ނާޒިމްއާ ސިޔާސީ ކަންކަމުގައި ދިމާވެއެއް ނޫޅޭ، ނަމަވެސް ފޯނުން ވާހަކަ ދެކެވި، ރައްޓެހި، ރަހްމަތްތެރިކަން އޮތް. އެހެންވީމަ ވަރަށް ގާތް ގުޅުމެއް އޮތް ދެ މީހުން އަޅުގަނޑުމެންނަކީ،" ހިނިތުންވުމުގެ މޫނަކާ އެކީގައި ހުންނަވައި އަބްދުއްރަހީމް ވިދާޅުވިއެވެ.

ނާޒިމް ވިދާޅުވި ގޮތުގައި، އަބްދުއްރަހީމު ފޮނަދޫ ދާއިރާ އަށް ކުރިމަތިލެއްވުމުގެ ފުރުސަތު އެންމެ ފުރަތަމަ ދެއްވީ "ރިކޮމަންޑޭޝަނެއް" ގެ މައްޗަށް ބިނާކޮށެވެ. ޑީއާރުޕީ އާއި ޕީއޭ ގުޅިގެން އެންމެ ފުރަތަމަ އިންތިހާބަކަށް ނުކުތީ 2008 ވަނަ އަހަރެވެ. އެއީ އެ އަހަރު ބޭއްވި ރިޔާސީ އިންތިހާބެވެ. އެ އިންތިހާބުގައި ޑީއާރުޕީ އަށް ލިބުނު ނާކާމިޔާބީއާ އެކީގައި ދެ ޕާޓީން ކޯލިޝަން ހަދައިގެން އަނެއްކާ ވެސް ނުކުތީ ޖެހިގެން އައިއިރު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައެވެ. ޕީއޭ އިން އެ ފަހަރު 10 ދާއިރާ އަކަށް ވާދަކުރި އިރު، އަބްދުއްރަހީމާއި ނާޒިމް ހިމެނިވަޑައިގަންނަވާ ގޮތަށް ހަތް ދާއިރާގެ ގޮނޑި ޕީއޭ އިން ކާމިޔާބު ކުރިއެވެ. އަބްދުއްރަހީމާއި ނާޒިމްގެ ސިޔާސީ މަސައްކަތްތައް މުޅިން ވެސް ފެށިގެން އައީ ރައްޔިތުންގެ މަޖިލީހުގެ ތެރެއިންނެވެ.

ނާޒިމް އިއްޔެ "ވަގުތަށް" އިންޓަވިއު ދެއްވަނީ-- ވަގުތު އިމޭޖަސް: އަހުމަދު ޖައިޝަމް

"ގާތްގަނޑަކަށް ނުވަ އަހަރުގެ މެދުކެނޑުމަކަށް ފަހު އަޅުގަނޑު އެނބުރި މިއައީ،" ނާޒިމް ވިދާޅުވިއެވެ.

އަބްދުއްރަހީމާއި ނާޒިމް އަނެއްކާ ވެސް ރައްޔިތުންގެ މަޖިލީހަށް މި ނުކުންނަވަނީ އާ ތަޖުރިބާއަކާ އެކުގައެވެ. ޒުވާން ޓީމަކާ އެކުގައި ރައްޔިތުންނަށް ނަތީޖާ ނެރެ ދިނުމުގެ އަޒުމުގައެވެ. އަމާޒަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވެރިކަން ކާމިޔާބު ކުރުމާއި ވެރިކަން ދެމެހެއްޓުމާއި ނަމޫނާ މަޖިލީހަކަށް ހެދުމެވެ. ދެ ބޭފުޅުންގެ ޒަމާންވީ އެކުވެރިކަމާ އެކުގައި އަބްދުއްރަހީމާއި ނާޒިމް ވެސް ނުކުންނަވަނީ ވަރުގަދަ ލީޑަޝިޕެއް ދެއްކެވުމުގެ އަޒުމުގައެވެ.

"މިވަރުގެ ބޮޑުކަމެއް ހަވާލު ކުރާނީ ވަރަށް ބޮޑު އިތުބާރެއް އޮތީމަ"

ރައްޔިތުންގެ މަޖިލީހުގެ ރައީސް އާއި ނައިބު ރައީސް އާއި ޕީއެންސީގެ ޕާލަމެންޓްރީ ގްރޫޕްގެ އެކިއެކި މަގާމުތަކަށް ހަމަޖައްސަވަން ބޭނުންވާ ނަމެއް ފައިނަލް ކުރެއްވުމުގެ ފުރިހަމަ އިހްތިޔާރު މިފަހަރު ދެއްވީ ރައީސް ޑރ. މުހައްމަދު މުއިއްޒަށެވެ. އެއީ ޕާލަމަންޓްރީ ގްރޫޕްގެ ގަވައިދު އޮތް ގޮތުން، އެމަނިކުފާނަކީ ޕާޓީގެ ރައީސަށްވެފައި، އެމަނިކުފާނަށް ފެނިވަޑައިގަންނަވާ ކަންކަމުގައި ހިޔާލުފުޅު ދެއްވުމާއި މަޝްވަރާ ކުރެއްވުމުގެ ފުރުސަތު އޮތީމައެވެ.

އަބްދުއްރަހީމް ވިދާޅުވި ގޮތުގައި މިވަރުގެ ބޮޑު މަސްއޫލިއްޔަތެއް ދެ ބޭފުޅުންނާ ހަވާލު ކުރައްވާނީ ރައީސް ޑރ. މުއިއްޒު ވަރަށް ބޮޑަށް އިތުބާރު ކުރައްވާތީއެވެ. އަދި ރައީސް ޑރ. މުއިއްޒު އޭނާގެ މައްޗަށް އެހާ ބޮޑު އިތުބާރެއް ކުރައްވާތީ އެކަމާ އުފާ ކުރައްވާ ކަމަށް ވެސް އަބްދުއްރަހީމް ވިދާޅުވިއެވެ.

އަބްދުއްރަހީމާއި ނާޒިމް.

"ރައީސަށް އިތުބާރު އޮތީ ކަމަށް އަޅުގަނޑު ގަބޫލު ކުރަނީ، އަޅުގަނޑުމެން ގުޅިގެން ރައީސް ބޭނުންފުޅުވާ އަމާޒަށް އަޅުގަނޑުމެންނަށް މަޖިލިސް ގެންދެވޭނެ ކަމަށް. މި ދަންނަވާ ވާހަކައަކީ އެއްގޮތަކަށް ވެސް ދެ ބާރު އެކުވާ ވާހަކައެއް ނޫން. ނަމަވެސް ރައްޔިތުންގެ މަޖިލީހުގެ ދައުރަކީ ގާނޫނު ހެދުމާއި ގާނޫނު އިސްލާހު ކުރުމާއި ސަރުކާރު ޖަވާބުދާރީ ކުރުވުން. މިކަހަލަ މަސައްކަތްތަކެއް މައިގަނޑު މި އޮންނަނީ. މިކަންކަން ކުރުމުގައި ރައްޔިތުންނާއި ގައުމަށް އެންމެ ރަނގަޅު ގޮތުގައި އެކަން ކޮށްދޭނެ ކަމުގެ ފުރިހަމަ ޔަގީންކަން ލިބިފައި އޮތީމަ ކަމަށް އަޅުގަނޑުމެން ގަބޫލު ކުރަނީ، އަޅުގަނޑުމެންގެ ނަން ހުށަހެޅުއްވީ،" އަބްދުއްރަހީމް ވިދާޅުވިއެވެ.

ނާޒިމް ވިދާޅުވި ގޮތުގައި މަޖިލީހުގެ ރައީސް އާއި ނައިބު ރައީސް އާއި ޕާލަމެންޓްރީ ގްރޫޕްގެ މަގާމުތަކަށް ބޭފުޅުން ހަމަޖެއްސެވުމުގެ ކުރިން ރައީސް ޑރ. މުއިއްޒު "ހޯމްވޯކް" ހެއްދެވިއެވެ. އަދި މަޖިލީހަށް އިންތިހާބުވެވަޑައިގެންނެވި ހުރިހާ ބޭފުޅުންގެ ސީވީ ވެސް ހޯއްދެވި ކަމުގައި ނާޒިމް ވިދާޅުވިއެވެ. ރައީސް ބޭނުންފުޅުވީ މަޖިލީހަށް އިންތިހާބުވެވަޑައިގެންނެވި މެމްބަރުންނަކީ ކޮން ކަހަލަ މެމްބަރުންތަކެއްތޯ ބައްލަވާފައި ކަންކަން ނިންމަވަން ކަމުގައި ނާޒިމް ވިދާޅުވިއެވެ.

"މަޖިލީހުގެ ލީޑަޝިޕަކީ ރައްޔިތުންނާ ވަރަށް ސާފު ބަހުން ތިލަކޮށް، މުއާމަލާތު ކުރެވޭ، އަނެއްކާ ތަޖުރިބާ ހުރި ބޭފުޅުންނަށް ވާން ޖެހޭ. އަނެއްކާ ކަން ދިމާކުރި ގޮތުން ޕާލަމެންޓްރީ ގްރޫޕަކީ ވަރަށް ބޮޑު ގްރޫޕެއް. އެހެންވީމަ މެނޭޖު ވެސް ކުރަން ޖެހޭ. އެމީހުން ނެރެދޭން ޖެހޭ. ލޯ ހުޅުވައި ދޭން ޖެހޭ. އެމީހުން ބާރުވެރިކުރުވަން ޖެހޭ. އެހެންވީމަ އެކަންކަމަށް ވިސްނަވާފައި ރައީސް އަޅުގަނޑުމެންގެ މަޖިލީހުގެ ތަޖުރިބާއަށް ބަލާފައި، އަޅުގަނޑުމެންނަށް މަސްއޫލިއްޔަތު މަތި ކުރެއްވީ،" ނާޒިމް ވިދާޅުވިއެވެ.

ފޮނަދޫ ދާއިރާގެ އިންތިހާބީ މެމްބަރު ނާޒިމް. --- ފޮޓޯ: މަޖިލިސް

"20 ވަނަ މަޖިލިސް ތަފާތު ވާނެ، ނަމޫނާ މަޖިލީހަކަށް ވާނެ"

ރައީސް ޑރ. މުއިއްޒު ވަނީ 20 ވަނަ މަޖިލީހަށް އިންތިހާބުވެވަޑައިގެންނެވި މެމްބަރުންނާ ދެ ފަހަރުގެ މަތިން މުލިއާގޭގައި ބައްދަލު ކުރައްވައިފައެވެ. މި ދެ ބައްދަލުވުމުގައި ވެސް ރައީސް ޑރ. މުއިއްޒު މެމްބަރުންގެ އަރިހުން އެދިވަޑައިގެންނެވި އެންމެ މުހިންމު އެއް ކަމަކީ 20 ވަނަ މަޖިލިސް ނަމޫނާ މަޖިލީހަކަށް ހެއްދެވުމެވެ. އަބްދުއްރަހީމް ވިދާޅުވި ގޮތުގައި މަޖިލިސް ބައްޓަންވެގެން ދާނީ އެގޮތުގެ މަތިންނެވެ. ވިހި ވަނަ މަޖިލިސް ވެގެން ދާނީ ތަފާތު މަޖިލީހަކަށް ކަމަށް އޭނާ ވިދާޅުވިއެވެ.

އަބްދުއްރަހީމް ފާހަގަ ކުރެއްވި ގޮތުގައި މަޖިލީހާ ދޭތެރޭގައި ރައްޔިތުން ދެކޭ ގޮތް ވަނީ ވަރަށް ބޮޑަށް ބަދަލުވެފައެވެ. އެހެންވެ، ޕީއެންސީގެ މައިގަނޑު އަމާޒަކަށް ވާނީ މަޖިލީހަށް ރައްޔިތުން ކުރި އިތުބާރު އަނބުރާ ހޯދުމާއި ގައުމު މިހާރު އޮތް ހާލަތުން އަރައިގަތުމަށްޓަކައި މަޖިލީހުން ދޭން ޖެހޭ ފުރިހަމަ އެއްބާރުލުން ދިނުން ކަމަށް އޭނާ ވިދާޅުވިއެވެ. އަދި ރައީސް ޑރ. މުއިއްޒުގެ ރިޔާސީ މެނިފެސްޓޯގައި ހުރި ކަންކަން ހާސިލް ކުރުމަށްޓަކައި މަޖިލީހުގެ ތެރެއިން ގާނޫނުތަކަށް ގެންނަން ޖެހޭ އިސްލާހުތައް ވީހާވެސް އަވަހަކަށް ގެނައުމާއި އަލަށް ގާނޫނުތައް ހެދުމާއި ސަރުކާރު ޖަވާބުދާރީ ކުރުމަކީ މަޖިލީހުން ކުރާނެ ކަންކަމުގައި އަބްދުއްރަހީމް ވިދާޅުވިއެވެ.

ވިހި ވަނަ މަޖިލިހަށް އިންތިހާބުވެވަޑައިގެންނެވި މެމްބަރުން. --- ފޮޓޯ: މަޖިލިސް

މިފަހަރުގެ މަޖިލިސް އިންތިހާބުގައި ވެރިކަން ކުރާ ޕީއެންސީން ވަނީ 66 ގޮނޑި ހޯދައިފައެވެ. އަދި ފަހުން ގުޅިވަޑައިގެންނެވި މެމްބަރުންނާ އެކުގައި ޕީއެންސީގެ މެމްބަރުންގެ އަދަދު މިހާރު 75 އަށް އަރައެވެ. ޕީއެންސީ އަށް މަޖިލީހުގެ ސުޕާ މެޖޯރިޓީ ލިބުނުއިރު، މިއީ ގާނޫނުއަސާސީ އިސްލާހު ކުރުން ފަދަ ބޮޑެތި މަސައްކަތްތަކެއް ކުރެވޭނެ ވަރުގެ އަދަދެކެވެ. އަބްދުއްރަހީމް ވިދާޅުވި ގޮތުގައި ވެރިކަން ކުރާ ޕާޓީއަށް މަޖިލީހުގެ މެޖޯރިޓީ ލިބުމަކީ ދެ ބާރު އެއްވާ ކަމެއް ނޫނެވެ.

އަބްދުއްރަހީމް ވިދާޅުވީ ރައްޔިތުން، މަޖިލީހުގެ މެޖޯރިޓީ ސަރުކާރަށް ދެނީ ސަރުކާރުން ވެފައިވާ ވައުދުތައް ފުއްދުމުގައި ފަސޭހަ ކުރުމަށް ކަމަށެވެ. ރާއްޖެ އަށް ހަމަޖެހުން އަންނަން ބޭނުންވާ އިރު، ރައްޔިތުން ފުދުންތެރި ދިރިއުޅުމެއް އުޅެން އަބަދުވެސް ބޭނުންވާ ކަމުގައި އަބްދުއްރަހީމް ވިދާޅުވިއެވެ. ފެހި ގާނޫނުއަސާސީގެ ދަށުން މިހާތަނަށް އުފެދުނު މަޖިލިސްތަކުން ރައްޔިތުން ބޭނުންވި ކަންކަން ހާސިލް ނުކުރެވުނުއިރު، މަޖިލިސްތަކުން ފެނުނީ ރައްޔިތުން ދެކެން ބޭނުންވި މަންޒަރެއް ނޫން ކަމުގައި އޭނާ ވިދާޅުވިއެވެ. އެހެންވެ، ރައީސް ޑރ. މުއިއްޒުގެ އަމާޒަކީ އެ ބަދަލު ގެނައުން ކަމުގައި އަބްދުއްރަހީމް ވިދާޅުވިއެވެ.

"އަހުލާގީ ގޮތުން ބެލިޔަސް، މަސައްކަތުގެ ގޮތުން ބެލިޔަސް 20 ވަނަ މަޖިލީހަކީ ނަމޫނާ މަޖިލީހަކަށް ހަދާނަން،" އަބްދުއްރަހީމް ވިދާޅުވިއެވެ.

ވިހި ވަނަ މަޖިލިހަށް އިންތިހާބުވެވަޑައިގެންނެވި މެމްބަރުން. --- ފޮޓޯ: މަޖިލިސް

އަބްދުއްރަހީމާއި ނާޒިމްގެ ވާހަކައިގައި ވެސް ފާހަގަ ކުރެއްވި އެއް ކަމަކީ ބޯހިޔާވަހިކަމާއި މަސްތުވާތަކެއްޗާއި އާސަންދައިގެ ނިޒާމާއި އެ ނޫނަސް، ރާއްޖޭގައި ހުރި ބޮޑެތި މައްސަލަތައް ހައްލު ކުރުމުގެ މުހިންމު ކަމުގެ ވާހަކައެވެ. ރައީސް ޑރ. މުއިއްޒު ބޭނުންފުޅުވާ ސްޕީޑްގައި އެ މައްސަލަތައް ހައްލުކޮށް ދިނުމުގައި ދެ ބޭފުޅުން ތިއްބެވީ އަތުކުރި އޮޅާލައްވައިގެންނެވެ. އަމިއްލަ މަސްލަހަތު އިސްނުކޮށް، ގައުމުގެ މަސްލަހަތުގައި ކެރިގެން މިކަންކަމާ ކުރިމަތިލައްވަން އެ ދެ ބޭފުޅުން ވެސް ތިއްބެވީ ތައްޔާރަށެވެ.

ނާޒިމް ވިދާޅުވި ގޮތުގައި ރާއްޖޭގައި ހުރި އިޖުތިމާއީ މައްސަލަތަކާއި އިގްތިސާދީ މައްސަލަތަކުގެ އަސްލަކީ ތެދު ބަހުން ހަގީގަތާ އެއްގޮތަށް ވާހަކަ ނުދެއްކުމާއި އެކަންކަން ހައްލު ކުރަން އިހްލާސްތެރިކަމާ އެކުގައި މަސައްކަތް ނުކުރުމެވެ. އެހެންވެ، ގާނޫނުތަކަށް ގެންނަން ޖެހޭ ބަދަލެއް ވިއްޔާ ގެނެސް، އިތުރު ވަސީލަތްތައް ހޯދައިގެން ރައްޔިތުންނަށް ހެޔޮ ބަދަލު ފެންނަ ވަރަށް މަސައްކަތް ކުރައްވާނެ ކަމަށް ވެސް ނާޒިމް ވިދާޅުވިއެވެ.

"މެމްބަރުންގެ މެދުގައި ގާތް ގުޅުމެއް ބާއްވާނަން، އެކަން ކުރާނެ ގޮތް އެނގޭ"

އަބްދުއްރަހީމް ފާހަގަ ކުރެއްވި ގޮތުގައި މަޖިލީހުގެ އިސްވެރިންނާ މެމްބަރުންނާ ދެމެދުގައި މީގެކުރިން އޮންނަން ޖެހޭ ގުޅުން ގާއިމުވެފައި ނެތެވެ. މަޖިލީހުގައި 10 އަހަރު މަސައްކަތް ކުރެއްވިފައި ހުންނެވީމަ، މަޖިލިސް ހިނގަނީ ކިހިނެއް ކަމާއި މެމްބަރުންގެ އުދާސްތައް އުފެދިގެން އަންނަ ގޮތް ވަރަށް ރަނގަޅަށް އެނގިވަޑައިގަންނަވާ ކަމުގައި އަބްދުއްރަހީމް ވިދާޅުވިއެވެ. އަދި އެކަންކަން ކޮންޓްރޯލް ކުރެއްވޭނެ ގޮތް ވެސް އެނގިވަޑައިގަންނަވާ ކަމުގައި އޭނާ ވިދާޅުވިއެވެ.

އަބްދުއްރަހީމް އެންމެ މުހިންމު ކަމަކަށް ފާހަގަ ކުރެއްވީ މެމްބަރުންގެ މެދުގައި ގާތް ގުޅުމެއް ބޭއްވުމެވެ. މެމްބަރުންގެ އަޑު އެހުމާއި ވަގުތު ދިނުމާއި އެ މެމްބަރުން ބޭނުންވާ ކަންކަމުގައި ވާހަކަ ދައްކައިގެން ހައްލު ހޯދަން މަސައްކަތް ކުރުން ކަމުގައި އަބްދުއްރަހީމް ވިދާޅުވިއެވެ. އަބްދުއްރަހީމާއި ނާޒިމްގެ ވެސް އަމާޒަކީ މިފަހަރުގެ މަޖިލީހަކީ މެމްބަރުންގެ މެދުގައި ވަރަށް ގުޅުން ބަދަހި، އެއްބައިވަންތަ ނަތީޖާ ނެރެދޭ މަޖިލީހަކަށް ހެއްދެވުމެވެ.

އަބްދުއްރަހީމާއި ނާޒިމް އިއްޔެ ޕީއެންސީ އޮފީހުގައި "ވަގުތަށް" އިންޓަވިއު ދެއްވަނީ. --- ވަގުތު އިމޭޖަސް: އަހުމަދު ޖައިޝަމް

"އިދިކޮޅު ބޭފުޅުންގެ ހިޔާލު ތަފާތުވުން އެއީ އެބޭފުޅުންނާ ދޭތެރޭގައި ގުޅުން ނޯންނަންވީ ސަބަބެއް ނޫން. އަޅުގަނޑުމެން އިދިކޮޅުގައި ތިއްބެވި ބޭފުޅުންނާ އެކީގައި ވެސް ވަރަށް ގާތް ގުޅުމެއް ބާއްވައިގެން ކުރިއަށް ގެންދާނީ. އަޅުގަނޑުމެންނަށް ވަރަށް ޔަގީންކަން އެބައޮތް ވަރަށް ރަނގަޅު، ބަދަހި ގުޅުމެއްގެ ތެރެއިން މަސައްކަތް ކުރެވޭނެ ކަމުގެ،" އަބްދުއްރަހީމް ވިދާޅުވިއެވެ.

އަބްދުއްރަހީމް ވަނީ މަޖިލީހުގެ ހުރިހާ މެމްބަރުން ވެސް އެންމެ ފުރަތަމަ ގައުމާއި ރައްޔިތުން އިސް ކުރައްވައި މަޖިލިސް ނަމޫނާ މަޖިލީހަކަށް ހެއްދެވުމުގައި މެމްބަރުން ދެއްވަން ޖެހޭ ފުރިހަމަ އެއްބާރުލުން ދެއްވުމަށް އެދިވަޑައިގެންފައެވެ. މެމްބަރުންގެ އަމިއްލަ ކަންކަން ނުނެރުއްވައި މުޅި ގައުމުގެ ލާބަ އާއި މަންފާއަށް މަސައްކަތްކޮށް ދެއްވުމަށް ވެސް އަބްދުއްރަހީމް ވަނީ އެދިވަޑައިގެންފައެވެ.

"އަޅުގަނޑުމެން ދަންނަވަމުން ދިޔަ ވާހަކައަކީ ދިވެހީންގެ ރާއްޖޭގައި އޮންނާނީ އަދުލުއިންސާފު ގާއިމުވެފައި އޮންނަ މަންޒަރޭ. އަނިޔާވެރިކަމެއް ދިވެހީންގެ ރާއްޖެއަކު ނޯންނާނެއޭ. އަނިޔާވެރިކަމަކަށް ޖާގައެއް އަޅުގަނޑުމެންގެ ދިވެހީންގެ ރާއްޖެއަކު ނުދޭނަމޭ. ފިތުނަވެރިކަމަކަށް ޖާގައެއް ނުދޭނަމޭ. ދިވެހީންގެ ރާއްޖޭގެ ރައްޔިތުން އުޅެމުން ދާނީ ފުދުންތެރި ދިރިއުޅުމެކޭ. ދިވެހީންގެ ރާއްޖޭގައި ސުލްހަވެރިކަން އޮންނާނެއޭ. ކޮންމެ މީހަކު ވެސް އެކަކު އަނެކަކާ ވާހަކަ ދައްކައި އެކުވެރިކަމާ އެކީގައި އުޅުމުގެ ފުރުސަތު ދޭނަމޭ. ދިވެހީންގެ ރާއްޖެ ވާނީ ބޭރުގެ އަޅުވެތިކަމުން ސަލާމަތްވެފައި އޮތް މިނިވަން މުސްތަގިއްލު ގައުމަކަށޭ. ދިވެހީންގެ ރާއްޖޭގެ ކަންކަން ނިންމާނީ ދިވެހީންނޭ. އެ ރާއްޖެ ބިނާ ކުރަން އަޅުގަނޑުމެންނާ ރާއްޖެ ހަވާލު ކުރީ،" ރައީސް ޑރ. މުއިއްޒުގެ ސްޕެޝަލް އެޑްވައިޒަރުގެ ގޮތުގައި ހުންނެވި އަބްދުއްރަހީމް ވިދާޅުވިއެވެ.

ދިއްގަރު ދާއިރާގެ އިންތިހާބީ މެމްބަރު ނާޒިމް. --- ފޮޓޯ: މަޖިލިސް

ނާޒިމް ވެސް ވިދާޅުވީ މަޖިލީހުގައި މަސައްކަތް ކުރަންވީ އަމިއްލަ އެޖެންޑާއަކަށް ވުރެ ބޮޑަށް ގައުމަށް ދިމާވެފައި ހުރި މައްސަލަތައް ހައްލު ކުރުމަށް ކަމަށެވެ. ރައްޔިތުން "ހަތަރު އަނގޮޅިއެއްގައި" ތިބި ހައްސާސް މައްސަލަތައް ހުރި ކަން ފާހަގަ ކުރައްވައި ނާޒިމް ވިދާޅުވި ގޮތުގައި ޒިމްބާބްވޭ އާއި އަވަށްޓެރި ސްރީލަންކާ ވެސް ބަނގުރޫޓުވެގެން ދިޔައީ ދިވެހީންގެ ލޯ ކުރިމަތީގައެވެ. އެކަން އެހެން ދިމާވީ ސިޔާސީ ލީޑަރުން ނިންމަވަން ޖެހޭ ނިންމުންތައް ދުވަަހުން ދުވަހަށް ނުނިންމެވުމުގެ ސަބަބުންނާއި ކަންކަން ކުރައްވަން ޖެހިލުންވެ ވަޑައިގެންނެވުމުން ކަމުގައި ނާޒިމް ވިދާޅުވިއެވެ.

އެކަމަކު، ރާއްޖޭގައި ހުރި ކަންކަން ރަނގަޅު ކުރެވިއްޖެ ނަމަ، ކަންކަމަށް ހެޔޮ ބަދަލު އަންނާނެ ކަމުގައި ނާޒިމް ވިދާޅުވިއެވެ.

ހިޔާލު ތަފާތުވުމެއް ނޯންނާނެ، އެއަށް ވުރެ މާ ވަރުގަދަވާނެ!

ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ކުރީގެ ރައީސް މުހައްމަދު ނަޝީދަކީ ވެސް ކުޑައިރުއްސުރެ، ގާތް ދެ ރަހްމަތްތެރިންނެވެ. އެކަމަކު، ރައީސް ސޯލިހަށް ވެރިކަން ލިބި، އެ ވެރިކަން ދެބައިވިތަނާ ދެ ބޭފުޅުންގެ މެދުގައި ހިޔާލު ތަފާތުވުން ބޮޑުވެ އެންމެ ފަހުން އެ ގުޅުން ވެސް ނިމުމަކަށް އައީއެވެ. ދެ ބޭފުޅުންގެ ދެމެދުގައި ރަހްމަތްތެރިކަމުގެ ގުޅުމެއް މިހާރަކު ނެތެވެ. އެއްވެސް ކަމެއްގައި މަޝްވަރާ ކުރައްވައި ވެސް ނުހައްދަވައެވެ.

އެކަމަކު، އަބްދުއްރަހީމާއި ނާޒިމް ދެއްވި ޔަގީންކަމަކީ ދެ ބޭފުޅުންގެ ދެމެދުގައި އޮތް އެކުވެރިކަމުގެ މައްޗަށް ހިޔަނި އެޅި، ހިޔާލު ތަފާތުވުމެއް އައިސްގެން ދެ ބޭފުޅުންގެ ދެމެދުގައި އޮތް ގުޅުން ނިމުމަކަށް ނާންނާނެ ކަމުގެ ޔަގީންކަމެވެ. މިހާތަނަށް އައިއިރު ވެސް އެ ފަދަ ހިޔާލު ތަފާތުވުމެއް އުފެދިފައި ނެތް ކަން ފާހަގަ ކުރެއްވިއެވެ. އަދި މަޖިލީހުގައި ގުޅިގެން މަސައްކަތް ކުރެއްވޭނެ ކަމުގެ ޔަގީންކަން ވަރަށް ބޮޑަށް އޮތް ކަމުގައި ދެ ބޭފުޅުން ވެސް ފާހަގަ ކުރެއްވިއެވެ.

"އަޅުގަނޑުމެންގެ އުފެދުނީކީ ސިޔާސީ ގުޅުމެއް ވެސް ނޫން ފުރަތަމަ. ފުރަތަމަ އުފެދުނީ ރަހްމަތްތެރިކަމުގެ ގުޅުން. އެ ގާތް ރަހްމަތްތެރިކަމުގެ ސަބަބުން އަޅުގަނޑު ސިޔާސީ މަސައްކަތަށް ނެރެދެއްވި ބޭފުޅަކީ ނާޒިމް. މިހެން އަޅުގަނޑު މި ދެންނެވީ ނާޒިމް މިތަނުގައި އިންނެވީމައެއް ނޫން. އަޅުގަނޑުގެ އިންޓަވިއުތަކުގައި ވަރަށް ގިނަ އިން އެ ވާހަކަ ދަންނަވާފައި ވާނީ." އަބްދުއްރަހީމް ވިދާޅުވިއެވެ.

އަބްދުއްރަހީމާއި ނާޒިމް އިއްޔެ ޕީއެންސީ އޮފީހުގައި "ވަގުތަށް" އިންޓަވިއު ދެއްވަނީ. --- ވަގުތު އިމޭޖަސް: އަހުމަދު ޖައިޝަމް

"އިރާދަކުރެއްވިއްޔާ ވާހަކަ ނުދެކެވޭ ހާލަތަކަށް ނުދާނެ. އަޅުގަނޑުމެން ދެމީހުންގެ ދޭތެރޭގައި ހިޔާލު ތަފާތުވެގެން ރައްޔިތުންގެ މަޖިލީހުގެ ހިންގުމަށް ބުރޫ އަރާ ހިސާބަކަށް ނުދާނެ. ރައީސުލްޖުމްހޫރިއްޔާ ބޭނުންވާ ހިސާބަށް މަޖިލިސް ގެންގޮސް ދިނުމުގައި އަޅުގަނޑުމެންނަށް އެކީގައި މަސައްކަތް ކުރެއްވޭނެ،"

އަބްދުއްރަހީމެކޭ އެއްފަދައިން ނާޒިމް ވެސް ވިދާޅުވި ގޮތުގައި އެބޭފުޅުންގެ އަމިއްލަ އެޖެންޑާއެއް ނެތެވެ. އެހެންވެ، މައްސަލައެއް ދިމާވާންވީ ސަބަބެއް ނެތް ކަމުގައި ވިދާޅުވިއެވެ.

"އަޅުގަނޑުމެން އުޅެން އޮތް ތަނަކީ މިއީ. އަޅުގަނޑުމެންގެ ދަރިން އުޅެން އޮތް ތަނަކީ މިއީ. އަޅުގަނޑުމެންނަށް ފެނޭ ގައުމުގައި ދިމާވެފައި ހުރި މައްސަލަތައް. އެހެންވީމަ އެކަންތައްތައް ހައްލުކުރުމަކީ އަޅުގަނޑުމެންގެ ވާޖިބެއް. އަޅުގަނޑުމެން ކޮންމެހެން ކުރަން ޖެހޭ ކަމެއް. އެކަންކަމަށް ބުރޫ އަރާނެ ކަމެއް ނުކުރާނަން. ދެ ބޭފުޅުން އަމާން، ރީތި ރިޔާސަތެއް، ރައްޔިތުންނަށް ދައްކައި ދޭނަން،" ނާޒިމް ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

10 ކޮމެންޓް

  1. ނަޞްރުﷲ

    ރައްޔިތުންގެ މަޖިލިހުގެ 20 ވަނަ ދައުރުގެ މެމްބަރުންގެ އަރިހުން އަޅުގަނޑު އެދޭ އެއްކަމަކީ؛
    ދިވެހިރާއްޖެއަށް ޒިޔާރަތް ކުރާ ފަތުރުވެރިންނަށް ކޮޓަރި ވިއްކި ފުރިހަމަ ޢަދަދު އެގޭނެ ގޮތެއް ދައުލަތުގެ ޓެކްސް އިދާރާއަށް އެނގޭނެފަދަ ގޮތެއް ހައްދަވާ ދެއްވުމެވެ. މިސާލަކަށް އެރައިވަލް ގައި އިމިގުރޭޝަނަށް ފާސްޕޯރޓް ހުށަހަޅާއިރު އެ ފަތުުރުވެރިއަކު ރިސޯޓަށް ނުވަތަ ގެސްޓް ޚިދުމަތްދޭ އެފަދަ ފަރާތަކަށް ދިން ފައިސާގެ ތަފުޞީލް އެގޭނެފަދަ ބޭންކް ސްލިޕެއްފަދަ ލިޔުމެއް މީރާއަށް ލިބޭގޮތް ހެއްދެވުން.
    ނުވަތަ ފަތުރުވެރިން ކޮޓަރި ކުއްޔަށް ދައްކަވާ އަގު ޚިދުމަތް ވިއްކާފަރާތުގެ ވަކި ބޭންކް އެކައުންޓަކަށް ޖަމާކުރާގޮތަށް ހެދުމެވެ. މިއީ ޓެކްސް އިދާރާ ގަބޫލު ކުރައްވާފަދަ އެކައުންޓަކަށް ވުމެވެ.

    18
    1
    • އަހްމަދު

      މިއޮށްހުރިހާދުވަހު ޕާޓީ ބައިބައިވެ ފުނޑިގެން ދިޔަނުދިނުމައްޓަކާ އަމިއްލަޖީބުން އެތައްޚަރަދެއްކޮށް އެތަށްގުރުބާނީއެއްވިމީހުން އެއްފަރާތްކޮށް ބާރެއްލިބުނީމަ ހިތުހުރިގޮތަކަށް ކަންކުރަންވިސްނާއިރު އެމީހުންގެހިތައްވެސް ކޮންމެވެސްއެއްޗެއް އަރާނެދެއްތޯ

  2. ހިކި ކިރު

    އަޅުގަނޑުމެންގެ މާތް ރަސޫލާ އަރިހުން މީހަކު ދެންނެވިއެވެ! ޤިޔާތްމަތް ވާނީ ކޮން އިރަކުންހެއްޔެވެ. ޖަވާބު ވިދާޅުވިއެވެ. ޤިޔާމަތް ވާނީ އަމާނާތް ނެތި ދިއުމުންނެވެ. އެއީ ކަމަށް އެކަށީގެން ނުވާ މީހުން މަޤާމު ތަކަށް އިސް ކުރެވުނީމައެވެ. މީގެ އިތުރުންވެސް ސޭޙުން ބުނާ އަޑު އަހަނމެވެ. އެފަދަ މަޤާމުތަކަށް އެކަށީގެން ނުވާ މީހުން އިސްކުރާ ފަރާތް ތައް ވެސް ފާފަވެރި ވާނެ ކަމަށާއި އެފަދަ ފަރާތް ތަކަށް ސުވާލު ކުރެވޭނެ ކަމަށެވެ. ﷲ އަކްބަރ!

    19
    1
  3. މަތަރަސްމާ

    ބަލަ ޖަމީލުއާ މަލީހުއާ ދެމީހުންތަ އަބްދުއްރަހީމުއަށާާ ދަރިފުޅުފައިސަލުއައް ކުރާފުރައްސާރަ މިވެރިންކިޔަވީކޮންތާކުންތަ؟؟ މީހުނައްފުރައްސާރަކޮއް ހެދިއިރު ؟ ކިޔެވިނަމަކަ މިފުރައްސާރަނުކުރާނެ ތަންދޮރުނުދަނާތީ ފުރައްސާރަކުރަނީ ދެން ތިންބެއިންނައް ވެރިކަމެއްނުލިބޭރައީދްކަމެއްވެސް ނައިބުކަމެއްވެސް މިނިސްޓަރުކަމެއްވެސްނުލިބޭނެ ރައީސް ޔާމީނުގެ ބޯކާލެވިއްޖެ ސީދާ ޖަމިލު މަލީހު ބަދަލިހިފީ މިހާރު އަވާމެންދުރުފެނިފައި؟ދެންޗޮކޯދެން؟؟ހިނިއަންނަނީ؟؟

    6
    6
  4. ދެބޯގެރި

    ރޯނު އެދުރު ބަހުރިވަ ހުތުރު މީހަކަށް ތިންބާރުން އެއްބާރުކަމަށްވާ މަޖިލީހުގެ ރައީސްކަން ލިބުނީމާ އަވަހަށް މުޢިއްޒު ވެރިކަމުން އަޒުލުކޮށް ވެރިކަމުގެ ގޮޑިއަށް އިސްވޭ މީ މާދުރުނޫންކަމެއްކަން ތާރީޚު ހެކިދޭ ޔާމީނާ ހެދީ މަރުދަންޖެހުނު މީހާ މިހާޜުގެ ހާލަތައް އެކަނި ވިސްނާލިޔަސް މިކަން ހާމަވެގެންދާނެ

    7
    1
  5. ނަތަންޔާހޫ

    އެބަހީ :- ރައްޔިތުން ވެރި މީހާ އާއި ހަވާލު ކުރި އަމާނާތަށް ޙިޔާނަތް ތެރިވި ވާހަކަ ބާއޭ މިއީ ހިތައް އަރަނީ!

  6. އިސްޢާފް ސަލީމް

    އަޅެ "ހިކިކިރު" ގެ ނަމުގައި ކޮމެންޓްކުރިމީހަޔަށް ނޭގުނޭ 2018 ން 2023 ގެ ނިޔަލަށް ރާއްޖޭގެ ވަލިއްޔުލް އަމްރުގެގޮތުގައި ވެރިކަންކުރި ސަންގޯރަށް ނިސްބަތްކޮށް މިވާހަކަތައް ލިޔެލަން!

    4
    2
  7. ކައިދާ

    ޜމ.ގެ ރައީސް ހޮވަން ވޯޓު ދޭ އިރު ކަމަށް ޤާބިލް މީހަކު ހޮވުން މުހިއްމު. މުއިއްޒު އެދުނީތީ ތަބަކަކަށް ލާފަ ރައީސް ކަން އަދުރޭ އާ ހަވާލު ނުކުރާނެ ކަމަށް އުއްމީދު ކުރަން.

  8. ދާހިލީ

    މުއީޒް އަކަށް ނިއިވޭބާ އަބްދުއްރަހީމް އެހެރަގޮވާ ހަޔާތް އައުގުރާނަ .ހެޔޮވާނެތޯ އެވަރު ދަށުދަރަޖާގެ މީހަޖު މަޖިލީހުގެ ރައީސްކަމަށްލާން.

    10
    0
  9. ޔަމާން

    ރައްޔިތުންގެ މަޖިލީހުގެ ނާއިބު ރައީސް ކަމަށް ހަމަޖެއްސުމަށް އަޑު އަރާފައިވާ އަޙްމަދު ނާޒިމް އަކީ ޒަމާނީ ތަޢުލީމް ލިބިފައި ހުރި ކަމަށް ޤާބިލް ތިޔަ މަޤާމަށް އެކަށީގެންވާ މީހެއް ކަމުގައި ޤަބޫލު ކުރަމެވެ.
    ދިވެހި ރައްޔިތެއްގެ ޙައިސިއްޔަތުން ދަނަންވާލަން އޮތީ ދިވެހި ދައުލަތުގެ އެއްބާރުގެ ވެރިއަކަށް (ރައްޔިތުންގެ މަޖިލީހުގެ ރައީސަކަށް) ހުރުމަށް ބޭނުންވަނީވެސް އެމަޤާމާއި އެކަށީގެންވާފަދަ މިޒަމާނުގެ ތަޢުލީމް ލިބިފައި ހުރި ޤާބިލް މީހެކެވެ. އެއިރުން ރައްޔިތުންގެ މި މުވައްސަސާގެ ހިންގުން ހަރުދަނާވުމާއި އަދި އެކަމުގެ ސަބަބުން މުޅި ދައުލަތުގެ ޢިއްޒަތާއި ޤަދަރު ރާއްޖެއާއި ރާއްޖެއިން ބޭރުގައި ހިފެހެއްޓުމަށް މަގު ފަހިވާނެތީއެވެ.

    1
    1