ސިޔާސީ ހަޔާތުގައި ވަރަށް ގިނަ ލީޑަރުންނާ އެކުގައި މަސައްކަތް ކުރެއްވުނު އިރު، ރައީސް ޑރ. މުހައްމަދު މުއިއްޒު ނޫނީ މަސައްކަތުގެ އަގު ވަޒަން ކުރައްވާ ލީޑަރަކު ނެތް ކަމަށް ޕީއެންސީގެ ޗެއާޕާސަން އަދި ރައްޔިތުންގެ މަޖިލިހުގެ ފޮނަދޫ ދާއިރާގެ އިންތިހާބީ މެމްބަރު އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވެއްޖެއެވެ.

މުލިއާގޭ ބޭރުގައި ނޫސްވެރިންނާ ވާހަކަ ދައްކަވަމުން އަބްދުއްރަހީމް ވިދާޅުވީ އިދިކޮޅު ފަރާތްތަކުން ސަރުކާރާ ދެކޮޅަށް ދައްކާ ވާހަކަތަކަށް އިސްކަމެއް ނުދެއްވާ ކަމަށެވެ. އަދި ރައީސް މުއިއްޒު ފަދަ ލީޑަރަކު މިހާތަނަށް އައިއިރު ފެނިވަޑައިގެންފައި ނުވާ ކަމަށް ވެސް އަބްދުއްރަހީމް ވިދާޅުވިއެވެ.

ވިހި ވަނަ ރައްޔިތުންގެ މަޖިލިހުގެ ރައީސަކަށް އަބްދުއްރަހީމް އައްޔަން ކުރައްވަން ރައީސް ޑރ. މުއިއްޒު މިއަދު ހުށަހެޅުއްވުމުން އެގޮތަށް ވަނީ ފާސްވެފައެވެ.

"އަޅުގަނޑު ވަރަށް އިޚުލާސްތެރި ޝުކުރެއް ރައީސް މުއިއްޒަށް ދަންނަވަން ބޭނުން. އެއީ ދައުލަތުގެ ތިން ބާރުގެ ތެރެއިން އެއް ބާރުގެ ވެރިޔަކަށް އަޅުގަނޑުު އިހްތިޔާރު ކުރައްވާ އަޅުގަނޑަށް އެ ކުރެއްވި އިތުބާރު އެއީ އަޅުގަނޑު ދުވަހަކުވެސް ހަނދާން ނައްތާލާނެ ކަމެއް ނޫން. އަޅުގަނޑު ވަރަށް ގިނަ ލީޑަރުންނާއެކީ މަސައްކަތް ކޮށްފިން. އަޅުގަނޑަށް މިހާތަނަށް މަސައްކަތުގެ އަގު އެންމެ ބޮޑަށް ވަޒަން ކުރައްވާ ބޭފުޅެއްގެ ގޮތުގައި ފާހަގަކުރެވިގެން މިދިޔައީ ރައީސް ޑރ.މުހައްމަދު މުއިއްޒު." އަދުރޭ ވިދާޅުވިއެވެ.

ވޭތުވެދިޔަ 15 އަހަރު ޕީޕީއެމް/ޕީއެންސީ އަށް ގިނަ ހިދުމަތްތަކެއް ކުރެއްވުނު ކަން ފާހަގަކުރައްވަމުން އަބްދުއްރަހީމް ވިދާޅުވީ އެ މަސައްކަތުގެ އަގު މިއަދު ރައީސް ވަޒަން ކުރައްވާފައިވާ ކަމަށެވެ. އަދި އަބްދުއްރަހީމް ވަނީ ރައީސް ޑރ. މުއިއްޒަށް މަރުހަބާ ދަންނަވައިފައެވެ.

ވިހިވަނަ ރައްޔިތުންގެ މަޖިލީހަކީ މިނިވަން އަދި ނަމޫނާ މަޖިލީހަކަށް ހެއްދެވުމަށާއި ގައުމަށް ފައިދާ ހުރި މަސައްކަތްތައް ލަސްނުކޮށް ވީހާވެސް އަވަހަކަށް އެ މަސައްކަތް ނިންމަވަމުން ގެންދިއުމަށް މިއަދުގެ ބައްދަލުވުމުގައި ރައީސް އެދިވަޑައިގެންފައިވާ ކަމަށް އަބްދުއްރަހީމް ވިދާޅުވިއެވެ.

ހަމައެއާއެކު އިދިކޮޅު ފަރާތްތަކުން ދައްކަމުންދާ ވާހަކަތަކަށް ސަރުކާރުން ނުވިސްނާ ކަމަށް އަބްދުއްރަހީމް ވަނީ ވިދާޅުވެފައެވެ. ސަބަބަކީ ރައީސް މުއިއްޒަކީ ރައްޔިތުންގެ ހޮވުމެއް ކަމަށާއި މަޖިލީހުގެ މެޖޯރިޓީ މިފަހަރު އެމަނިކުފާނަށް ދެއްވީ ރައްޔިތުންގެ އުއްމީދުތަކެއް އެމަނިކުފާނާއި ގުޅިފައި އޮތުމުން ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. ޙެހެހ

    ތިމާ ބޭނުންވާ ވަރު ދައުލަތުން ދެންޏާ އެއީތޯ އެންމެ ރަނގަޅުވެެރިއަކީ ، މިއަދު އެނގިއްޖެ އައްދުރޭއަކީ އިޚްލާސްތެރިކަމާއިއެކު މަސައްކަތްކުރި މީހެއް ނޫންކަން

    17
    4
  2. ސާބަސް

    ހުރިނަމަ ރައީސް މުއިއްޒުގެ ބުއްދިއެއް
    ނުބަހައްޓާނެއޭ ފައިސަލު ޓުއަރިޒަމް މިނިސްޓަރަކަށެއް
    ނުދޭނެ އަދުރޭއަކަށް މަޖިލިސް ރައީސްކަމެއް

    20
    4
  3. އަހްމަދު

    އަދުރޭ ވަރުހުޝާމަދުކުރަން މޮޅުމީހަކު އަޅުގަނޑު ދުވަހަކުވެސް ނުދެކެން

    20
    3
  4. ހަންޑިކުޑަ

    ހިސޯރު ކޮއްފައި އޮތީމަ މަޖުބޫރު ވާނެތާ ތިޔަ މަޤާމު ދޭން މި ރަށު ތެރޭގައި އެބަ ކިޔާ.

    19
    4
  5. އަމަލު

    ވާންއުޅޭ މަޖިލިސް ރައީސް އަބުދުއް ރަހީމަކީވެސް އަޒުމް ވަރުގަގަދަ ސިޔާސީ ލީޑަރެއްކަން ފާހަގަކޮށް ކާމިޔާބަށް އެދެން.

    1
    1
  6. ކަނބާ

    ހުސް ދޮގު