މުދާ ގަތުމަށް ދިން ޗެކެއް ބައުންސްވުމުން އެ މުދަލަށްވާ ފައިސާ ރޯޑު ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ) އަށްް ދިނުމަށް ސިވިލް ކޯޓުން އަމިއްލަ ކުންފުންޏެއްގެ މައްޗަށް ހުކުމްކޮށްފިއެވެ.

ސިވިލް ކޯޓުން މިދިޔަ ބުރާސްފަތި ކުރި ހުކުމުގައި ވަނީ ނިއު ލާޔާ ކޮންސްޓްރަކްޝަނުން އާރްޑީސީން މުދާތަކެއް ނެގުމަށްފަހު އެއަށްވާ ފައިސާ ދެއްކުމަށް ޗެކެއް ދިން ކަމަށެވެ. އެކަމަކު އެ ޗެކް ބައުންސް ވެފައިވާތީ ފައިސާ ހޯދުމަށް އާރްޑީސީން ތަކުރާރުކޮށް މަސައްކަތް ކުރި ނަމަވެސް އެ ފައިސާ ނުލިބޭތީ އެ މައްސަލަ ކޯޓަށް ހުށަހެޅި ކަމަށެވެ.

ހުކުމުގައިވާ ގޮތުން ދައުވާއާ ގުޅޭ ލިޔެކިޔުންތައް ފޮނުވުމުން، އެ އެޑްރެހުގައި ނިއު ލަޔާ ކޮންސްޓްރަކްޝަން ކިޔާ ތަނެއް އެ ތަނުގައި ނުހުންނަ ކަމަށް ކޯޓަށް ވަނީ އަންގައިފައެެވެ. ކޯޓުން އެ ކުންފުނީގެ ފަރާތެއް ހޯދަން އިއުލާނު ކުރުމުން ވެސް އިޖާބައެއް ލިބިފައި ނުވެއެވެ. އެހެންކަމުން އެ ހުކުމް ކޮށްފައިވަަނީ އެ ކުންފުނީގެ ޣައިރު ހާޒިރުގައެވެ.

ނިއު ލަޔާ ކޮންސްޓްރަކްޝަނަށް އާރްޑީސީން މުދާ ފޯރުކޮށްދީފައިވާ ކަމަށާއި، އެ މުދަލަށް 24،247.50 ރުފިޔާ ދޭންޖެހޭ ކަމަށް ވަނީ ހުކުމްކޮށްފައެވެ. އަދި އެ ފައިސާ އަންނަ މަހުގެ އެއްވަނަ ދުވަހުން ފެށިގެން އެއް މަސް ދުވަސް ތެރޭގައި ދައްކައި ހަލާސް ކުރުމަށް އެ ކުންފުންޏަށް ކޯޓުން ވަނީ ހުކުމް ކޮށްފައެވެ.

އާރްޑީސީން މިދިޔަ ސަރުކާރުގައި ގޮތް ނޭނގޭ ފައިސާގެ މުއާމަލާތްތަކާއި ކޮރަޕްޝަންގެ މައްސަލަތައް ފެންމަތިވެފައިވާއިރު، އެ މައްސަލަތައް މިހާރު ދަނީ ބަލަމުންނެވެ.

އެ ކުންފުނީގެ މެނޭޖިންގް ޑިރެކްޓަރު ބްރިގޭޑިއާ ޖެނެރަލް ރިޓަޔާޑް އަލީ ޒުހައިރު ވިދާޅުވެފައި ވަނީ މިދިޔަ ތިން އަހަރު ވެސް އެ ކުންފުނީގެ އޮޑިޓެއް ހަދާފައިނުވާތީ ކުންފުނީގެ މާލީ ހާލަތު ނޭނގޭ ކަމަށެވެ.