ރައްޔިތުންގެ މަޖިލިހުގެ މެމްބަރުންގެ އަދަދު ކޮންމެ ފަސް އަހަރަކުން އެއް ފަހަރު އިތުރުވަމުންދާތީ މަޖިލިހުގެ މެމްބަރުންގެ ހިޔާލު ހުރި ގޮތް ހޯދުމަށް މަޖިލިހަށް ގަރާރެއް ހުށަހަޅައިފިއެވެ. މި ގަރާރު މަޖިލިހަށް ހުށަހެޅުއްވީ ބާރަށު ދާއިރާގެ ޕީއެންސީގެ މެމްބަރު އިބްރާހިމް ޝުޖާއުއެވެ.

މަޖިލިހުގެ މިއަދުގެ ޖަލްސާގައި އެ ގަރާރުގެ ފުރަތަމަ ކިއުން ވަނީ އިއްވައިފައެވެ.

ގަރާރުގައި ބުނެފައިވާ ގޮތުގައި 17 ވަނަ މަޖިލިހުން ފެށިގެން ރާއްޖޭގައި އިންތިހާބު ކުރެވުނު މަޖިލިސްތަކުގައި މެމްބަރުންގެ އަދަދު އަންނަނީ ކޮންމެ ފަސް އަހަރަކުން ދާއިރާތަކުގެ އާބާދީ އިތުރުވަމުން އަންނަ ނިސްބަތަކުން އިތުރުވަމުން ކަމަށެވެ. މިއީ އޮގަސްޓް 7، 2008 ގެ ގާނޫނުއަސާސީގެ 71 ވަނަ މާއްދާ އަދި 72 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ އުސޫލުގެ ދަށުން ވުޖޫދުކޮށްފައިވާ ގާނޫނާ އެއްގޮތަށް ކުރިއަށްދާ އުސޫލެއް ކަމަށް ގަރާރުގައިވެއެވެ.

ނަމަވެސް މެމްބަރުންގެ އަދަދު ވަކި އަދަދެއްގައި ހިފެހެއްޓުމަށް ގާނޫނުއަސާސީ އަށް އިސްލާހު ގެންނަން ޖެހޭ ކަމަށް އެ ގަރާރުގައިވެއެވެ.

ގަރާރުގައި ބުނީ މެމްބަރުން އިތުރުވަމުން އަންނަ ނިސްބަތަށް ބަލާއިރު، ދުނިޔޭގެ ނިސްބަތުން ވެސް ދިވެހި ގައުމުގެ އާބާދީ އާ އަޅާބަލާއިރު، ރާއްޖޭގެ މަޖިލިހަށް އިންތިހާބު ކުރަން ޖެހޭ މެމްބަރުންގެ އަދަދު އަންނަނީ އިތުރުވަމުން ކަމަށެވެ. އެހެންކަމުން ރާއްޖޭގެ ގާނޫނު ހަދާ މަޖިލިހަށް ކޮންމެ ފަސް އަހަރަކުން މެމްބަރުން އިތުރުވަމުންދާ ދިއުމަށް މަޖިލިހުން ހައްލެއް ހޯދަން ޖެހޭ ކަމަށް ވެސް ގަރާރުގައި ބުނެފައިވެއެވެ.

މިދިޔަ ހަތަރު ދައުރަށް ބަލާއިރު 17 ވަނަ މަޖިލިހުގައި 77 މެމްބަރުން، 18 ވަނަ މަޖިލީހުގައި 85 މެމްބަރުން ތިއްބެވި އިރު، 19 ވަނަ މަޖިލިހުގައި 87 މެމްބަރުން ތިއްބެވިއެވެ. އަދި މިހާރު ހިނގަމުން އަންނަ 20 ވަނަ މަޖިލިހުގައި 93 މެމްބަރުން ހިމެނިވަޑައިގަންނަވައެވެ. އެހެންކަމުން މިއީ 16 މެމްބަރުންގެ އިތުރުވުމެކެވެ. ދައުލަތުގެ ބަޖެޓުން ކޮންމެ މެމްބަރެއްގެ މުސާރަ އަށް މަހަކު 82،000ރ. ހަރަދު ކުރެއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. އިސްޢާފް ސަލީމް

    އެހެން ހުރެގެން އިތުރުވަނީހޭ ؟ ނުވަތަ ބަޔަކު އިތުރު ކުރަނީހޭ؟ ބޯގޯސް ކަންތައް ނުކުރޭ!

  2. އިސްޢާފް ސަލީމް

    އެހެން ހުރެގެން އިތުރުވަނީހޭ ؟ ނުވަތަ ބަޔަކު އިތުރު ކުރަނީހޭ؟ ބޯގޯސް ކަންތައް ނުކުރޭ! ކޮންމެ 10000 މީހަކަށް މެމްބަރެއް ހުންނަންވީ!

  3. އަބްދޫ

    ގާނޫނުއަސަސީ އިސްލާހުކޮށް ގެން ފާސްވެ މަޖިލީހަށް މެމްބަރުންހޮވުމަށް ބެއްވި ފުރަތަމަ އިންތިހާބު ގައި ތިއްބެވި މެމްބަރުންގެ އަދަދު އެއީ މަޖިލީހުގަ ތިބެންޖެހޭ މެމްބަރުންގެއަދަދު ކަމަށް ކަނޑައަޅައި ގާނޫނުއަސަސީގެ ދަށުންބޭއްވި ފުރަތަމަ އިންތިހާބުގަ ކަނޑައެޅުނު ދާއިރާތަކަކީ 2029 ގަ ބާއްވާ މަޖިލީހުގެ އިންތިބާބުގަ މެމްބަރުން އިންތިހާބު ކުރަންޖެހޭ ދާއިރާތައްކަމަށް ކަނޑައަޅައި ގާނޫނުއަސަސީއަށް އިސްލާހު ގެނެސް ކޮންމެ 5000 ގެ އާބާދީއަކަށް މެމްބަރެއް އޮންނަ އޮތުން ނިމުމަކަށް ގެންނަވާ.