ކުރީގެ ރައީސް އިބްރާހިމް މުހައްމަދުގެ ސަރުކާރުގައި، ސަރުކާރު ހިއްސާވާ ކުންފުނިތަކުން ކޮށްފައިވާ ވައްކަންތައް ބަލައި، ވަގުންގެ ހަތަރެސްފައި ބުރިކޮށް ޖަލަށް ލުމަށް ވިލިނގިލީ ދާއިރާގެ މެންބަރު އާޒިމް އަބްދުލް އަޒީޒް ގޮވާލައްވައިފިއެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާގައި ފެނަކައިން ހިންގި ކޮރަޕްޝަނާއި ބެހޭ ގޮތުން ވާހަކަފުޅު ދައްކަވަމުން އާޒިމް ވިދާޅުވީ ސޯލިހުގެ ވެރިކަމުގައި އެންމެ ބޮޑު ވައްކަމަކާއި ޚިޔާނާތެއް ހިންގާފައިވާ ކުންފުންޏަކީ ފެނަކަ ކަމަށާއި، 25 ޕްރޮޖެކްޓެއް ބީއޯކިޔުއަކާއި ނުލައި އެކުންފުނިން ހިންގާފައިވާ ކަމަށެވެ. މިފަދަ ބޮޑެތި ޖަރީމާތައް ހިންގައި ކުރި ވައްކަމުގެ އަދަބު އެ ކުންފުނީގެ އެއިރުގެ މެނޭޖިންގ ޑިރެކްޓަރ އަހްމަދު މުހައްމަދު ސައީދަށް ލިބެންޖެހޭ ކަމަށް އާޒިމް ވަނީ ވިދާޅުވެފައެވެ.

"ނިމިދިޔަ ސަރުކާރުން ދައުލަތުގެ ކުންފުނިތައް މެދުވެރިކޮށް ކުރި ވައްކަންތައް ބަލައި، ހަތަރެސްފައި ބުރިކޮށް މި ބޭފުޅުން ޖަލަށްލާން ގޮވާލަން. އެހެންނޫނީ މިކަމަށް ދުވަހަކު ވެސް ހައްލެއް ނާންނާނެ،". އާޒިމް ވިދާޅުވިއެވެ.

އާޒިމް ވިދާޅުވީ އާދައިގެ ޕްރައިވެޓް ކުންފުނިތައްވެސް ކުރީ ސަރުކާރުގައި ހިންގާފައިވަނީ ސަރުކާރު ކުންފުނިތަކަށްވުރެ މާ ރަނގަަޅަށް ކަމަށާއި ސަރުކާރުގެ ކުންފުނިތަކުގައި ދައުރު ނިމިގެން ދިޔައިރު ވައްކަމާއި ޚިޔާނާތް ފިޔަވައި އިތުރު އެއްޗެއް ނެތް ކަމަށެވެ.

ހަމައެއާއެކު 60 ޕްރޮޖެކްޓެއްގެ 50 އިންސައްތަ މަސައްކަތް ނުނިމެނީސް، އެ ޕްރޮޖެކްޓުގެ 90 އިންސައްތަ ފައިސާ ފެނަކައިން ކޮންޓްރެކްޓަރުންނަށް ދޫކޮށްފައިވާ ކަން އޭނާ ފާހަގަކުރެއްވިއިރު، އިންޖީނުގެތައް އެޅުމަށް ބޭނުންވާ ސާމާނުތައް އަގުގެ ދިހަ ގުނަ އިތުރުކޮށް ގަނެފައިވާ ކަމަށް އާޒިމް ވަނީ ތުހުމަތު ކުރައްވާފައެވެ. އެހެންކަމުން އެފަދަ ފަރާތްތަކުގެ ހަތަރެސްފައި ބުރިކޮށް ޖަލަށް ލުމަށް، ވަކިން ހާއްސަކޮށް ފެނަކަ އެމްޑީއަކަށް އޭރު ހުންނެވި ސައީދު ހައްޔަރު ކުރުމަށް އާޒިމް ވަނީ ތަކުރާރުކޮށް ގޮވާލައްވާފައެވެ.

"އަޅުގަނޑު ގޮވާލަން އިއްޒަތްތެރި މަޖިލީހަށް ދައުލަތުގެ ކުންފުނިތައް މެދުވެރިކޮށް، ކޮށްފައިވާ މިފަދަ ވައްކަންތައް ބަލައި ހަތަރެސްފައި ބުރިކޮށް ޖަލަށްލާން. އެހެންނޫނީ މިކަމަށް ދުވަހަކުވެސް ހައްލެއް ނާންނާނެ." އާޒިމް ވިދާޅުވިއެވެ.

ކުރީ ސަރުކާރުގައި ވައްކަން ކުރި ފަރާތްތަކަުގެ ހަތަރެސްފައި ބުރިކޮށްލަން ތަކުރާރުކޮށް އާޒިމް ގޮވުމުން ރިޔާސަތުގައި އިންނެވި މަޖިލީހުގެ ރައީސް އަބްދުއްރަހިމް އަބްދުﷲ ވަނީ މެންބަރުގެ ވާހަކަފުޅު ހުއްޓުވުމަށްފަހު އިސްލާމްދީނާއި ޚިލާފު ނުވާގޮތަށް ސާބިތުނުވާ ވާހަކަތައް ނުދެއްކުމަށް ނަސޭހަތްތެރިވެފައެވެ.

"އިއްޒަތްތެރި މެންބަރުން ވާހަކަފުޅު ދައްކަވާއިރު ކޮންމެވެސް ވަރަކަށް ބައްލަވައިލައްވަން އެބަޖެހިވަޑައިގަންނަވާ. އެއީ އިސްލާމްދީނުގެ އަސްލަކާއި ޚިލާފުނުވާ ގޮތަށް މަޖިލީހުގައި ވާހަކަ ދެއްކޭނީ.". އަބްދުއްރަހީމް ވިދާޅުވިއެވެ.

އެހެންނަމަވެސް އާޒިމް ވިދާޅުވީ އިސްލާމްދީނުގައި އޮންނަނީ ވައްކަން ކުރާ މީހާ އަތްކެނޑުމުގެ ހުކުމް ކަމަށާއި އަތްކަނޑާފައި ޖަލަށް ލުމަކީ އެންމެ ބުއްދިވެރި ގޮތް ކަމަށެވެ.

އާޒިމް މިހެން ވިދާޅުވުމުން މަޖިލީހުގެ ރައީސް ވަނީ އަނެއްކާވެސް އާޒިމް ހުއްޓުވުމަށްފަހު ތުހުމަތަށް ދެކެވޭ ވާހަކަތަކުގައި އަތްފައި ބުރިކުރާ ވާހަކަ މަޖިލީހުގެ ތަޅުމުގައި ނުދެއްކުމަށް ތަކުރާރުކޮށް ދަންނަވާފައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ކައްޒާބު

    ވަގުން ނަށް ހައްގު އަދަބުދީ