ސްޓްރޯކެއް ޖެހުނު "މިހާރު" ނޫހުގެ އެޑިޓަރު އިސްމާއިލް ނަސީރް (އިއްސެ)އަށް އިތުރު ފަރުވާ ދިނުމަށް އިންޑިއާއަށް ގެންދަން ނިންމައިފިއެވެ.

"މިހާރު" ނޫހުން ބުނެފައިވާ ގޮތުގައި އިއްސެއަށް ޖެހިފައިވަނީ މޭޖާ ސްޓްރޯކެކެވެ. އިއްސެއަށް ސްޓްރޯކެއް ޖެހުނީ އީދު ޗުއްޓީއަށް އާއިލާއާ އެކު ބ. އޭދަފުއްޓަށް ގޮސް ހުންނަވަނިކޮށް މިމަހުގެ 21 ވަނަ ދުވަހުގެ ވަގުތެއްގައެވެ. އޭގެ ފަހުން އޭދަފުށީ ހޮސްޕިޓަލުގައި ފަރުވާ ދިނުމަށްފަހު، އިތުރު ފަރުވާއަށް ވަނީ މާލެ ގެނެސްފައެވެ.

މާލޭ އޭޑީކޭ ހޮސްޕިޓަލުގެ އައިސީޔޫގައި އިއްސެއަށް ފަރުވާދީފައިވާއިރު، އިއްސެގެ އާއިލާއިން "ވަގުތު" އަށް މައުލޫމާތު ދެމުން ބުނީ، އިއްސެގެ ހާލު ކުރިއަށްވުރެ ރަނގަޅު ކަމަށާއި މިހާރު ކުޑަކޮށް ވާހަކަ ދެއްކޭ ކަމަށެވެ. ނަމަވެސް އިތުރު ފަރުވާއަށް މާދަމާގެ ވަގުތެއްގައި އިންޑިއާއަށް ގެންދަން ނިންމާފައިވާ ކަމަށް ވަނީ ބުނެފައެވެ.

އުމުރުން 47 އަހަރުގެ އިއްސެއަކީ ނޫސްވެރިކަމުގައި ފުންނާބު އުސް ބޭފުޅެކެވެ. އިއްސެ ނޫސްވެރިކަމުގެ ދާއިރާގައި މަސައްކަތް ކުރައްވާތާ 28 އަހަރު ވަނީ ވެފައެވެ.

އިއްސެއަށް ނޫސްވެރިކަމުގެ ރޮނގުން އާއްމު ހިދުމަތުގެ އިނާމާއި "ރަން ގަލަން" ވެސް ލިބިވަޑައިގެންފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ސަލީމް

    އިއްސެއަށް އަވަސް ޝިފާއެއް ﷲ މިންވަރު ކުރައްވާށި، އިއްސެއަކީ ބޭބެއެއްފަދަ ތަފާތު ހިންހެއު ރައްޓެއްސެއް.

  2. ޒާރާ

    އަވަސް ސިފާއެއް ބައްޕައަށް އެދެން

  3. މުހައްމަދު ހަސަން

    އިއްސެއަށް އަވަސް ޝިފާ އަކަށް އެދެމެވެ.