ޣައްޒާގައި ހިނގަމުން އަންނަ ހަނގުރާމައިގެ ތެރެއިން ގަސްތުގައި ނޫސްވެރިންނަށް ހަމަލާ ނުދޭ ކަމަށް ނިރުބަވެރި އިސްރާއީލުގެ އަސްކަރިއްޔާއިން ބުނެފިއެވެ.

ސީއެންއެން ނޫހާއި ވާހަކަ ދައްކަމުން އިސްރާއީލުގެ އަސްކަރިއްޔާއިން ބުނީ ހަނގުރާމައިގެ ތެރެއިން އާންމުންނާއި ނޫސްވެރިންގެ ރައްކާތެރިކަމަށް ޓަކައި އޮޕަރޭޝަނަލް ގޮތުން އެކަށީގެންވާ ހުރިހާ ފިޔަވަޅެއް އަޅަމުންދާ ކަމަށެވެ. އަދި ހަނގުރާމައިގައި ދުވަހަކު ވެސް ގަސްތުގައި ނުސްވެރިންނަށް އަމާޒުކޮށް ހަމަލާދީފައި ނުވާނެ ކަމަށް ނިރުބަވެރިން ވަނީ ބުނެފައެވެ.

އެހެން ނަމަވެސް މިހާރު ހަނގުރާމަ ހިނގަމުން އަންނަ ސަރަހައްދުތަކުގައި ތިބުމަކީ ނުރައްކާތެރިކަމެއް ކަމަށް ނިރުބަވެރިން ވަނީ ބުނެފައެވެ.

ނިރުބަވެރިން ގަސްތުގައި ނޫސްވެރިންނަށް ހަމަލާދީފައި ނުވާނެ ކަމަށް ބުނެފައިވަނީ އިއްޔެގެ ވަގުތެއްގައި އަލްޖަޒީރާ ނޫހުގެ ނޫސްވެރިއަކަށް ހަމަލާދީ ޝަހީދުކޮށްލުމާއި ގުޅިގެން އެ ނޫހުން އެކަން ކުށްވެރިކޮށް ބަޔާނެއް ނެރުމާއި ގުޅިގެންނެވެ.

އަލްޖަޒީރާ ނޫހުގެ ނޫސްވެރިޔާ، ސަމިރް އަބްދުއްގާ ޝަހީދުވެފައިވަނީ ނިރުބަވެރިން އޭނާ ހަރަކާތްތެރިވަމުން ދިޔަ ސަރަހައްދަކަށް ހަމަލާދިމުގެ ސަބަބުން، އިމާރާތެއްގެ ދަށުވެ ފަރުވާނުލިބިއެވެ. އޭނާއަށް ފަރުވާ ދިނުމަށް އެމްބިއުލާންސްތައް އެސަރަހައްދަށް ދިޔަ ނަމަވެސް ނިރުބަވެރިން ވަނީ އެމްބިއުލާންސްތައް އެތައް ގަޑިއިރެއް ވަންދެން ހިފަހައްޓާފައެވެ.

ނޫސްވެރިންނަށް އަމާޒުކޮށް ހަމަލާ ނުދޭކަމަށް އިސްރާއީލުން ބުނި ނަމަވެސް، މިދިޔަ އޮކްޓޯބަރު މަހުގެ 7 ވަނަ ދުވަހުން ފެށިގެން މިހާތަނަށް ޣައްޒާގައި 90 އަށްވުރެ ގިނަ ނޫސްވެރިންނާއި މީޑިއާތަކުގައި މަސައްކަތް ކުރާ މީހުން ޝަހީދު ނުވަތަ މަރާލާފައިވާ ކަމަށް މީޑިއާ ރިޕޯޓްތަކުން ވަނީ ބުނެފައެވެ.