ގދ. ރައީސް މައުމޫންގެ ވެރިކަމުގައި 1993 އަހަރު ޑިސެމްބަރު 10 ގައި ހުޅުވި ކާޑެއްދޫ އެއާޕޯޓަކީ ރާއްޖޭގައި ފުރަތަމަ ހުޅުވި ސަރަހައްދީ 5 އެއާޕޯޓުގެ ތެރޭގައި ހިމެނޭ އެއާޕޯޓެކެވެ. އިތުރު އެއާޕޯޓުތައް ގދ. އަތޮޅުގައި އެޅިޔަސް، ކާޑެއްދޫއަކީ އަދިވެސް އަތޮޅުގެ އެންމެ ގިނަ ބަޔަކު ދަތުރުކުރާ އެއާޕޯޓެވެ. ގިނަ އަދަދެއްގެ ފަތުރުވެރިން ވެސް އަތޮޅުގެ ރަށްރަށަށް ދަތުރުކުރަނީ ކާޑެއްދޫ މަގުންނެވެ.

ހުޅުވިތާ 30 އަހަރު ފަހުން، ހުވަދު އަތޮޅުގެ ދެކުނުބުރީގެ މައި އެއާޕޯޓުން އަދިވެސް ފެންނަނީ އެންމެ ކުރީގެ ގޮތްގަނޑެެވެ. ރާއްޖޭގެ އެހެން ސަރަހައްދުތަކުގައި އާ ޒަމާނީ އެއާޕޯޓުތައް އަޅަމުންދާއިރު، ކާނޑެއްދޫ އޮތީ 30 އަހަރު ފަހަތުގައި ކަމަށް އެ އަތޮޅު މީހުން ބުނެއެވެ. ވިލާ އެއާއިން ހިންގާ އެ އެއާޕޯޓުގެ ހިދުމަތުގެ ފެންވަރު ޒަމާނާ އެއް ފެންވަރަށް ކުރި ނާރާކަން ދަނީ ފާހަގަކުރަމުންނެވެ.

އެގޮތުން، އެއަރޕޯޓް އޮޕަރޭޝަނަށް ގެނައި ދުވަހުން ފެށިގެން އެއަރޕޯޓުގައި ޓާމިނަލުގައި ލަގެޖް އަރުވަން ކޮންވޭޔާ ބެލްޓެއްގެ ބަދަލުގައި ހުންނަނީ ގަލުން ހަދައި މަތީގައި ތަށިމުށި ޖަހާފައި ހުންނަ އަށްޓެކެވެ. "ވަގުތު"އާ ވާހަކަ ދެއްކި ބައެއް މީހުން ސިފަ ކުރި ގޮތުގައި އެ އަށި ވައްތަރީ މައްޔިތުންގެ މޫނު ބަލާއިރު ބާއްވާ ފަދަ އައްޓަކާއެެވެ. އަދި ބައެއް މީހުން އޭގެ ބައްޓަން އެއްގޮތް ކުރަނީ ސަންދޯކަކާއެވެ.

އެ ހިސާބުން ނިމުނީއެއް ނޫނެވެ. ގިނަ މީހުން ބުނި ގޮތުގައި ތަނުގެ ވަސީލަތްތައް މަދުވެފައި ތަނަށް އެއްވެސް ކުރިއެރުމެއް ލިބިފައި ނެތެވެ. އެއާޕޯޓުގެ ޓްރޯލީތަކުގައި ދަބަރު ޖަހައި ހަލާކުވެ، ބައެއް ޓްރޯލީ ތަކުގައި ހުރީ އެއް ފުރޮޅެވެ. ޗެކިން ކުރާ ކައުންޓަރަކަށް ހުންނަނީ ކަންމަތީ ފިހާރައެއްގައި ހުންނަ ކަހަލަ ކައުންޓަރެކެވެ. ފާހާނާތަކުގެ ހާލަތު ވެސް ވަރަށް ދެރައެވެ. މަތިންދާބޯޓުން ލަގެޖު ބާލައިގެން އެއްކަލަ އަށްޓަށް ގެންދަނީ ދަމާ ގާޑިއާއެއް ކަހަލަ އެއްޗެއްގައެވެ. އެކަމަށް ހާއްސަ ވެހިކަލެއް ވެސް ނޯވެއެވެ.

ކާޑެއްދޫގައި ހުންނަ ލަގެޖް އަރުވާ އަށި ނުވަތަ "ސަންދޯކު" - ފޮޓޯ: ފޭސްބުކް

ޒަމާން ބަދަލުވެ އެއާޕޯޓުން ދޭ ޚިދުމަތް ފުޅާވެ، އިތުރު މަންޒިލްތަކަށް ދަތުރުތައް ފެށިއިރުވެސް ކާޑެއްދޫގެ ރަންވޭ އާއި ޓާމިނަލް ސަރަހައްދު އޮތީ ޒަމާނީ ބަދަލަކަށް އެދި ރޮއިރޮއިއެވެ. އެ އަޑު އިވޭ ކަންފަތެއް އަދި އެތަނުގެ ހާލަތު ފެނުނު ލޮލެއް ނެތެވެ. ނިމިދިޔަ ސަރުކާރުތަކުގައި ސަރުކާރުގެ އިސްވެރިންވެސް ހުވަދު އަތޮޅަށް ކުރާ ދަތުރު ތަކުގައި އެއްކަލަ ކާޑެއްދޫ އެއާޕޯޓަށް ވަޑައިގެން އަށިމަތިން ލަގެޖް ނަގައިގެން ދާއިރު ތަނުގެ ހާލަތު ނުފެންނަނީބާއެވެ؟

ހުވަދު އަތޮޅަކީ ފަތުރުވެރިކަން ކުރިއަރާފައިވާ ސަރަހައްދަކަށް ވުމުން ގިނަ އަދަދެއްގެ ފަތުރުވެރިންވެސް ދަތުރުކުރުމަށް ބޭނުންކުރާ ކާޑެއްދޫ އެއަރޕޯޓުގެ ނިކަމެތި ހާލު ފެނުމުން އެތަނުގައި މަސައްކަތް ކުރާ ބައެއް މުވައްޒަފުން ވެސް އެކަމާ ކަންބޮޑުވެ ލަދުގަނެއެވެ.

"ތީ އާންމު ކަމެއް. މިތަނަށް އަންނަ ބޭރު މީހުން ބުނަންވެސް ބުނޭ މީ ލަގެޖް ބަހައްޓަން ހެޔޮވާ ތަނެއް ނޫނޭ، އެހާ ހައިޖީންއެއް ނޫނޭވެސް ބުނޭ. ބައެއް ފަހަރު އެތަން ފެނުމުން އަހަންވެސް އަހާ މި ބޮޑު އެއަރޕޯޓުގައި ހުންނަނީ މި ބޮކްސް އެކަނި ހޭ ވެސް. ދެން އެމީހުންނަށް އެތަން ފެންނަނީ އެކަހަލަ ގޮތަކަށް ދޯ. މިތަނުގައި ވަޒީފާ އަދާކުރާތާ މިހާރު 10 ވަރަކަށް އަހަރުވެދާނެ. މިތަނަށް އެއްވެސް ބަދަލެއް ނާދޭ. ވެރިންވެސް އައިސް ބަލާފަ އެކަން ރަނގަޅުކުރާނަމޭ މިކަން ރަނގަޅު ކުރާނަމޭ ބުނާތީ އަޑުއިވޭ އެކަމަކު ވާ ކަމެއް ހަރާން." ނަން ހާމަކުރަން ބޭނުން ނުވާ ކާޑެއްދޫ އެއާޕޯޓުގެ މުވައްޒަފަކު ބުންޏެވެ.

އަށި މަތިން ލަގެޖް ނަގައިގެން އެ ތަކެތި އަރުވަން ކާޑެއްދޫގައި ގެންގުޅޭ ޓްރޯލީގެ ހާލު އަދި މާބޮޑެވެ. މާގިނަ އެއްޗެހި އަރުވައިފިނަމަ ޓްރޯލީ ބިންދައިގެން ހިނގައިދާނެ ކަމުގެ ބިރު ހީވެއެވެ. ބައެއް މީހުން ޓްރޮލީއަށް ލަގެޖު އަރުވައިގެން ދަނިކޮށް ޓްރޮލީގެ ފުރޮޅު ނެއްޓިފައި ވެސް އެބަ ހުއްޓެވެ.

"ޗުއްޓީ ދުވަސްވަރު ކަމުން ތިނަދޫއަށް ޖައްސާލީ ހަމަ. އަހަރެމެން ފެމިލީ އެންމެން ގާތްގަނޑަކަށް 6 މީހުން ތިބޭނެ އެދުވަހު. ސޯ ބައިވަރު ފޮށިތަކާ ސާމާނު ހުރި. ހަތަރު ޓްރޯލީގައި އެއްޗެހި ގެންދެވުނީވެސް. އެއް ޓްރޯލީއަށް އެއްޗެހި އެރުވިތަނުން ޓްރޯލީ އެއް ސައިޑަށް އަރިއަޅާލީ. ރަނގަޅަށް ބަލާލިއިރު އޭގެ އެއް ފުރޮޅު ނެއްޓުނީ. ދަބަރު ޖަހާފަ ހުރުމުން،"

މުވައްޒަފުންގެ ދަތިކަން ވެސް އޮތް އެއާޕޯޓުގެ ހިދުމަތާ މެދު ވެސް އެ މީހާ ކަންބޮޑުވުން ފާޅުކުރިއެވެ. އެގޮތުން ފުރޮޅުލީ ގޮނޑިއެއްގައި މުސްކުޅި މަންމަ ގެންދަން ޖެހުނު ދުވަހު ހިދުމަތުގެ ފެންވަރު ހުރި ގޮތް އޭނާ ކިޔައިދިނެވެ.

"ދެން މަންމަ ނުހިނގޭތީ ވީލްޗެއަރގައި ގެނައީ. މާލެ ކޮޅުންވެސް ވީލް ޗެއަރގަ ގެނެސް ބޯޓަށް އަރުވައިވެސް ދިން. އެކަމަކު ކާޑެއްދޫއަށް އައިސް ވީލްޗެއަރގެ އިންތިޒާރުގައި ފްލައިޓުގައި މަންމަ ބައިންދަން ޖެހުނު 15 މިނެޓް ވަންދެން. ވީލްޗެއާއަށް ލައިގެން މަންމަ ގޮވައިގެން އައިސް އެރައިވަލް ތެރޭގައި ގޮނޑި ބަހައްޓާފައި ދިޔަ މީހާ ވީ ނުވީއެއްވެސް ނޭގުނު. އެޓްލީސްޓު ޖެޓީއާ ހަމަޔަށް ވީލްޗެއާ ގެންގޮސް ދެވިދާނެ ދޯ. މީ ތަނުގެ ފެންވަރު މިހާރު." މިމަހު 5 ވަނަ ދުވަހު މާލެއިން ކާޑެއްދޫއަށް ދަތުރުކުރި މީހަކު އޭނާގެ ތަޖުރިބާ ހިއްސާ ކުރިއެވެ.

މީގެ އިތުރުން، ކާޑެއްދޫގައި ވަޒީފާ އަދާކުރާ މުވައްޒަފުން ޑިއުޓީއަށް ގެންގޮސްދޭން އޮންނަ ފެރީއަކީ މީގެ އެތައް އަހަރެއް ކުރިން ބޭނުންކުރި އިންޖީނުލީ ބާ ދޯންޏެކެވެ. ދޯނީގެ ހާލަތު އަދި އޭގެ ސާފުތާހިރު ކަމަށް ބަލާއިރު އެ ދޯނިން ދަތުރު ކުރުމަކީވެސް ނުރައްކާތެރި ކަމެއް ކަމަށް ބައެއް މުވައްޒަފުން ދެކެއެވެ. ދޯނީގައި ދަބަރު ޖަހައި ދަގަނޑުތައް ހީވަނީ ހިފާލީމާ ބިންދައިގެން ގޮސްދާނެހެންނެވެ. އޭގެ އަޑުގަދަ ކަމާއި އިންޖީނުން އަރާ ދުމަށް ޖެހޭނީ ކެތްކޮށްލައިގެން ތިބޭށެވެ. ވިއްސާރަ ދުވަހެއް ނަމަ ތިބެން ޖެހެނީ ދުއާކޮށްލަކޮށްލައެވެ.

"އަޅުގަނޑުމެން ޑިއުޓީއަށް ދަނީ އަދި އަންނަނީވެސް ފެރީގައި. ފެރީއަށް އަރާއިރު އަދި ފައިބާއިރު ހިފާ ދަނގަޑުގައި ހިފަންވެސް ބިރުގަނޭ. ދޯނީގެ އެކި ދިމަދިމާލަށް ބަލާލިޔަސް އެނގޭނެ ވަރަށް ކަމީނާވެފައި ހާލުގައި އޮތް ދޯންޏެއްކަން،" ކާޑެއްދޫގައި މަސައްކަތް ކުރާ އެހެން މުވައްޒަފަކު ބުންޏެވެ.

"މިހާރު ވާ ގޮތަކީ ވިއްސާރަވިއްޔާ ނުކެރޭ އޭގެން ދަތުރުކުރަން. ފުރާނަ އަތްމައްޗަށް ލައިގެން އާއިލާ މަތިން ހަދާންކޮށްފަ ދޯންޏަށް އަރަނީ."

ކާޑެއްދޫ އެއާޕޯޓް ހިންގަން ވިލާ އެއާއަށް ހަވާލުވީ 2013 ވަނަ އަހަރުގެ ތެރޭގައެވެ. އަދި ރަސްމީކޮށް އެ ކުންފުނިން ކާޑެއްދޫ އެއާޕޯޓް ހިންގަން ފެށީ 1 ޖެނުއަރީ 2014 ގައެވެ. ސަރުކާރުން ވިލާއާއެކު ހަދާފައިވާ އެ އެއްބަސްވުން ބާތިލުކުރީ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި 2017 ވަނަ އަހަރުއެވެ.

ވިލާ އެއާއއަށް ކާޑެއްދޫ އެއާޕޯޓް 50 އަހަރަށް ކުއްޔަށް ދީފައި ވަނިކޮށް އެއްބަސްވުން ބާތިލްކުރީ ސިވިލް އޭވިއޭޝަން އޮތޯރިޓީގެ މިންގަނޑުތަކާ ހިލާފަށް އެއާޕޯޓް ހިންގި ކަމަށް ބުނެއެވެ. ނަމަވެސް، ރައީސް ޔާމީންގެ ސަރުކާރުން އެއްބަސްވުން ބާތިލްކުރީ ގޯސްކޮށް ކަމަށް ސުޕްރީމް ކޯޓުން 2021 ވަނަ އަހަރު ނިންމުމުން އެއާޕޯޓުގެ ހިންގުން އަނެއްކާވެސް ވިލާއަށް ލިބުނެވެ.

އޭގެ ފަހުން، ކާޑެއްދޫ އެއާޕޯޓް ރީޖަނަލް އެއަރޕޯޓްސްއިން ހިންގަމުން އަންނަނިކޮށް 2022 ވަނަ އަހަރު ކާޑެއްދޫގެ ބަނދަރު ވަރަށް ބޮޑަށް ހަލާކުވެ ޖެޓީ ވެއްޓުނެވެ. އެ އެއާޕޯޓުގެ ހިދުމަތްތަކުގެ ފެންވަރު ދަށް ކަމަށާއި އެއާޕޯޓު މަރަމާތު ނުކުރާތީ އެ ތަނުން ހިދުމަތް ހޯދާ ގިނަ ބަޔަކު ޝަކުވާ ކުރެއެވެ. ކާޑެއްދޫގެ ބަނދަރުގެ ބައެއް ވެއްޓި އެ ރަށަށް އަރާ ފޭބުމަށް ވެސް ދަތިވެގެން ދިޔައެވެ. އެހެންކަމުން އެމްޓިސީސީން މިހާރު ވަނީ ކާޑެއްދޫގެ ބަނދަރު ހަދާފައެވެ. އެކަން ކުރުމަށް 9.52 މިލިއަން ރުފިޔާ ހޭދަވިއެވެ.

2022 ވަނަ އަހަރު މެއި މަހު ރަސްމީކޮށް އަނެއްކާވެސް ކާޑެއްދޫ ވިލާ އެއާއަށް ހަވާލުކުރިއެވެ. ކާޑެއްދޫ އަލުން ހަވާލު ކުރުމުން އެއާޕޯޓަށް ވަޑައިގެން އެ އެއާޕޯޓުގެ މުވައްޒަފުންނާ ވާހަކަ ދައްކަވަމުން ވިލާ ކުންފުނީގެ ވެރިޔާ ޤާސިމް އިބްރާހިމް ވިދާޅުވީ ވިލާ އެއާއިން ކާޑެއްދޫ އެއާޕޯޓާ ހަވާލުވީއިރު އެގްރީމަންޓުގައި އިންޓަނޭޝަނަލް އެއާޕޯޓަކަށް އެ އެއާޕޯޓްވާން ބާރުއަޅާ އެތައް މާއްދާތަކެއް ހިމެނިފައިވާނެކަމަށެވެ.

"މިއަދު މިތަނުގެ ހާލަތު އޮތްގޮތް ތިޔަ ބޭފުޅުންނަށް އެނގިވަޑައިގަންނަވާނެ. ބަނދަރު އޮތްގޮތް، ފާހާނާތައް އޮތް ގޮތް، ސެކިއުރިޓީ ރޫމްތަކާއި މެޝިންތައް ހުރިގޮތް،" ޤާސިމް އެ ދުވަހު ވިދާޅުވިއެވެ.

ނިމިދިޔަ ދައުރުގައި ކާޑެއްދޫއަށް އެއްވެސް ތަރައްގީއެއް ގެނެވިފައިނުވާއިރު، ރައްޔިތުންގެ އެތައް ހައްޤަކުން ވަނީ މަހުރޫމުވެފައެވެ. ސިޔާސީ ބޭނުމެއް ނެތި އެއްވެސް ބޭފުޅަކަށް ކާޑެއްދޫ އެއީ އޮންނަ ރަށެއް ކަމެއްވެސް ނޭނގެއެވެ. އިންތިހާބެއް ބޯމަތިވުމުން ކާޑެއްދޫ އެއާޕޯޓްގެ ހާލަތާ މެދު އެންމެންވެސް ކަންބޮޑުވުން ފާޅުކުރެއެވެ.

ނިމިދިޔަ ރިޔާސީ އިންތިހާބުގެ ކެމްޕެއިނުގައި ތިނަދޫއަށް ވަޑައިގެން ކެންޕޭނު ޖަލްސާގައި ވާހަކަދައްކަވަމުން ގާސިމް ވިދާޅުވީ، އެ އެއާޕޯޓު އިންޓަނޭޝަނަލް ނުވެ ފަސްވެގެން ދިޔައީ ރައީސް ޔާމީންގެ ސަރުކާރުން އެރަށް އަތުލުމުން ކަމަށެވެ.

"ލަސްވެގެން ތިން މަސް ދުވަސް ނުވަތަ ދެ މަސް ދުވަހުގެ ތެރޭގައި އެރަށަށް ބޭނުންވާ ރަންވޭ އެޅުމަށް، 2800 މީޓަރުގެ ރަންވޭއެއް އެޅުމަށްޓަކައި، އެއީ ވައިޑް ބޮޑީ އެއާކްރާފްޓްސް ޖެއްސޭ ވަރުގެ ރަންވޭއެއް އެޅުމަށްޓަކައި ބޭނުންވާ ފަޅު ހިއްކުމުގެ މަސައްކަތް އަޅުގަނޑުމެން ފައްޓާނަން،" ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށް ތިނަދޫއަށް ވަޑައިގެން ގާސިމް ވިދާޅުވެފައިވެއެވެ.

އެހެންނަމަވެސް، އެއީވެސް އިންތިހާބު ކާމިޔާބު ކުރުމަށް ދެއްކި ސިޔާސީ ވާހަކައެއްގެ ގޮތުގައި ގިނަ ބަޔަކު ސިފަ ކުރެއެވެ. އެކަމުގެ އަމަލީ އެއްވެސް ސިފައެއް ނުފެންނާތީއެވެ. އަދިވެސް ކާޑެއްދޫ އޮތީ ވީރާނާވެފައެވެ. ބޭނުންވާ ވަސީލަތްތައް އެހާމެ މަދެވެ.

ކާޑެއްދޫ - ފޮޓޯ: ގާފު

މިދިޔަ އަހަރު އޮގަސްޓު މަހު، ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށް ގދ. ތިނަދޫގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްވަމުން ވިދާޅުވީ، ކާޑެއްދޫ އެއާޕޯޓަކީ، ޤާސިމް އިބްރާހިމްގެ ވިލާ އެއާއާ ހަވާލުކޮށްގެން ހިންގަމުން އަންނަ އެއާޕޯޓަކަށް ވާއިރު، ސަރުކާރުން ބޭނުންވާ ގޮތަށް ކާޑެއްދޫ އެއާޕޯޓު އިންޓަނޭޝަނަލް ނުކުރެވޭނެނަމަ، އެކަން ދެން ކުރެވެން އޮތްގޮތެއް ބައްލަވައިގެން އެކަން ކުރައްވާނެ ކަމަށެވެ.

ގދ. ކާނޑެއްދޫ އެއާޕޯޓް އިންޓަނޭޝަލްކޮށް ގދ. ތިނަދުއާ ބުރިޖަކުން ގުޅުވާލާނެ ކަމަށް ރައީސް މުއިއްޒު ވަނީ ރިޔާސީ އިންތިހާބުގެ ކެމްޕެއިން ޖަލްސާތަކުގައި ވިދާޅުވެފައެވެ. ފަހުން ސަރުކާރުން ނިންމާފައި ވަނީ ތިނަދޫ ފަޅު ހިއްކައިގެން މުޅިން އާ އެއާޕޯޓެއް އެޅުމަށެވެ. ހުވަދު އަތޮޅަކީ ޓޫރިޒަމް ކުރިއަރަމުން އަންނަ އަތޮޅަކަށްވެފައި އިންޓަރނޭޝަނަލް އެއަރޕޯޓަކާއި ދަތުރު ފަތުރުގެ ފަސޭހަ ނިޒާމެއް ބޭނުންވާކަން ރައީސް ފާހަގަކުރެއްވިއެވެ.

ކިޔުންތެރިންގެ ހިޔާލު

19 ކޮމެންޓް

  1. ޢަޒްރާ

    ކާޑެއްދޫ އަތުލަންވީ ގާސިމް އަތުން އަތުލާފަ ސަރުކާރުން ކާޑެއްދޫ ތަރައްގީ ކުރަންވީ މަޑަވެލި ހޯޑެއްދޫ ނަޑައްލާ ތިނަދޫ މިހަތަރު ރަށުގެ މީހުނަށް މިރަށް ތަރައްގީކޮށް ދީ ރައީސް މުޢިއްޒު

    43
    0
    • ހުސޭނުބޭ

      އަޅެ އަތުލާބަލަ! ޔާމީނު ތިކަން ކުރަން އުޅުމުން ޔާމީނާ ދެކޮޅަށް ނުކުމެ ހާޓްއެޓޭކެއް ޖެހުނީކަމަށް ހެދި އެތައް ޑްރާމާއެއްކުޅެ ވެރިކަން ބަދަލުވީމާ އަނބިގޮއްޔެ ޓްރާންސްޕޯޓް މިނިސްޓަތަކަށް ހަދައި ލިބުނު ގެއްލުންތަކުގެ ބަދަލު ހޯދަން ޓްރާންސްޕޯޓް މިނިސްޓްރީއާ ދެކޮޅަށް ދައުވާކޮށް އެހުރިހައި ދަޢުވާއަކުން އެތަކެއް ފަޅަކާއި ފަޅުރަށެއްގެ އިތުރުން ދައުލަތުން އެތައް މިލިއަނެއް ބަދަލުގެ ގޮތުގައި ހޯދި. އެވަރު ނުވެގެން ކާދެއްދޫވެސް އަނބުރާ ހޯދި. ތިއޮތީ ތިތަން އޮތް ގޮތް. ހަރާންވާނެ ތިތަނުގެ ތެރެައްޤީއަށް އެއްވެސްކަމެއް ކޮށްދީފައި ހުރިއްޔާ. އެކަމަކު ރާއްޖޭގެ ކޯޓުތަކަށް ފެނުނު ޤާސިމަށް އެތައް ބިލިއަން ރުފިޔާގެ ގެއްލުންވީތަން.

      22
      0
  2. ސަފީ

    ގދ. ޢަތޮޅުގައި އިތުރަށް ހުޅުވި ދެ އެއަރޕޯރޓްވެސް އޮޕަރޭޓް ކުރަމުން ދަނީ ކާޑެއްދޫ އެއަރޕޯޓް މުވައްޒަފުން ގެންގޮސްގެން އެހެން ވީމަ ޚިދުމަތް ދޭނެ މީހުންވެސް މަދުވާނެ ނޫންތޯ

    17
    2
  3. ނަސީރު

    ކާދެއްދޫ ރަތްޔިތުން ކައިރީ ބުނެލަން ބޭނުންވަނީ ، ތިޔަ އެއާޕޯޓައް ބަދަލެއް ގެންނާނީ މިވެރިކަމުގައި ރައީސް ޑޮކްޓަރ މުއިޒް ގެ ވެރިކަމުގައި ކަމާމެދު ޝައްކެއްވެސް ނެތް ، ރަތްޔިތުން ބަލަންތިބޭ،

    8
    7
  4. ނަސީރު

    ދެގެއްވެސް ވާނުންދޯ ހަމަ ސަންދޯކަކާ ތަފާތެއް ނެތް ، އަހަރެންނަމަ ރަށުގައި އުޅެންވެސް ނުކެރޭނެ، ލަދުން ދެފައި ކާރިކޮއްލަންވެސް ނުކެރޭނެ، މީހަކު ކޮއްކޯ ކޮންރަށެއްހޭ އަހަރެން ކާރީ އަހާފިއްޔާ ، ސުވާލުކޮއް ނުނިމެނީސް ބުނާނަން ޑަބިޔާދޫ ކުއްޖެކޭ ،

  5. ގާސިމް

    ދަރަވަންދޫ ވެސް ހަމަ ތި ހާލުގަ

  6. ގގފ

    ތީ ލެއްގި ސަންދޯކެއްކަމައް ބެލެވެނީ

    10
  7. ޤައުމު

    މިރާއްޖޭގައި ދެގޮތެއް ނުވާ ބަދަލެއް ނުވާ ނުވިކޭނެ އަޒުމެއް ނުގުނޑާ ހަމައެކަނި ތަނަކީ ކާޑެއްދޫ އެއަރޕޯޓު. އަހަރެން ވަރަށް ފަހުރުވެރިކަމާއެކު މިވާހަކަ މިބުނެލީ.

    2
    4
  8. އަޖައިބު

    ކާޑެއްދޫ އެކަންޏެއް ނޫން. ގއ. ކޫއްޑޫގެ ހާލަކީ ވެސް ތީ

  9. ދާރުލް އަސާރު

    ދާރުލް އާސާރަށް ލާންވީ އައްޓެއް އެއީ. ހުވަދު އަތޮޅުގެ ފުރަތަމަ އެއަރޕޯޓްގެ ލަގެޖް ރޭމްޕް ކިޔާފަ

    15
  10. ކައްޕަޅިސިންގު

    ތިބުނާ ކަންތައްތަކުގެ ފޮޓޯ ހޯދާ ލީނަމަަދޯ ތަންކޮޅެއް ބަލައިގަންނަން ފަސޭހަ ވާނީ މިހާރު ދެން ހީވަނީ މީހަކު ބުނެލީމާ ލިއެލި އަރޓިކަލް އެއް ހެން ދޯ

    3
    5
    • މިލީ

      އެތަނަ ގޮއްސަހުރިމީހެއްގެ ހައިސިއްޔަތުން ބުނަން އެއީ ހަމަ ތެދު.

  11. ޑޭވިޑް

    ޢިރު އޮއްސޭއިރަށް މަދިރިހަފާވަރުން މަޑުން ނީދެވޭނެ.

  12. އަލްޖިބްރާ

    ހުވަފެނުގަ ރަންއިލޮށިން ކަދުރު ކާންނުދޭ ސިޔާސީ މީހަކު އެބަހުރިތަ ؟ބޭނުންފުދުނީމަ އެމީހުނަށް ފެންނަ އެއްކަމެއްވެސް ނޯންނާނެ !

  13. Anonymous

    ތިމަރަފުށި ވެސް ހަމަ ތިހެން!

    1
    1
  14. ޚ

    ކުޅުދުއްފުށި ސިޓީ އެކޭ ކިޔާ ތަނުގެ އެއާޕޯޓްގެ ހާލަކީވެސް ތި

  15. ރައިޓްސް

    ކޮބާތޯ މައްސަލައަކީ ލިބެންޖެހޭ ހިދުމަތް ލިބޭ.ތަން ހުތުރުވެގެން ލަދުގަންނާކަށް ނުޖެހޭ.މާއަވަހަށް ސައިޒު އޮޅެނީ ދިވެހީންގެ.ބަލާބަލަ އިންޑިޔާ ތަންތަނުގަ ހުންނަ ސަރުކާރުގެ އޮފީސްތަކާ ތަންތަން.މިތަނުގަ އޮފީހެއް ވިއްޔާ އޭސީ ކޮއްފަ ކާޕެޓް އަޅަންޖެހޭ އެހެންނޫނީ ނުވެސް ވަންނާނެ.

    1
    1
  16. ކޮހަކަށްވެސް ވެދާނެ

    ސަންދޯކާ އަޅުވައިގެން މުންޖޭލިޔެބަލަ ތިޔަށްވިރެ ރިތިބަހުރުވަ ނޭގެނީތޯ މައުސްބާއްވާފަ ގެއަސް ދުރުވޭ

  17. އަމަލު

    ލަގެޖު ނަގަން ޖެހެނީ "ސަންދޯކެއް" މަތިން! ލިޔުނު ފަރާތް އަޒީޒާ އަފީފަށް ހީވާކަހަލަ ސަންދޯކަކީ ވަރަށް ދަށް އެއްޗެންހެން. ބަލަގަ ސަންދޯކަށް ނުލެވޭނެ މީހަކު ދައްކަބަލަ.