ކުޅިވަރުން ލިބޭ އަނިޔާތަކަށް ފަރުވާކުރާ ޑޮކްޓަރުން ތަމްރީނުކުރަން މެލޭޝިޔާއާއިއެކު އެއްބަސްވުމެއްގައި ސޮއިކުރަން ނިންމާފައިވާ ކަމަށް ކުޅިވަރާއި ހަށިހެޔޮކަމާބެހޭ ވަޒީރު ޢަބްދުﷲ ރާފިޢު ވިދާޅުވެއްޖެއެވެ.

ކުޅިވަރާއި ހަށިހެޔޮކަމާބެހޭ ވަޒީރު ޢަބްދުﷲ ރާފިޢު މިހެން ވިދާޅުވީ، ދަރުމަވަންތަ ހޮސްޕިޓަލްގައި ބޭއްވި މަހާސިންތާއެއްގައި ވާހަކަދައްކަވަމުންނެވެ.

ވަޒީރު ވިދާޅުވީ، ކުޅިވަރު ކުޅޭ މިންވަރު އިތުރުވަމުންދާ ވަރަކަށް، ކުޅުންތެރިންނަށް އަނިޔާ ލިބޭ މިންވަރު އިތުރުވާނެކަމަށެވެ. އެހެންކަމުން ލިބޭ އަނިޔާއާ އެއްވަރަށް ފަރުވާ ދޭނެ ޑޮކްޓަރުން ރާއްޖޭގައި ތިބެންޖެހޭކަމަށް ގަބޫލުކުރައްވާ ކަމަށް ވަޒީރު ވިދާޅުވިއެވެ.

އެގޮތުން ކުޅިވަރުން ލިބޭ އަނިޔާތަކަށް ފަރުވާކުރާ ޑޮކްޓަރުން ތަމްރީންކުރަން މެލޭޝިޔާއާއެކު ވަރަށް އަވަހަށް އެއްބަސްވުމެއްގައި ސޮއިކުރައްވާނެ ކަމަށާއި، މި އެއްބަސްވުމުގެ ދަށުން މެލޭޝިޔާގެ، ޔުނިވަރސިޓީތަކުން ދިވެހި ޑޮކްޓަރުން ތަމްރީން ފުރިހަމަކުރެވޭނެ މަގު ފަހިވާނެކަމަށް ވަޒީރު ވިދާޅުވިއެވެ.

އެ އެއްބަސްވުމުގެ ދަށުން މެލޭޝިޔާގެ ފެންވަރު ރަނގަޅު ޔުނިވަރސިޓީތަކުގައި ދިވެހި ޑޮކްޓަރުންނަށް ކިޔެވޭނެ ކަމަށާއި، މިހާރު ޚާރިޖީ ވުޒާރާއާ ހަވާލުކޮށްގެން އެއްބަސްވުމުގެ ޑްރާފްޓެއް އެކުލަވާލުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ވަޒީރު ވިދާޅުވިއެވެ.

ދަރުމަވަންތަ ހޮސްޕިޓަލުގައި މިމަހުގެ 26 އިން 27 އަށް ކުރިއަށްގެންދިޔަ މަހާސިންތާއަކީ ކުޅިވަރުން ލިބޭ އެކި އަނިޔާތަކާއި އޭގެ ފަރުވާތަކާ ބެހޭގޮތުން މަޝްވަރާކުރެއްވުމަށް ބޭއްވި މަހާސިންތާއެކެވެ.