މިފަހަރުގެ ސޮނީ ސްޕޯޓްސް ގޯލްޑަން ފުޓްސަލް ޗެލެންޖްގެ ފުރަތަމަ މެޗުތަކުން ހއ. ހޯރަފުއްޓާއި ހއ. އިހަވަންދޫ ބޮޑު މޮޅެއް ހޯދައިފިއެވެ.

މި މުބާރާތުގެ މެޗުތައް ރޭ ފެށިއިރު ހއ. އުތީމު، ހއ. ވަށަފަރު، ހއ. މާރަންދޫ އާއި ގއ. ނިލަންދޫ އަދި ގއ. ގެމަނަފުށި ވަނީ މޮޅުވެފައެވެ. ހއ. ކެލާއާ ހއ. ބާރަށް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެންނެވެ.

ރެހެންދި ފުޓްސަލް ދަނޑުގައި ކުޅުނު ފުރަތަމަ މެޗުގައި މާރަންދޫން ވަނީ 3-0 އިން ފިއްލަދޫ ބަލިކޮށްފައެވެ. މި މެޗުގައި ފެނިގެންދިޔަ ތިން ގޯލްގެ ތެރެއިން ދެ ގޯލް ފެނިގެންދިޔައީ ފަހު ހާފުގައެވެ. އަނެއް ގޯލްޖެހީ ފުރަތަމަ ހާފުގެ ފަހުބައިގައެވެ.

ހއ. އަތޮޅުގެ އެންމެ ފަހުގެ ޗެމްޕިއަން، އުތީމުން ވަނީ ތުރާކުނު އަތުން 4-1 އިން މޮޅުވެފައެވެ. މި މެޗުގައި އުތީމުގެ މުޙައްމަދު ނަބީލް ދެ ލަނޑުޖަހައިދިންއިރު، އެ ޓީމުގެ އަނެއް ލަނޑުތައް ޖަހައިދިނީ މުޙައްމަދު ރިފާއު (އަސްކާ) އާއި ތާހާ މުޙައްމަދު އެވެ.

މިދިޔަ އަހަރުގެ މުބާރާތުގައި އަތޮޅު ބުރުގެ ފައިނަލްގައި ކުޅުނު ވަށަފަރުން ވަނީ 4-1 އިން ދިއްދޫ ބަލިކޮށްފައެވެ. ހޯރަފުށިން ތަކަންދޫގެ މައްޗަށް 6-2 އިން ކުރިހޯދިއިރު، މުރައިދޫ އަތުން އިހަވަންދޫ މޮޅުވީ 1-5 އިންނެވެ. ހއ. އަތޮޅު ބުރުގައި ރޭ ކުޅުނު ފަހު މެޗުގައި ކެލާއާ ބާރަށް ބައްދަލުކުރި މެޗު ނިމުނީ 1-1 އިން އެއްވަރުވެގެންނެވެ.

ގއ. އަތޮޅު ބުރުގައި ރޭ އެންމެފަހުގެ ޗެމްޕިއަން، މާމެންދޫ އަތުން ނިލަންދޫ މޮޅުވީ 1-3 އިންނެވެ. ރޭ ކުޅުނު އަނެއް މެޗުގައި ގެމަނަފުށިން ވަނީ 3-2 ގެ ނަތީޖާއަކުން ދާންދޫ ބަލިކޮށްފައެވެ.