ކުށަށް އަރައިގަތުމުގެ ނުރައްކަލުގައިވާ ކުދިންނަށް ބޭނުންވާ ފަރުވާ ފޯރުކޮށްދިނުމަށާއި އިސްލާހީ އަދި ރިހެބިލިޓޭޝަން ޕްރޮގްރާމްތައް ހިންގުމަށް މަރުކަޒެއް ގާއިމުކުރުމަށް ވަޒީރުންގެ މަޖިލީހުގެ ލަފާފުޅާއެކު ރައީސް ޑރ. މުހައްމަދު މުއިއްޒު ނިންމަވައިފިއެވެ.

ރައީސް މިގޮތަށް ނިންމެވިއިރު، ކުށްކުރާ ކުޑަކުދިން ފުލުހުންގެ ބެލުމުގެ ދަށަށް ގެނައުމަށްފަހު، އެކުދިން "ހޯޕް އައިލެންޑް"ގެ ނަމުގައި ހާއްސަ ކުރާ ރަށެއްގައި ރިހިބިލިޓޭޓު ކުރުމަށް ހަމަޖެހިފައިވާއިރު، އޭގެ ރޭވުން ސޯޝަލް ކައުންސިލުން ފާސްކޮށްފައި ވެއެވެ. އަދި އޭގެ ކަރުދާސް ވަޒީރުންގެ މަޖިލީހަށް ފޮނުވުމަށް ތައްޔާރުވެފައިވާކަން ވަނީ ކަށަވަރުކޮށްދީފައެވެ.

އިއްޔެ ބޭއްވެވި ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމުގައި ދާހިލީ ސަލާމާތައި ހިދުމަތްތަކާއި ބެހޭ ވުޒާރާައިން ހުށަހެޅުއްވި މި ކަރުދާހަށް ވަޒީރުންގެ މަޖިލީހުގައި މަޝްވަރާކުރެއްވުމަށްފަހުގައި ރައީސް ވަނީ ނިންމަވާފައެވެ.

މިގޮތުން މި ކަރުދާހުގައި ހުށަހަޅާފައިވާގޮތަށް ކުށަށް އަރައިގަތުމުގެ ނުރައްކަލުގައި ތިބޭ ކުދިންނާއި އެކި ސަބަބުތަކަށް ޓަކައި ކުށަށް އަރައިގަންނަން މެދުވެރިވާ ކުޑަކުދިންނަށް ބޭނުންވާ ފަރުވާއާ އެހީތެރިކަން ފޯރުކޮށްދިނުމަށްޓަކައި ކުޑަކުދިންގެ އަދުލުގެ ގާނޫނުގެ ދަށުން ބަޔާންކުރާ "ލޯންގް ޓާރމް ރެސިޑެންޝަލް ކެއަރ ފެސިލިޓީ" މީހުން ދިރިނޫޅޭ ވަކި ރަށެއްގައި (ކުރިން މީހުން ދިރިއުޅެފައި، އުމްރާނީ ތަރައްގީގެ ކަންކަން ހަމަޖެހިފައިވާ ރަށެއްގައި) ގާއިމުކުރުމަށް ނިންމަވާފައިވާކަން ފާހަގަކޮށްފައި ވެއެވެ.

މީގެ އިތުރުން އެފަދަ މަރުކަޒެއްގައި ހުންނާނެ ފެސިލިޓީތަކާއި މަރުކަޒުގައި ހިންގާނެ ޕްރޮގްރާމުތަކުގެ ތަފުސީލުތައް މި ކަރުދާހުގައި ހިމަނާފައިވެއެވެ.

އެ ރަށާއި ގުޅޭގޮތުން ދާހިލީ ސަލާމަތާއި ބެހޭ ވަޒީރު އަލީ އިހުސާން މީގެ ކުރިން ވިދާޅުވެފައިވާގޮތުގައި އެކުދިންނަށް އުމުރުން 18 އަހަރު ވަންދެން ތަފާތު އެކި ޕްރޮގުރާމުތައް ހިންގާނެ ކަމަށާއި 18 އަަހަރު ފުރުމުން ފުލުހުން ނުވަތަ ސިފައިންގެ ވަޒީފާއަށް އެކުދިން ނަގާނެ ކަމަށެވެ.

އިހުސާން އިތުރަށް ވިދާޅުވީ، އެ ކުދިންނަށް ހުނަރު ދަސްކޮށްދޭ ޕްރޮގުރާމުތައްވެސް ކުރިއަށް ގެންދާނެ ކަމަށާއި ހިދުމަތުގައި އުޅެފައި އެކުއްޖަކު ކުރިއަށްދާން ބޭނުންވާ ދާއިރާއަކުން ކުރިއަށް ދިޔުމަށް ފުރުސަތު ދެވިގެންދާނެ ކަމަށެވެ.

އަދި އެރަށަށް ގެންދަން ޖެހޭ 400 އެއްހާ ކުދިން އެބަތިބި ކަމަށްވެސް އޭނާ ވިދާޅުވެފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. ބިލީ

    ހާދަ ދިވެހިވަންތަ ނަމެއް

    4
    1
  2. ްްޤައުމުގެ ދުލުންކީ

    ދ.ވާނީގަ ހޯމްމިނިސްޓަރަކަށް އުމަރު ހުރިއިރު ކުދިންގެންގުޅު އެއީރަގަޅުރަށެއް އެކަމަށް

  3. މަތަރަސް

    ބަލަ ކޮންކަމެއްތަކުރެވުނީ އަބަދުވެސް ރައީސް ނިންމަވާފި ބާރައްދާވާހަކަ ސިޔާސީ މަގާމާ އާކާރުގެނެވޭ؟މަސްވެރިންގެ ލާރިކޮޅު މިސަރުކާރު ގެނައުމައްޓައި މަސަތްކަތްކުރަވުނީތީ ހިތާމަކުރަން ރީދޫ ބޭލުނީތީއުފާކުރަން؟؟

    3
    3
  4. ޝާން

    ކަލޯ އެއް އަނގައިން ތިމާމެން ބަނގުރޫޓުވާ ވާހަކަ ދައްކާފަ އެކަން ހައްލުކުރަން ނަންޕާރފޯމިން އާމްދަނީ ނުވަންނާނެ އަދި ރިކަރަންޓު އިތުރުވާނެ މަޝްރޫތަކުގެ ވާހަކަ އަދިވެސް ތި ދައްކަނީ. ދެކޮޅު ނުޖެހެއެއްނުން.

    4
    3
  5. ފައިނެތް އާދަނު

    މަގުތައް ޗަކަސްކަމުން ހިނގާބިނގާވެ އުޅުން ދަތި! މަގުތައް އަޑިގުޑަންކަމުން ދުއްވަން ދަތި! ހެޔޮނުވާނެ ކުޑަމިނުން ބޮޑަތި އާބާދީތައް އޮންނަ ރަށްރަށުގެ މަގުތައް ހަދައިދީ! އާދޭސްމިކުރަނީ

  6. ޝާން

    ތީ މިވަގުތު ކުރަންޖެހޭ ޚަރަދެއް ނޫން. ތިކަން ފަސް ކޮއްލާފަ ފައިސާ ވަންނާނެ ކަންކަމަށް ތިޚަރަދު ކުރޭ. ސަރުކާރުގެ ރިކަރަންޓުދާނީ ބޮޑުވަމުން ތި ކަހަކަ މަޝްރޫތަކުން. އޭގެ ބަދަލުގައި ނުނިމި ހުރި ރިސޯޓުތަށް ނިންމައި ބާޒާރަށް ނެރެން އެހީތެރިވުންމާ ރަނގަޅު.

  7. އިބުރާހީމް

    ތިތަން އަޅާފަ އަަވަހަށް ސަރުކާރުގެ ވެރިން ތިތަނަށް ފޮނުވާ، ތީ ކުށް ކުރާ މީހުން ތިބޭތަނެށް