އަލް މަޝްޢަރު ޙައްޖު އެންޑް ޢުމްރާ ގްރޫޕް އިން މިދިޔަ އަހަރު ރަމަޟާން މަހު ކުރި ޢުމްރާ ދަތުރުގައި މައްކާގެ ކުންފުންޏަކުން ހިދުމަތް ހޯދުމަށްފަހު ދޭންޖެހޭ ފައިސާ ނުދިނުމުން، ދިވެހިރާއްޖެއިން އުމްރާއަށް މީހުން ގެންދިއުމުގެ އުސޫލާ ހިލާފުވެފައިވާތީ މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް އިން ސިވިލް ކޯޓުގައި ދައުވާ ކުރުމުން އެއީ ސިވިލް ކޯޓުގެ އިހްތިޞާޞް ނެތް މައްސަލައެއް ކަމުގައި އެ ގުރޫޕުން ބުނެފިއެވެ.

އިސްލާމިކް މިނިސްޓްރީން އަލް މަޝްޢަރު ޙައްޖު އެންޑް ޢުމްރާ ގްރޫޕާ ދެކޮޅަށް ކުރި ދައުވާއިން އެނގޭ ގޮތުގައި އެ ދައުވާއަކީ "ޓްރެވަލް 2 މޯލްޑިވްސް" އަދި މައްކާގެ ކުންފުންޏެއް ކަމަށްވާ "އެމް ހޮޓެލް އަލްދާނާ މައްކާ" އިން ހިދުމަތް ހޯދުމަށް ފަހު އެ ކުންފުނިތަކަށް ދައްކަން ޖެހޭ ފައިސާ ދައްކާފައި ނުވާތީ، އެއީ އިސްލާމިކް މިނިސްޓްރީން އެ ގްރޫޕާއިއެކު ހަދާފައިވާ އެއްބަސްވުމާ ހިލާފުވުމުން ކަމަށް ދެކިގެން ކުރި ދައުވާއެކެވެ.

އެ އެއްބަސްވުމުގެ ދަށުން 30،000 ރުފިޔާއިން ޖޫރިމަނާކޮށް، އެ ގުރޫޕުން އެހެން ފަރާތަކަށް ދައްކަންޖެހޭ ފައިސާ ނުދައްކައި އޮތުމަކީ އުމްރާވެރިންގެ އަތުން ނެގި ފައިސާއަށް ހިޔާނާތްތެރިވުން ކަމަށްވާތީ އެއްލައްކަ ރުފިޔާއިން ޖޫރިމަނާކޮށް އެކު ޖުމްލަ 130،000 ރުފިޔާ ނަގައިދިނުމަށް މިނިސްޓްރީން ސިވިލް ކޯޓުގައި އެދިފައިވެއެވެ.

ދައުވާ ފޯމާއި ލިޔުންތައް ދައުވާލިބުނު ފަރާތަށް ރައްދުކުރުމުން، ދައުވާއަށް ރައްދު ދިނުމުގެ ބަދަލުގައި ކޯޓުގެ އިހްތިޞާޞާމެދު އިއުތިރާޟު ކުރާ ފޯމު ދައުވާލިބުނު ފަރާތުން ހުށަހަޅާފައިވެއެވެ. ދައުވާލިބުނު ފަރާތުން ބުނެފައިވަނީ މަދަނީ އިޖުރާއަތުގެ 110 ވަނަ ހަވާލާދީ އއެ ދައުވާއަކީ މިހާރު ހުށަހެޅިފައިވާ ގޮތަށް ދައުވާލިބުނު ފަރާތާ ދެކޮޅަށް ކުރިއަށް ގެންދެވޭނެ މައްސަލައެއް ނޫން ކަމުގައެވެ.

އޭގެ ސަބަބުތަކުގެ ތެރޭގައި ފާހަގަކޮށްފައިވަނީ ދައުވާ ކޮށްފައިވަނީ އިސްލާމިކް މިނިސްޓްރީ އާއި ދައުވާލިބުނު ފަރާތާ ދެމެދު ވެފައިވާ މުއްދަތު ހަމަވެފައިވާ އެއްބަސްވުމެއްގެ ދަށުން ކަމަށެވެ. އެ އެއްބަސްވުމަކީ 31 އޮކްޓޯބަރު 2019 ގައި ވެފައިވާ އެއްބަސްވުމެއް ކަން ދައުވާ ފޯމަށް ބެލުމުން އެނގެން އޮންނަ ކަމަށް ދައުވާލިބުނު ފަރާތުން ފާހަގަކުރިއެވެ. އަދި އެ އެއްބަސްވުމަކީ 2 އަހަރުގެ މުއްދަތަކަށް ހެދި އެއްބަސްވުމެއް ކަމަށާއި 2021 ވަނަ އަހަރުގެ އޮކްޓޯބަރު 31 ގައި އެއްބަސްވުމުގެ މުއްދަތު ހަމަވެފައިވާ ކަމަށް ދައުވާލިބުނު ފަރާތުން ބުނެފައިވެއެވެ. އަދި އެއީ 2023 ވަނަ އަހަރުގެ ރަމަޟާން މަހު ދައުވާލިބުނު ފަރާތުން އުމްރާއަށް މީހުން ގެންދިއުމުގައި އަމަލުކުރި ގޮތުގެ މައްޗަށް ބިނާކޮށް ހުށަހަޅާފައިވާ ދައުވާއެއްކަން އެނގެން އޮންނަ ކަމަށް ވެސް އެ ދައުވާލިބުނު ފަރާތުން ފާހަގަކުރިއެވެ.

އެހެންކަމުން، 2021 ވަނަ އަހަރު މުއްދަތު ހަމަވެފައިވާ އެއްބަސްވުމަކަށް ހަވާލާދީ 2023 ވަނަ އަހަރު ހިނގާފައިވާ ކަމަށް ބުނާ ކަމެއްގެ މައްޗަށް ދައުވާ ހުށަހެޅުމަކީ ކުރެވިދާނެ ކަމެއް ކަމުގައި ނުދެކޭ ކަމަށް ދައުވާލިބުނު ފަރާތުން ފާހަގަކުރިއެވެ.

ދައުލަތުގެ ފަރާތުން އެ އިއުތިރާޟާމެދު ބުނެފައިވަނީ އެއީ ސިވިލް ކޯޓުގެ އިހްތިޞާޞް އޮތް މައްސަލައެއް ކަމަށާއި ދައުވާލިބޭ ފަރާތުން ކޯޓުގެ އިހްތިޞާޞާމެދު ސުވާލު އުފައްދަނީ މަދަނީ އިޖުރާއަތުގެ 110 ވަަނަ މާއްދާގެ ދަށުން ކަމަށް ބުނާ ބުނުން ފިޔަވައި، އެ އިއުތިރާޟް ކުރަނީ އެ މާއްދާގެ ކޮން އަކުރެއް ތަތުބީޤުކޮށްގެން ކަން އެނގެން ނެތް ކަމަށެވެ.

މައްސަލައިގައި ހަވާލާދެވިފައިވާ އެއްބަސްވުމަކީ 31 އޮގަސްޓް 2021 ގައި އެއްބަސްވުމުގެ މުއްދަތު 1 އަހަރު ދުވަހަށް އިތުރުކޮށްފައިވާ އެއްބަސްވުމެއް ކަމަށް ވެސް ދައުލަތުން ފާހަގަކުރިއެވެ. އަދި އޭގެ ފަހުން، 2022 ގައި ކުރެވުނު އިތުރު އިއުލާނަކުން 1 އަހަރު ދުވަހުގެ މުއްދަތަށް އެއްބަސްވުމުގެ މުއްދަތު އިތުރުކޮށްފައިވާ ކަން އެނގެން އޮންނަ ކަން ޝަރީއަތުން ވެސް ވަނީީ ފާހަގަކޮށްފައެވެ.

ދެ ފަރާތުގެ ދެމެދުގައި މުއާމަލާތް ކުރެވުނު ސިޓީތަކުން 2023 ވަނަ އަހަރު އުމްރާއަށް މީހުން ގެންގޮސްފައިވާ ކަމަށާއި އަދި އެ ފަރާތުން އުމްރާއަށް މީހުން ގެންގޮސްފައިވަނީ ކޮން ހުއްދައެއްްގެ ދަށުން ކަމެއް ދައުވާ ލިބުނު ފަރާތުން ބުނެދީފައެއް ނުވެއެވެ. އަދި އެއްބަސްވުމުގެ މުއްދަތު އިތުރުކޮށްފައިވާ ކަމަށް ދައުލަތުގެ ފަރާތުން ބުނާފަދައިން އިތުރުކޮށްފައި ނުވާނެ ކަމަށް ދައުވާލިބުނު ފަރާތުން ބުނެފައެއް ނުވެއެވެ.

އެހެންކަމުން، ސިވިލް ކޯޓުގް ގާޒީ އާދަމް ޒާލިފް ނިންމެވީ އިސްލާމިކް މިނިސްޓްރީގެ ފަރާތުން އަލް މަޝްޢަރު ޙައްޖު އެންޑް އުމްރާގެ މައްޗަށް ރައްދުވާގޮތަށް ސިވިލް ކޯޓުގައި ކުރި ދައުވާ ކޯޓުގައި ބަލައި ކުރިއަށް ގެންދިއުމުގެ ޤާނޫނީ ހުރަހެއް ނެތްކަމުގައެވެ. އެއާއެކު ދެން މައްސަލަ ދާނީ ޝަރީއަތުގެ މަރުހަލާއަށެވެ.

އަލް މަޝްޢަރު ހައްޖު އެންޑް އުމްރާ އަކީ، އިސްލާމިކް މިނިސްޓްރީ ޖޫން 13، 2024 ގައި އާންމު ކޮށްފައިވާ ދިވެހިރާއްޖެއިން އުމްރާއަށް މީހުން ގެންދިއުމުގެ ހުއްދަ ދީފައިވާ ކުންފުނިތަކުގެ ލިސްޓުގައި މިހާރު ނެތް ކުންފުންޏެކެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ލޮލް

    ތީގެ މިސާލަކީ ވަގަކު ވައްކަންކުރަން ދޮރު ހަލާކު ކޮށްލީމާ، އެދޮރުގެ ވެރިމީހާ ބަދަލު ދޭން ބުނުމުން، ވައްކަންކުރިމީހާ އެދޮރު އެތާހުރެގެންނުވާނޭ ބުނުންކަހަލަކަމެއް ނޫންތޯ!