މިއަހަރުގެ ޑިސެމްބަރު މަހުގެ ޗުއްޓީގައި އުމްރާގެ އަޅުކަން ކުރުމަށް 4500 އަށްވުރެ ގިނަ ދިވެހިން ފުރައިފިއެވެ.

ކޮންމެ އަހަރެއްގެ ވެސް ޑިސެމްބަރު ޗުއްޓީއާއި ދިމާކޮށް ގިނަ ދިވެހިން އުމްރާއަށް ފުރާއިރު، ގިނަ ދިވެހިން އިސްކަން ދެނީ އާއިލާތަކާއި އެކީ އުމްރާއަށް ދިއުމަށެވެ. އެގޮތުން ޑިސެމްބަރު ޗުއްޓީއާއި ދިމާކޮށް 4500 އަށްވުރެ ގިނަ ދިވެހިން އުމްރާއަށް ގޮސްފައިވާކަން ފާހަގަ ކޮށްލެވެއެވެ.

ޤިބްލަ ހައްޖު އުމްރާ ގްރޫޕުގެ މެނޭޖިން ޑިރެކްޓަރ، ޔާމީން އިދްރީސް ވިދާޅުވި ގޮތުގައި ސްކޫލް ޗުއްޓިތަކާއި ދިމާކޮށް އޮގަސްޓް/ޑިސެމްބަރު މަހު އުމްރާތަކަށް ދިވެހިން ދާ އަދަދު އަހަރަކަށް ވުރެ އަހަރެއް މިހާރު ވަނީ އިތުރުވަމުންނެވެ. އަދި ދިވެހިން އުމްރާއަށް ދޭ ސަމާލުކަން ވެސް އަންނަނީ އިތުރުވަމުންނެވެ.

މީގެ އިތުރުން ރޯދަމަހަށް ވެސް މިހާރު ޖާގަތައް ފުލްވަމުން އަންނަ ކަމަށާއި ކުރީ އަހަރާއި އަޅާބަލާއިރު، ޓިކެޓް، ހޮޓެލް ލިބުމުގައި ދަތިތައް ހުރުމުން މި އަހަރު ގިނަ ގްރޫޕްތަކުން ގެންދާ މީހުންގެ އަދަދު ލިމިޓްވާނެކަން ފާހަގަ ކުރެވޭ ކަމަށް އޭނާ ވިދާޅުވިއެވެ.

ރާއްޖޭން މީހުން އުމްރާއަށް ފޮނުވުމުގައި 40 އަށްވުރެ ގިނަ ކުންފުނިތައް ތިބިއިރު، މި ހުރިހާ ދިވެހިން ވެސް އުމްރާއަށް ގޮސްފައިވަނީ އެ ގްރޫޕްތަކުންނެވެ. އެވްރެޖްކޮށް މިއަހަރުގެ އަގުތައް 29،000 ގައި އުޅުނުއިރު، މީގެ ކުރިން ދިމާވި ކަހަލަ ފުރުމުގެ އެއްވެސް މައްސަލައެއް މިހާތަނަށް އަދި ރިޕޯޓް ކޮށްފައެއް ނުވެއެވެ.

މިމަހު އެންމެ ގިނަ އުމްރާވެރިން ފުރާފައިވަނީ މިމަހުގެ 23 ވަނަ ދުވަހުއެވެ. އެދުވަހު 5 ކުންފުންޏެއްގެ ބެލުމުގެ ދަށުން 601 މީހަކު ވަނީ އުމްރާއަށް ފުރާފައެވެ. އަދި ދެވަނަ އަށް އެންމެ ގިނަ މީހުން އުމްރާއަށް ގޮސްފައިވަނީ މިމަހުގެ 19 ވަނަ ދުވަހުއެވެ. އެދުވަހު ހަ ކުންފުންޏެއްގެ ބެލުމުގެ ދަށުން 336 މީހަކު ވަނީ އުމްރާގެ އަޅުކަމަށް ގޮސްފައެވެ.