ސިއްހީ ދާއިރާއިން ގުޅުން ބަދަހިކުރުމަށް އިޓަލީއާއެކު މަޝްވަރާ ކުރައްވައިފިއެވެ.

މި މަޝްވަރާތައް ކުރައްވާފައިވަނީ އިޓަލީ ސަރުކާރުން ރާއްޖެއަށް ކަނޑައެޅުއްވި އައު ސަފީރު ޑެމިއާނޯ ފްރެންކޮވިގް، އެމަނިކުފާނުގެ ސަފީރުކަމުގެ ފަތްކޮޅު ރައީސް ޑރ މުހައްމަދު މުއިއްޒަށް އެރުއްވުމަށް ބޭއްވި ރަސްމިއްޔާތަށް ފަހުގައެވެ.

މި ރަސްމިއްޔާތު އޮތީ މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ.

މި ރަސްމިއްޔާތަށް ޖުމްހޫރީ މައިދާނުން ފެށިގެން ރައީސް އޮފީހާ ހަމައަށް ސަފީރު ވަޑައިގެންނެވީ ހަތްކޮޅުގައި ރަސްމީ އިއްޒަތުގައި ބެރު ދުންމާރި ތާޅަފިލީގައި، ހެވިކަމުގެ ލަޝްކަރީންނާއެކު ހިންގަވައިފައެވެ.

އިޓަލީގެ އައު ސަފީރު، އެމަނިކުފާނުގެ ސަފީރުކަމުގެ ފަތްކޮޅު ރައީސަށް އެރުވުމުން ރައީސް ވަނީ އައު ސަފީރަށް ތަހުނިޔާ ވިދާޅުވެ، ރާއްޖެއަށް ވަޑައިގެންނެވިކަމަށްޓަކައި މަރްޙަބާ ވިދާޅުވެފައެވެ.

އެއަށްފަހު އައު ސަފީރާ ރައީސް ބައްދަލުކުރައްވައި، ދެޤައުމުގެ ގުޅުން އިތުރަށް ބަދަހިކުރެވިދާނެ ދާއިރާތަކާ ގުޅޭގޮތުން މަޝްވަރާކުރެއްވިއެވެ. ދެ ބޭފުޅުން މަޝްވަރާކުރެއްވި ކަންކަމުގެ ތެރޭގައި ފަތުރުވެރިކަން ކުރިއެރުވުމާއި، މޫސުމަށް އަންނަ ބަދަލުތަކުން ރައްކާތެރި ވުމަށް އެކުގައި މަސައްކަތް ކުރުމާއި، މެރިން ރިސާރޗް އިތުރަށް ފުޅާކުރުމާއި، ސިއްޙީ ދާއިރާއިން ގުޅުން ބަދަހި ކުރުން ހިމެނެއެވެ.

ރާއްޖެއާ އިޓަލީއާއި ދެމެދު ސިޔާސީ ގުޅުން ގާއިމުކުރީ 1966 ވަނަ އަހަރުގައެވެ. އިޓަލީން ރާއްޖެއަށް ކަނޑައަޅުއްވި ސަފީރު ކަނޑައަޅުއްވާފައި ވަނީ ނަން ރެސިޑެންޓް ސަފީރެއްގެ ގޮތުގައެވެ.