ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ އަދަދު ކޮންމެ ދައުރަކު އިތުރުވެގެންދާ ކަމަށާއި އެއީ ދައުލަތަށް ކެރިކުޅާދަނަ މިންވަރެއް ނޫން ކަމަށް ތިނަދޫ އުތުރު ދާއިރާގެ މެމްބަރު ސައުދުﷲ ހިލްމީ ވިދާޅުވެއްޖެއެވެ.

ބާރަށު ދާއިރާގެ މެމްބަރު އިބްރާހިމް ޝުޖާޢު ހުށަހަޅުއްވާފައިވާ، ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ ޢަދަދު ކޮންމެ 5 އަހަރަކުން އިތުރުވަމުންދާ ދިއުމާ މެދު 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ދެކެވަޑައިގަންނަވާ ގޮތެއް ދެނެގަތުމަށްޓަކައި ހުށަހެޅި ޤަރާރަށް ބަހުސް ކުރައްވަމުން ސައުދު ވިދާޅުވީ، މެމްބަރުން އިތުރުވަމުން ދާ ދިޔުމަކީ ދިވެހި ދައުލަތަށް ކެރިކުޅަދާނަ ކަމަކަށް ނުވާނެ ކަމަށާއި މެމްބަރުން މަދުކުރުމަށް ޝުޖާއު ހުށަހެޅި ޤަރާރަށް ތާއީދުކުރައްވާ ކަމަށެވެ.

"އެއީ ދިވެހި ދައުލަތަށް އެއާ ކެރިކުޅަދާން ކަމަކަށް ނުވާނެ. އެހެންކަމުން ވަކިވަރެއްގައި ހިފަހައްޓާލަން ނޫނީ މަދުކުރަން ތާއީދުކުރަން." ސައުދު ވިދާޅުވިއެވެ.

ސައުދު ވިދާޅުވީ، މިހާރު މިދާ ގޮތަށް މެމްބަރުން އިތުރުވަމުންދާނަމަ 2044 ވަނަ އަހަރު މަޖިލީހުގައި 140 އެއްހާ މެމްބަރުން ތިބުމަކީ އެކަށީގެންވާ ކަމެކެވެ. މިއީ ރާއްޖޭގެ އާބާދީއަށް ނުވަތަ އާމްދަނީއަށް ބަލާއިރު އެހާ ރަނގަޅު އަދަދެއް ނޫން ކަމަށް ސައުދު ވިދާޅުވިއެވެ.

"ބޮޑެތި ޑިމޮކްރަސީތަކުގައި ވެސް އެ ތިބެނީ ވަކި އަދަދަކަށް މެމްބަރުން ހަމަޖެހިފައި، އަޅުގަނޑުމެންގެ އަދަދު އެގޮތަށް ބަދަލުކުރާ ކަމަށްވަންޏާ އާބާދީގެ ބޮޑު ބައެއް ތިބޭނީ މެމްބަރުން މިހާރު މިއޮތް ގޮތަށް ކަންތައް ކުރާ ކަމުގައި ވަންޏާ. އޭގެ ބަދަލުގައި އަޅުގަނޑުމެންނަށް ހަމަޖެހޭ އުސޫލަކުން ދައުލަތަށް ވެސް ކެރިކުޅަދާނަ ވާ ވަރަކަށް އެކަން ބަދަލުކުރުމަކީ ތާއީދުކުރާ ކަމެއް." ސައުދު ވިދާޅުވިއެވެ.

ސައުދު ވިދާޅުވި ގޮތުގައި، މަޖިލީހުގެ އިތުރުން ގައުމާއި އެކަށީގެން ނުވާވަރަށް މުއައްސަސާތައް އުފައްދައި އެ މުއައްސަސާތަކަށް މުވައްޒަފުން ވެސް އެހާމެ ގިނައިން ނަގާފައި އެބަތިއްބެވެ. އެއީވެސް ވިސްނަން ޖެހިފައި އޮތް ކަމެއް ކަމަށް އޭނާ ވިދާޅުވިއެވެ.

ރާއްޖޭގައި ފެހި ޤާނޫނުއަސާސީ އެކަށައެޅިއިރު ވެސް ގައުމަށް އެކަށީގެން ނުވާ ވަރަށް އަދަދުތައް ހުރިކަން ބައެއް ބޭފުޅުން ފާހަގަކުރެއްވި ކަމަށް ސައުދު ވަނީ ވިދާޅުވެފައެވެ. ވަކިން ހާއްސަކޮށް މިނިވަން މުއައްސަސާތަކާއި ބެހޭގޮތުން ވާހަކަ ދައްކާއިރު އެ މުއައްސަސާތަކުން ކުރަނީ ކޮން ކަމެއްތޯ އާއި އެ މުއައްސަސާތަކާއި ހަވާލުކުރެވިފައިވާ މަސްއޫލިއްޔަތުތައް ބަރާބަރަށް އަދާ ކުރޭތޯ ސައުދު ވަނީ ސުވާލު އުފައްދަވައިފައެވެ.

"އަޅުގަނޑުމެން އެބަޖެހޭ މި ރާއްޖޭގެ ހާލަތާ އެއްގޮތަށް ޤާނޫނު އަސާސީގެ ހުރިހާ މާއްދާތަކާއި ދޭތެރޭ ވެސް ވިސްނާލަން." ސައުދު ވިދާޅުވިއެވެ.

މަޖިލީހުގެ މެމްބަރުންގެ އަދަދު ކޮންމެ ދައުރަކު އިތުރުވަމުން އަންނަކަން ފާހަގަކުރައްވަމުން ސައުދު ވިދާޅުވީ، އާބާދީ އިތުރުވާ ވަރަށް މެމްބަރުން އިތުރުވާނަމަ މަޖިލިސް ޖަލްސާތައް ބާއްވަން އިތުރު އިމާރާތެއް ވެސް ބޭނުންވާނެ ކަމަށެވެ. އެއީ ދިވެހި ދައުލަތަށް ކެރިކުޅަދާނަ ގޮތެއް ނޫން ކަން ސައުދު ވަނީ ތަކުރާރުކުރައްވައިފައެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. އަހުމަދު މުހައްމަދު

    މެމްބަރުންގެ މުސާރަ ބޮޑު ކަމަކަށް އަޅުގަނޑަކަށް ވެސް ނުފެނޭ. އެކަމު މެމްބަރުންގެ ޢަދަދު އިންތިހާ އަށް ބޮޑު. މެމްބަރުން 40 އަށް ވުރެ އިތުރު ކުރާކަށް ރަނގަޅެއް ނޫން. ދެން އޮތީ މެޑިކަލް. އެޔަށް ބަދަލު ގެންނަން ޖެހޭ. އާސަންދަ ދިނުމާއި އެންސްޕާ ބޭނުން ކުރުންވެސް އެއްވެސް މީހަކު ތަފާތު ކުރާކަށް ނުޖެހޭ. އޭގެ ބަދަލުގަ އާސަންދަ ވީމަ ފާމަސީ ތަކުން ނަގާ އަގު ބޮޑު ކަން ފާހަގަވޭ. އާސަންދަ ވީމަ ހޮސްޕިޓަލްތަކުން ކްލިނިކުތަކުން ނަގާ ޗާޖް ބޮޑު ކަން ފާހަގަވޭ

  2. ލަދުން ބޯހަލާކު

    ކިތައްމެ މެމްބަރުންނެއް ތިއްބަސް ރަށްރަށަށްވާ އެއްވެސް ކަމެއް ނެތް

  3. ކުރުދީ

    މެމްބަރުން ނަގާނެކަމެއްނެތް. ތިޔަތަނަށް ރަނގަޅުވާނެ އެއްވެސް ލިޔެކިއުމެއްނެތް 3 ބަންގާޅީން ލީމަ. މުސާރަވެސް ބަނގުޅަދޭޝް އެމްބަސީންދޭ ގޮތަށް.