ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ ކުރިފުޅުމަތީގައި ބަހުސް ކުރާނެ ބިލެއް އޮއްވާ، އެ ބިލް ކުރިމަތީގައި ބާއްވައި ހިތްޕުޅުގެ ޝުއޫރު ފާޅު ކުރާ ތަނެއް ކަމުގައި މަޖިލިސް ނުހެއްދެވުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އެދިވަޑައިގެންފިއެވެ.

20 ވަނަ ރައްޔިތުންގެ މަޖިލީހުގެ 10 ވަނަ ޖަލްސާގެ ރިޔާސަތުގައި އިންނަވައި އެމަނިކުފާނު އެހެން ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ އަދަދު ކޮންމެ ފަސް އަހަަރަކުން އިތުރުވަމުންދާތީ، މި ދައުރުގެ މަޖިލިސް މެމްބަރުން ދެކެވަޑައިގަންނަވާ ގޮތެއް ދެނެގަތުމަށްޓަކައި ބާރަށު ދާއިރާގެ މެމްބަރު އިބްރާހިމް ޝުޖާއު ހުށަހެޅި ގަރާރުގެ ބަހުސްގައި ބައެއް މެމްބަރުން މައުލޫއިން ބޭރުވެވަޑައިގެން ގުޅުން ކުޑަ މައުލޫތަކުގައި ވާހަކަފުޅު ދެއްކެވުން އިތުރުވުމުންނެވެ.

ރިޔާސަތުން އެކަން ފާހަގަކުރައްވާ ވިދާޅުވީ، ހުރިހާ އިއްޒަތްތެރި މެމްބަރުން ވެސް މަޖިލީހުގައއި ބަހުސް ކުރައްވާއިރު ބިލަށް ބަހުސްކޮށްދެއްވުން އެދޭ ކަމަށެވެ.

"އެ ބިލް ކުރިމަތީގައި ބާއްވައިގެން އެއްވެސް ވަރަކަށް އެ ބިލްގެ ނަންވެސް ބޭނުން ނުކޮށް އެބޭފުޅެއްގެ ހިތްޕުޅުގައި ހުރި ޝުއޫރުތައް ނުވަތަ އުފެދިފައިވާ ޝުއޫރުތައް ހާމަ ކުރާ ތަނަކަށް ރައްޔިތުންގެ މަޖިލިސް ނެހެއްދެވުން އެދެން،" މަޖިިލީހުގެ ރައީސް ވިދާޅުވިއެވެ.

20 ވަނަ ރައްޔިތުންގެ މަޖިލީހަކީ ރައްޔިތުންގެ ހައްގުގައި ވަކާލަތު ކުރާ އިލްމީ އަދި އުފެއްދުންތެރި މަޖިލީހަކަށް ހެއްދެވުމަށް ހުރިހާ އިއްޒަތްތެރި މެމްބަރުން ވެސް މަސައްކަތް ކޮށްދެއްވުމަށް މަޖިލީހުގެ ރައީސް އަބްދުއްރަހީމް އެދިވަޑައިގަތެވެ.

މިއަދު ބަހުސްކުރަމުންދާ ގަރާރަކީ ކޮންމެ ރައްޔިތުންގެ މަޖިލިސް އިންތިހާބެއްގައި މެމްބަރުންގެ އަދަދު އިތުރުވުމުގެ ސަބަބުން އެކަމަށް މަޖިލީހުން ހައްލެއް ހޯދަން ޖެހޭނެ ކަަމަށާއި، މިއީ ރައްޔިތުންގެ މެދުގައި ބޮޑު ކަންބޮޑުވުމެއް އޮތް މައްސަލައެއް ކަަމަށް ފާހަގަކުރެއްވައި ހުށަހެޅި ގަރާރެކެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. އިބްރާހީމް

    އަދުރޭ ބުންޏަސް މިއީ ވަރަށް ރަނގަޅު ވާހަކައެއް. މި މަޖިލީހުގައި ވެސް ޚާއްޞަކޮށް ޕީ.އެން.ސީ މެމްބަރުންގެ ފަރާތުން ފެންނަނީ ހުސް ޝުޢޫރު ފާޅުކުރާތަން. އަސްލު ބިލަށް ހަރުދަނާކަމާއެކު ވާހަކަ ދައްކާ ތަނެއް ނުފެނޭ.

    11
  2. Anonymous

    ތިމަޖިލީހުގައި އިން އެންމެ މޮޅު މީހަކީ އަދުރޭކަން ސާބިތުވެއްޖެ. ހަގީގަތުގައި ވެސް އަދުރޭއަކީ ހެޔޮ ވިސްނޭ، ހޭޖެހޭ މީހެކެވެ.

  3. ހުސެއިން ޝާމް

    މަރުޙަބާ ޢިއްޒަތްތެރި ރައީސް .މަނިކުފާނަށް ފުރިހަމަ ސިއްހަތަކާ ،ބާއްޖަވެރި އުމުރެއް ﷲ ސުބްހާނަހޫ ވަތަޢާލާ ދެއްވާށިއެވެ.އާމީން.

  4. Anonymous

    ކުރިންދުވަހު އަނާރާ ބުނީ ކިޔަވައިގެންތިބި މީހުން މަޖިލިހަށް ކުރިމަތިލާން ޝަރުތު ކުރަންޖެހެޔޭ! އެވަގުތު ރައީސް އިންނެވީ އަނގަފުޅު ޗޭވެފަ ދެއްތޯ! ލޮލް