ސީޕްރިއާ މެރިން ފުޑްސް އެންޑް ފިޝް ޕްރޮސެސިންގް ފެކްޓްރީގެ މުވައްޒަފުންނަށް މުސާރަ ނުދޭތީ އެ މުވައްޒަފުން ކަންބޮޑުވުން ފާޅުކޮށް ތަނުގެ ހުއްދަ ބާތިލު ކުރުމަށް ގޮވާލައިފިއެވެ.

ކ. ހިންމަފުށީގައި ގާއިމް ކޮއްފައިވާ މަސްފެކްޓްރީގައި މަސައްކަތް ކުރި ދިވެހިންނާއި ބިދޭސީ މުވައްޒަފުންގެ މުސާރަ މިއަހަރު ފެށުނީއްސުރެ ނުދެމުންދާ ކަމަށް ބުނެ އިއްޔެ ހިންމަފުށީގައި އެ މުވައްޒަފުން ވަނީ އިހުތިޖާޖުކޮށްފައެވެ.

އެހެން ނަމަވެސް، ވެރިންގެ ފަރާތުން އެއްވެސް ޖަވާބެއް ނުލިބޭތީ އެ މުވައްޒަފުން ވަނީ މާލޭގައި ހުންނަ ސީޕްރިއާގެ ހެޑް އޮފީސް ކުރިމަތީގައި މުޒާހަރާ ކޮށްފައެވެ.

މުޒާހަރާގެ ބައިވެރިން ބުނަމުންދަނީ މިދިޔަ ޖޫން މަހު ފެކްޓްރީ ބަންދުކުރާކަމަށް ބުނެ ހުރިހާ މުވައްޒަފުންނަށް ނޯޓިސް ދީ ވަޒީފާއިން ވަކިކޮށްފައިވާ ކަމަަށެވެ. އެކަމަކު، މިއަހަރުގެ މިހާތަނަށްވާ މުސާރަ އެއްވެސް މުވައްޒަފަކަށް ދީފައިނުވާ ކަމަށެވެ.

މީގެ އިތުރުން، ހިންމަފުށީގައި ބިދޭސީ މުވައްޒަފުން ދިރިއުޅުމަށް ކުންފުނީގެ ނަމުގައި ނަގާފައިވާ ގެތަކުގެ ކުލި ނުދެއްކުމުގެ ސަބަބުން އެތައް އާއިލާއެއް ދިރިއުޅެމުން ދަނީ ނުހަނު ދަތިހާލުގައި ކަމަށް ވެސް މުޒާހަރާގެ ބައިވެރިއަކު އޭނާގެ ސޯޝަލް މީޑިއާގައި ބުނެފައިވެއެވެ. އަދި ވަޒީފާއާ ބެހޭ ގާނޫނާ ހިލާފައް މުއައްޒަފުންނާއިމެދު މިފަދައިން އިހުމާލުވާ ފަރާތްތަކަށް ހަރުކަށި އަދަބުދީ މި ނިކަމެތި ރައްޔިތުންނަށް އިންސާފު ހޯދައިދިނުމަށް އޭނާ ވަނީ ގޮވާލާފައެވެ.

މިފަދަ ފަރާތްތަކުން ކުރާ އިތުރު ވިޔަފާރިތައް ހުއްޓުވައި އެފަރާތްތަކުގެ ވިޔަފާރި ލައިސެންސް ބާތިލް ކުރަންޖެހޭ ކަމަށާއި ކަމާއި ބެހޭ ފަރާތްތަކުން ނިކަމެތި ރައްޔިތުންގެ އަޑު އައްސަވައި ހައްގު ހޯދައިދޭން މަސައްކަތް ކުރުމަށް ވެސް އޭނާ ވަނީ ގޮވާލާފައެވެ.

އިހުތިޖާޖުގެ ބައިވެރިއަކު "ވަގުތު" އަށް ބުނީ އެ ފެކްޓްރީގެ ދިވެހި މުވައްޒަފުންނަށް މުސާރަ ނުދޭތާ ހަ މަސް ދުވަސް ވެފައިވާއިރު ބިދޭސީ މުވައްޒަފުންނަށް މުސާރަ ނުދޭތާ އަށް މަސް ދުވަސް ވެފައިވާ ކަމަށެވެ.

އޭނާ ބުނީ މި ހުރިހާ މުވައްޒަފުންނަށް ޖުމްލަ 6.4 މިލިއަން ރުފިޔާ ސީޕްރިއާ އިން ދޭންޖެހިފައިވާ ކަމަށެވެ.

"އަޅުގަނޑުމެން ވަރަށް ކެތްކޮށްގެން ތިބެފައި އިތުރު އެއްވެސް ގޮތެއް ނެތީމަ އިހުތިޖާޖަށް މި ނިކުތީ. ބިދޭސީ މުވައްޒަފުން ބައިތިއްބަން ކުއްޔަށް ނެގި ގެތަށް ވެސް ހުސްކުރަން ބުނެފަ އޮތީ. ގިނަ މުވައްޒަފުން މަގުމަތިވެއްޖެ." އޭނާ ބުންޏެވެ.

އޭނާ އިތުރަށް، ބުނީ ސީޕްރިއާގެ ވެރިންނާއި ބައްދަލުވެއްޖެ ކަމަށާއި އެކަމަށް ހައްލެއް ހޯދުމަށް މަސައްކަތް ކުރާނެ ކަމަށް ބުނެފައިވާ ކަމަށެވެ. އަދި މިއަދުގެ 3:30ގެ ކުރިން ޖަވާބެއް ދޭނެ ކަމަށް ވެރިން ބުނެފައިވާ ކަމަށް ވެސް އޭނާ ބުންޏެވެ.

އޭނާ ބުނީ މައްސަލައަށް ހައްލު ނުލިބިއްޖެ ނަމަ މާދަމާ ވެސް އަދި މިކަމަށް ޖަވާބެއް ލިބެންދެން މުޒާހަރާ ކުރާނެ ކަމަށެވެ.

މިކަމާ ގުޅިގެން ސީޕްރިއާގެ ބަހެއް މިހާތަނަށް ވަނީ ލިބިފައިނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ޅާމް

    ސީޕުރިޔާގެ ވެރިން ހައްޔަރު ކުރަން ޖެހޭވަރު ކަމެއް މިއީ.

    10
    1
  2. ރައްޔިތު ނިކަމެތި މީހާ

    އިބިލީހު ކައިވެނި ،، މާދަމާ ، މާދަމާ ، ވެރިން ތިބީ ރަގަޅައް ކަެއިގެން ، ހަމަޖެހިފަ،