ޗައިނާ އިން ރާއްޖެ އަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޒަންގް ލިޒޯންގް, ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް އާއި ބައްދަލުކުރައްވައިފިއެވެ.

މި ބައްދަލުކުރެއްވުން އޮތީ މައުމޫންގެ ފައުންޑޭޝަން އޮފީހުގައެވެ. މި ބައްދަލުކުރެއްވުމުގައި ރައީސް މައުމޫންގެ ދަރިކަލުން އަދި ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ފާރިސް މައުމޫން ވެސް ބައިވެރިވެ ވަޑައިގެންނެވިއެވެ.

މި ބައްދަލުކުރެއްވުމުގައި ވަނީ ރާއްޖެއާ ޗައިނާއާ ދޭތެރޭ އޮންނަ ގުޅުން އިތުރަށް ބަދަހިކުރުމާ ގުޅޭގޮތުން މަޝްވަރާ ކޮށްފައެވެ.

ރައީސް މައުމޫންގެ އިތުރުން ޗައިނާގެ ސަފީރު މީގެކުރިން ވަނީ އިންތިހާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) އާއި ވެސް ބައްދަލުކުރައްވާފައެވެ.

އެ ބައްދަލުކުރެއްވުމުގައި ރާއްޖޭގެ ތަރައްގީގައި ޗައިނާއިން ބައިވެރިވާނެ ކަމަށާއި އެގޮތުން ގެދޮރު ބިނާ ކުރުމާއި ފެނާއި ނަރުދަމާގެ ހިދުމަތް ދިނުމުގައި އެހީތެރިވެދޭނެ ކަމަށް ސަފީރު ވިދާޅުވިއެވެ. އަދި ޗައިނާ އަށް ރަސްމީ ދަތުރުފުޅެއް ކުރެއްވުމުގެ ދައުވަތު އިންތިހާބީ ރައީސް އަށް ވަނީ އަރުއްވާފައެވެ.

ޗައިނާއަކީ މިހާރު ވެރިކަމުގައި ހުންނެވި ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރާ ވަރަށް ގާތް ގުޅުމެއް ބޭއްވި ގައުމެކެވެ. އެގޮތުން މާލޭ އާއި ހުޅުލެއާ ދެމެދު އަޅާފައިވާ ސިނަމާލެ ބުރިޖާއި ވެލާނާ އެއާޕޯޓުގެ އާ ރަންވޭގެ މަޝްރޫއު ކުރިއަށް ގެންގޮސްފައިވަނީ ޗައިނާގެ ކުންފުނިތަކުންނެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ތަކުރު

    ނުހިގާ ނޫޓް ކޮން ނޫޓް ތީ ފޭކް