މަޢުލޫމާތު ހާމަކުރުމުގެ "ރަންވަނަ 2018" ތިން އިދާރާއަކުން ހާސިލުކޮށްފިއެވެ.

ެއެގޮތުން މިނިވަން މުއައްސަސާތަކުގެ ތެރެއިން "ރަންވަނަ- 2018" ހާސިލުކޮށްފައިވަނީ، އެންޓި-ކޮރަޕްޝަން ކޮމިޝަނެވެ. އެންޓި ކޮރަޕްޝަން ކޮމިޝަނުން މި މަޤާމު ހޯދާފައި ވަނީ އެ ކަމަށް ހުޅުވައިލި ފުރުޞަތުގައި އެ ކަމަށް އެދި ހުށަހެޅި އިދާރާތަކާ ވާދަކޮށް މަޢުލޫމާތު ހާމަކުރުމުގައި މިނިވަން މުއައްސަސާތަކުގެ ގިންތީން އެންމެ މަތިން މާކްސް ހޯދައިގެންނެވެ. މިއީ މި އިނާމު އެ ކޮމިޝަނުން ވިދިވިދިގެން ހޯދި ތިންވަނަ ފަހަރެވެ.

ލޯކަލް ކައުންސިލްތަކުގެ ގިންތީން އެންމެ މަތިން މާކްސް ހޯދައިގެން "ރަންވަނަ- 2018" ހާސިލުކުރީ، ތިލަދުންމަތީ އުތުރުބުރީ އަތޮޅު ކައުންސިލުންގެ އިދާރާއެވެ. މިއީ އެ އިދާރާ މި ވަނަ ހޯދި ދެވަނަ އަހަރެވެ.

ސަރުކާރުގެ އިދާދާތަކުން "ރަންވަނަ" ހޯދާފައިވަނީ، މިނިސްޓްރީ އޮފް ޖެންޑަރ އެންޑް ފެމިލީއެވެ. މިއީ، ސަރުކާރުގެ އިދާރާތަކުގެ ބައިން "ރަންވަނަ" ހޯދި ފުރަތަމަ އިދާރާއެވެ.

މިއިދާރާތަކަށް "ރަންވަނަ" ހަވާލުކޮށްދެއްވީ، ހަފުލާގެ ޝަރަފުވެރި މެހުމާނު، އޮޑިޓަރ ޖެނެރަލް ޙަސަން ޒިޔަތެވެ.

ރަންވަނައަށް ލިބެނީ، އެކަމަށް ކަނޑައެޅިފައިވާ މިންގަނޑުތަކުން 85 އަށް ވުރެ މަތީން އެ އިދާރާއެއް ހިމެނޭ ގިންތިއަކުން އެންމެ މަތީން މާކުސް ހޯދާ އިދާރާއަކަށެވެ. އަދި ވެބްސައިޓު ދަރަޖަ ކުރުމުން ވެސް 1 ވަނަ ދަރަޖަ ހާސިލުކޮށްގެންނެވެ.

'މަޢުލޫމާތު ހާމަކުރުމުގެ ރަންވަނަ' އަކީ، މަޢުލޫމާތު ހޯދައި ލިބިގަތުމުގެ ޙައްޤުގެ ބައިނަލް އަޤުވާމީ ދުވަސް ފާހަގަކުރުމަށްޓަކައި، 2015 ވަނަ އަހަރުގެ ސެޕްޓެމްބަރު 28 ވަނަ ދުވަހު ބޭއްވުނު ޙަފްލާގައި އިންފޮމޭޝަން ކޮމިޝަނަރު އިޢުލާން ކުރެއްވި ޝަރަފުވެރި އެވޯޑެކެވެ.

ރަންވަނައަށް ހޮވޭ ފަރާތެއް ކަނޑައެޅުމުގެ މަސައްކަތް ކޮށްފައިވަނީ އެކަމަށް އެކުލަވައިލެވުނު ކޮމިޓީއަކުންނެވެ.

ކިޔުންތެރިންގެ ހިޔާލު