އެވިޑް ކޮލެޖުގެ ޗެއާމަން، އަބްދުﷲ މުސްތާގް ރަޝާދުގެ ބައްޕާފުޅު މުހައްމަދު ރަޝާދުގެ ހަނދާނުގައި (ނައިބް ރަޝާދު ސްކޮލާޝިޕް)ގެ ނަމުގައި މުޅިން އަލަށް ސްކޮލާޝިޕް ޕްރޮގްރާމްތަކެއް ތައާރަފްކޮށްފިއެވެ.

އެވިޑް ކޮލެޖުން ހުޅުވާލި މި ސްކޮލާޝިޕް ފުރުސަތުތަކަށް ކުރިމަތިލުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލާފައެވެ. އެ ފުރުސަތު ދިނުމަށް ހަމަޖެހިފައި ވަނީ، ފައުންޑޭޝަން ސްޓަޑީސް ކިޔަވާ ކުދިންނަށް ހާއްސަކޮށްގެންނެވެ. އޭގެ ތެރެއިން، 30 ސްކޮލާޝިޕް ފުރުސަތު މާލެއަށް ހުޅުވާލާއިރު، 15 ސްކޮލާޝިޕްގެ ފުރުސަތު ގދ. ތިނަދޫ ކެމްޕަހަށް ހުޅުވާލާނެކަމަށް އެ ކޮލެޖުން ބުނެއެވެ.

މިއަދު އެވިޑް ކޮލެޖުން ވަނީ އަންނަ އަހަރު ފެށުމަށް ހަމަޖެހިފައިވާ ކޯސްތަކަށް ކުރިމަތިލުމަށް ވެސް ހުޅުވާލާފައެވެ. އެ ކޮލެޖްގެ ވައިސް ރެކްޓަރ، ޑރ. އަބްދުﷲ ރަޝީދު އަހުމަދު ވިދާޅުވީ، އަންނަ ޖެނުއަރީ މަހުގެ އިންޓޭކާއެކު ސްކޮލާޝިޕްގެ ފުރުސަތުވެސް ހުޅުވާލެވިފައިވާ ކަމަށެވެ. އެހެންކަމުން އެ އިންޓޭކްގައި ބައިވެރިވާ ފައުންޑޭޝަން ކުދިންނަށް އެ ސްކޮލާޝިޕަށް ކުރިމަތިލެވޭނެއެވެ.

"މި ސްކޮލާޝިޕްގެ ދަށުން މާލޭގެ އަޅުގަނޑުމެންގެ ކެމްޕަސްތަކުގައި ކިޔެވުމުގެ ފުރުސަތު އަދި ހަމައެހެންމެ ގދ. ތިނަދޫ ކެމްޕަހުގައި މި ސްކޮލާޝިޕްގެ ދަށުން ކިޔެވުމުގެ ފުރުސަތު ހުޅުވިގެން ދަނީ". ޑރ. އަބްދުﷲ ރަޝީދު އަހުމަދު ވިދާޅުވިއެވެ.

އެވިޑް ކޮލެޖުން އަންނަ އަހަރުގެ ޖެނުއަރީ އިންޓޭކަށް 45 އަށް ވުރެ ގިނަ ކޯސްތަކަށް ކުރިމަތިލުމަށް ވަނީ ހުޅުވާލާފައެވެ. އޭގެ ތެރޭގައި ސެޓްފިކެޓް ލެވެލް އިން ފެށިގެން މާސްޓާސް ލެވެލްގެ ޕްރޮގްރާމްތައް ހިމެނެއެވެ. އަދި އަންނަ އަަހަރު ފެށުމަށް ހަމަޖެހިފައިވާ އާ ކޯސްތައް ޑެވެލޮޕް ކުރުމުގެ މަސައްކަތް ކުރަމުން އަންނަކަމަށްވެސް އެ ކޮލެޖުން ބުންޏެވެ.