މިހާރު ކުރަމުންދާ ވިއްސާރާގައި މާލޭ ސިޓީގައި ފެންބޮޑުވެފައިވާ ބައެއް މަގުތަކުން ފެން ހިއްކުމުގެ މަސައްކަތް އެމްއެންޑީއެފްގެ ފަޔަރ އެންޑް ރެސްކިޔު ސަރވިސް (އެފްއާރުއެސް) އިން ފަށައިފިއެވެ.

މާލެ އަށް މިހާރު ކުރަމުންދާ ވިއްސާރައިގައި ބައެއް ސަރަހައްދުތަކުގައި ފެންބޮޑުވެ ހިނގާބިނގާ އުޅޭ ފަރާތްތަކަށާއި ދުއްވާ އެއްޗެހި ދުއްވުމަށް ދަނީ ދަތިތަކާ ކުރިމަތިވަމުންނެވެ.

ވާރޭ ވެހުމުން ބޮޑުވާ ފެން ހިންދުމަށް މާލޭގައި ބޭނުން ކުރާ ޕަމްޕް ސްޓޭޝަންތަކަށް މައްސަލަތަކެއް ދިމާވެ މާލޭގެ ބޮޑު ބައެއްގައި ފެންބޮޑުވުމާ ގުޅިގެން މަގުތަކުން ފެން ހިއްކުމުގެ މަސައްކަތް ފަށާފައިވާ ކަމަށް އެމްއެންޑީއެފް އިން ވިދާޅުވިއެވެ.

ފާއިތުވި ދެތިން ދުވަހު މާލެ އަށް ކުރަމުންދާ ވިއްސާރައިގައި ބޯކޮށް ވާރޭ ވެހުމުގެ ސަބަބުން މަގުތަކުގައި ވަނީ ވަރަށް ބޮޑަށް ފެންބޮޑުވެފައެވެ. އަދި ރޭ ވެހުނު ބޯ ވާރޭގެ ސަބަބުން މިއަދު ވެސް މާލޭގެ ގިނަ ސަރަހައްދުތަކުގައި ވަނީ ވަރަށް ބޮޑަށް ފެން ބޮޑުވެފައެވެ.

މާލޭގެ ބޮޑު ބައެއްގައި ފެންބޮޑުވެ ޢާއްމުނަށް ބޮޑެތި ދަތިތަކާއި ކުރިމަތިވެފައިވާ އިރު، ހައުސިންގ މިނިސްޓަރ ޑރ.މުހައްމަދު މުއިއްޒު ވިދާޅުވީ ފެން ހިންދުމަށް މާލޭގައި ބޭނުން ކުރާ ޕަމްޕް ސްޓޭޝަންތަކަށް ބަޔަކު ގަސްދުގައި ގެއްލުން ދީފައިވާ ކަމަށާއި އަދި ބައެއް ޕަމްޕް ސްޓޭޝަންތަކުގެ ކަރަންޓް ސަޕްލައި ކަނޑާލާފައިވާ ކަމަށެވެ.

ޕަމްޕްތަކަށް ދީފައިވާ ގެއްލުންތައް ހައްލު ކުރުމަށް އެއްވެސް މަސައްކަތެއް ކުރިއަށްދާ ކަމެއް ނުވަތަ ނޫން ކަމެއް ހައުސިން މިނިސްޓަރު ވިދާޅުވެފައެއް ނުވެއެވެ. އަދި ގެއްލުން ދީފައި ވަނީ ކޮން އިރަކު ކަމެއް ވެސް މިނިސްޓަރު ވިދާޅުވެފައެއް ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ތިމަންނަ

    މިހާތަނަށް ތިޔަކަލޭގެއަކީ ދެފަހަރު އެއްގޮތަށް ވާހަކަ ދައްކާފައިވާ މީހެއް ނޫން

  2. ބޮޑު ދެލޯ

    ޔާމީނުގެ ބާރު ކެޑުނީމާ ވާރެއަށްވެސް އެގުނީ ބޭނުންވަރަކަށް ވެހުނަސް ވަރިހަމަކަން!