"މަރާލާފައިވާ މީހުންނާއި، ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ތަޙުޤީގުކުރާ ކޮމިޝަން" އަށް ބޭރުގެ ފަންނީ އިދާރާތަކުން ހޯދަންޖެހޭ ހުރިހާ އެހީތެރިކަމެއް ފޯރުކޮށްދެއްވާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ރައީސް ސޯލިހު މިހެން ވިދާޅުވީ އެ ކޮމިޝަނުގައި ހިމެނިވަޑައިގަންނަވާ މެމްބަރުންނާއި މިއަދު ރައީސް އޮފީހުގައި ބޭއްވެވި ބައްދަލުކުރެއްވުމުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މިބައްދަލުކުރެއްވުމުގައި ވާހަކަފުޅުދައްކަވަމުން، ރައީސް ސޯލިހު ވިދާޅުވިގޮތުގައި މި ކޮމިޝަނުން ހަވާލުވެފައިމިވަނީ ވަރަށް ބޮޑު ޒިންމާއަކާއި ކަމަށާއި، އެމަނިކުފާނުގެ ފަރާތްޕުޅުން ބޭނުންވާ ހުރިހާ އެހީތެރިކަމަކާއި އެއްބާރުލެއްވުމެއް ކޮމިޝަނަށް ލިބިވަޑައިގަންނަވާނެ ކަމުގައި ވިދާޅުވިއެވެ.

އަދި ބޭރުގެ ފަންނީ އިދާރާތަކުން ހޯދަންޖެހޭ ހުރިހާ އެހީތެރިކަމެއްވެސް މި ކޮމިޝަނަށް ފޯރުކޮށް ދެއްވާނެކަމުގެ ޔަޤީންކަން ރައީސް ސޯލިހު ވަނީ ދެއްވާފައެވެ. މި މަސައްކަތް ވީ އެންމެ އަވަހަކަށް ފައްޓަވައިދެއްވުމަށާއި، ވަކި މީހަކަށް ބެލުމެއްނެތި ނަޒާހާތްތެރިކަމާއެކު ކޮމިޝަނަށް ހުށަހަޅާ މައްސަލަތައް ބައްލަވައިދެއްވުމަށް ވެސް ރައީސް ވަނީ ކޮމިޝަނުގެ މެންބަރުންގެ ފަރާތްޕުޅުން އެދިވަޑައިގެންފައެވެ.

މިއަދުގެ ބައްދަލުކުރެއްވުމުގައި ކޮމިޝަނުގެ މެންބަރުން ދެއްކެވި ވާހަކަފުޅުގައި ކޮމިޝަނުން އެންމެ ބޮޑު އިސްކަމެއް ދެއްވާނީ ކޮމިޝަނަށް ހުށަހަޅާ މައްސަލަތަކަށް އާންމުންނަށް ބަލައިގަނެވޭ ވަރުގެ ތަޙުޤީރީ ރިޕޯޓްތަކެއް ތައްޔާރުކުރެއްވުމަށް ކަމަށް ވިދާޅުވިއެވެ. އަދި، މި ކޮމިޝަނުގެ މެންބަރުން ވަނީ މި މަސައްކަތް ނަޒާހާތްތެރިކަމާއިއެކު ވީ އެންމެ އަވަހަކަށް ކުރިޔަށް ގެންދަވާނެކަމުގެ ޔަޤީންކަން ރައީސަށް އަރުވާފައެވެ.

ރައީސް ސޯލިހު އުފައްދަވާފައިވާ މި ކޮމިޝަނަކީ، ކޮމިޝަނުން ތަޙުޤީޤުކުރެވޭ މައްސަލަތަކާ ގުޅިގެން ތަޙުޤީޤީ އިދާރާއަކުން އަޅަންޖެހޭ އެންމެހައި ފިޔަވަޅުތަކެއް އެޅުމާއި، ޖިނާއީ މައްސަލަތައް ތަޙުޤީޤުކުރާ އިދާރާއަކަށް ލިބިދޭ އެންމެހައި ބާރުތަކެއް ލިބިގެންވާ ކޮމިޝަނެކެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. އަހުމަދު687

    ދައުލަތުގެ ލާރިން އެމްޑީޕީ އަދި ސުޢޫދުގެ އެކުވިރިންގެ ފީލްޑް ޓްރިޕް ހިނގަން ތިޔައުޅެނީ!