އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން މިދިޔަ އަހަރު 1326 މައްސަލަ ބަލާ ނިންމާފައިވާ ކަމަށް އަހަރީ ރިޕޯޓުން ދައްކައިފި އެވެ.

އޭސީސީ އިން ވިދާޅުވި ގޮތުގައި މިދިޔަ އަހަރަކީ އެ ކޮމިޝަންގެ ތާރީޚަށް ބަލާއިރު ވެސް މިހާތަނަށް އެންމެ ގިނަ މައްސަލަތައް ތަޙުޤީޤުކޮށް ނިންމި އަހަރު ކަމަށެވެ.

އެގޮތުން، މިދިޔަ އަހަރު އޭސީސީ އިން ވަނީ ޖުމްލަ 1326 މައްސަލައެއް ތަޙުޤީޤުކޮށް ނިންމާފައިވެއެވެ. މިއީ، 2016 ވަނަ އަހަރުގައި ނިންމާފައިވާ މައްސަލަތަކުގެ އަދަދާއަޅާ ބަލާއިރު 60 އިންސައްތައިގެ ކުރިއެރުމެކެވެ.

2017 ވަނަ އަހަރު އެއްވެސް ފަރާތަކުން ހުށަހެޅުމަކާ ނުލާ އެ ކޮމިޝަންގެ އަމިއްލަ އިސްނެގުމަށް ބެލި މައްސަލަތަކުގެ އަދަދު ވެސް ވަނީ 31 އިންސައްތަ އިތުރުވެފައިވެއެވެ. 2017 ވަނަ އަހަރު އެއްވެސް ފަރާތަކުން ހުށަހެޅުމަކާ ނުލާ ކޮމިޝަންގެ އަމިއްލަ އިސްނެގުމަށް ބެލި މައްސަލަތަކުގެ އަދަދަކީ 135 އެވެ.

އޭސީސީގެ މަސައްކަތް އިތުރަށް ހަރުދަނާކުރުމަށް މިދިޔަ އަހަރު ކުރެވުނު މަސައްކަތްތަކުގެ ތެރޭގައި ޖިނާއީ އިޖުރާއަތުގެ ޤާނޫނަށް ޢަމަލުކުރަން ފެށުމާ ގުޅިގެން އެ ޤާނޫނަށް ކޮމިޝަނުގެ ކަމާބެހޭ ހުރިހާ މުވައްޒަފުން އަހުލުވެރިކޮށް ތަމްރީނުކުރުމާއި އެ ޤާނޫނާގުޅިގެން ކޮމިޝަނުގެ އާންމު ގަވާއިދަށާއި، އިންވެސްޓިގޭޝަން މެނުއަލްއަށް ގެންނަންޖެހޭ ބަދަލުތައް ގެނައުން ހިމެނެއެވެ.

އަދި ކޮރަޕްޝަންގެ ޢަމަލުތައް ތަޙުޤީޤު ކުރުމަށް ބޭނުންވާ މަޢުލޫމާތު ހޯދުމަށާއި ކޮރަޕްޝަންގެ ޢަމަލުތައް ހިންގުމުގައި ބޭނުންކުރާ އުކުޅުތައް ދެނެގަނެ އެކަންކަމަށް އެޑްރެސް ކުރެވޭނެ ގޮތްތައް ހޯދުމުގެ ގޮތުން އޭސީސީގައި އިންޓެލިޖެންސް ޔުނިޓެއް މިދިޔަ އަހަރު ވަނީ ގާއިމުކޮށްފައެވެ.

މީގެއިތުރުން ކޮރަޕްޝަންގެ މައްސަލަތަކުގައި ދައުލަތަށް ގެއްލޭ ފައިސާއާއި މުދާ އަނބުރާ ހޯދުމުގެ މަސައްކަތް ކަމާބެހޭ ފަރާތްތަކާ ގުޅިގެން ކުރުމުގެ ގޮތުން ކޮމިޝަނުގައި ލީގަލް އެންޑް އެސެޓްރިކަވަރީ ގެ ނަމުގައި ވަކި ޔުނިޓެއް ޤާއިމްކޮށް އެ ޔުނިޓުގެ މަސައްކަތްތައް ހަރުދަނާ ކުރެވިފައިވާ ކަމަށް އަހަރީ ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ.

މައްސަލަތައް ހިންގުމުގެ އުސޫލުތައް ހަރުދަނާ ކުރުމަށް އޭސީސީ އިން ކުރި މަސައްކަތްތަކުގެ ތެރޭގައި މައްސަލައެއް ކޮމިޝަނަށް ހުށަހެޅުމާއެކު އިވެލުއޭޓްކޮށް މައްސަލަތައް ތަފާތު ކެޓަގަރީތަކަށް ބަހާލާ، އިވެލުއޭޝަން މަރުހަލާގައި މައްސަލައާބެހޭ ލިޔެކިއުންތައް ހޯދާ އެ ލިޔެކިއުންތައް ދިރާސާކޮށް ފިޔަވަޅުތައް އެޅޭނެ ގޮތްތައް ވަނީ އިންތިޒާމުކުރެވިފައެވެ.

ކޮރަޕްޝަން ޕްރިވެންޝަން ދާއިރާއަށް އަމާޒުކޮށް ހިންގުނު ފާހަގަކޮށްލެވޭ މަސައްކަތްތަކުގެ ތެރޭގައި ޤާނޫނު ތަންފީޒުކުރާ ގިނަ އިދާރާތަކުގެ ބައިވެރިވުމާއެކު ދެދުވަހުގެ މުއްދަތައްވަނީ އެންޓި-ކޮރަޕްޝަން ޤައުމީ މަހާސިންތާއެއް ބާއްވާފައެވެ. މިއީ ރާއްޖޭގައި ކޮރަޕްޝަން ހުއްޓުވުމާއި މަނާކުރުމަށް ހުރި ގޮންޖެހުންތަކާމެދު ފުޅާދާއިރާއެއްގައި ޢިލްމީގޮތުން ބަހުސްކޮށް، އަވަސް ހައްލުތަކެއް ހޯދުމުގެ މަޤްޞަދުގައި ބޭއްވުނު ފުރަތަމަ މަހާސިންތާ ކަމަށް އޭސީސީ އިން މައުލޫމާތުދެއެވެ.

އޭސީސީން ވިދާޅުވި ގޮތުގައި ޤާނޫނުގައި ބަޔާންކޮށްފައިވާ ހުރިހާ ތަފްސީލްތަކާއެކު ކަނޑައަޅާފައިވާ މުއްދަތުގައި ރައީސުލްޖުމްހޫރިއްޔާއަށާއި ރައްޔިތުންގެ މަޖްލީހަށް އެ ކޮމިޝަނުގެ މިދިޔަ އަހަރުގެ އަހަރީ ރިޕޯޓު ވަނީ ފޮނުވާފައެވެ.

 

 

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ފަސީ

    އެމްއެމްޕީއާރުސީ މައްސަލަ ކޮބާ؟ މަރުވެގެން ވަޅުލީ އުތަ؟