2019 ވަނަ އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ތިންވަނަ ސައުތު އޭޝިޔަން ޔޫތު ސަމިޓު ރާއްޖޭގައި ބޭއްވުމަށް، އިންޓަނޭޝަނަލް ޔޫތު ކޮމިޓީ (އައިވައިސީ) އާއި މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓް އާ ދެމެދު ފަހުމުނާމާ (އެމްއޯޔޫ) އެއްގައި ސޮއިކޮށްފިއެވެ.

މި ފަހުމުނާމާގައި ރާއްޖޭގެ ފަރާތުން ސޮއި ކުރައްވާފައިވަނީ ޔޫތު، ސްޕޯޓްސް އަދި ކޮމިއުނިޓީ އެމްޕަވަރމަންޓް މިނިސްޓަރ، އަޙުމަދު މަހުލޫފެވެ.

މިކަމާ ގުޅިގެން މިނިސްޓަރ މަހުލޫފު ވިދާޅުވެފައިވަނީ އަންނަ އަހަރު ރާއްޖޭގައި ބޭއްވުމަށް ހަމަޖެހިފައިވާ މި ސަމިޓުގައި ދުނިޔޭގެ އެކި ކަންކޮޅުތަކުން 150 އާއި 200 އާ ދެމެދުގެ މަންދޫބުން ބައިވެރިވާނެކަމުގައެވެ.

މިނިސްޓަރ އިތުރަށް ވިދާޅުވެފައިވަނީ މި ސަމިޓު، ރާއްޖޭގެ ކޮންމެވެސް ރަށެއްގައި ބޭއްވުމަށް ވަރަށް ބޮޑަށް މަސައްކަތްޕުޅު ކުރައްވާނެކަމުގައެވެ.

މި އަހަރުގެ ސައުތު އޭޝިޔަން ޔޫތު ސަމިޓު ބާއްވާފައިވަނީ އަވަށްޓެރި ސްރީ ލަންކާގައެވެ. މި ސަމިޓުގެ ތެރެއިން ދެވިގެން ދިޔަ ގިނަ އެވޯޑުތަކެއް ދިވެހިން ހޯދާފައިވެއެވެ. ހަމައެހެންމެ، ގިނަ އެވޯޑުތަކެއް، ރާއްޖެއިންވެސް ހޯދާފައިވެއެވެ. މި އަހަރުގެ ސަމިޓުގައި ރާއްޖެއިން ބައިވެރިވެފައިވަނީ 35 ބައިވެރިންނެވެ.