ގަން އިންޓަނޭޝަނަލް އެއަރޕޯޓާއި ސައުތު އެފްރިކާއާ ދެމެދު މިއަދު ދަތުރުތައް ފަށައިފިއެވެ.

ސައުތު އެފްރިކަން އެއަރވޭސްއިން ކުރާ މި ދަތުރުތައް ކުރުމަށް ހަމަޖެހިފައިވަނީ ސައުތު އެފްރިކާގެ ޖޮހޭނަސްބަރގް އިން ސީދާ އައްޑޫ ސިޓީ ގަމަށެވެ. ދެކުނު އެފްރިކާ އިން ގަމަށް ފުރަތަމަ އައި ފްލައިޓަށް މަރުޙަބާ ވިދާޅުވީ ޓްރާންސްޕޯޓް މިނިސްޓަރ އައިޝަތު ނަހްލާ އާއި އެކަމަނާގެ ފިރިކަލުން ރައްޔިތުން މަޖިލީހުގެ ރައީސް ގާސިމް އިބްރާހިމެވެ.

ދެކުނު އެފްރިކާ އިން ގަމަށް ދަތުރު ކުރުމުގެ އެއްބަސްވުންތަކުގައި ސޮއިކޮށް ހުރިހާ ކަމެއް ހަމަޖެއްސީ ކުރީގެ ރައީސް ޔާމީންގެ ސަރުކާރުންނެވެ.

މިދިޔަ އޮގަސްޓް މަހުގެ ދެވަނަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އޭރުގެ ޓޫރިޒަމް މިނިސްޓަރ މޫސާ ޒަމީރު ވިދާޅުވީ، ދެޤައުމުގެ ދެމެދުގައި ކޮންމެ ހަފްތާއަކު 3 ދަތުރު ކުރުމަށް ހަމަޖެހިފައިވާކަމަށެވެ.

ޗަންޕާ ކުންފުނީގެ އެއް ހިއްސާދާރު އަދި ސައުތު އެފްރިކަން އެއަރވޭސްއިން ގަމަށް ދަތުރުތައް ފެށުމުގައި އެންމެ ބޮޑު ހިއްސާއެއް އަދާކުރެއްވި ޙުސައިން އަފީފް އެދުވަހު ވިދާޅުވީ، ސައުތު އެފްރިކާއިން ރާއްޖެ އަންނަ ފަތުރުވެރިން މިހާރު އަންނަނީ 12 ގަޑިއިރުގެ ދިގު ދަތުރަކަށްފަހުގައި ކަމަށެވެ. ނަމަވެސް ގަން އިންޓަރނޭޝަނަލް އެއަރޕޯޓާއި ސައުތު އެފްރިކާއާ ދެމެދު ސީދާ ދަތުރުތައް ފެށުމުން، މި ދަތުރުގެ ދިގުމިން 7 ގަޑިއިރަށް ބަދަލުވެގެންދާނެކަމަށެވެ. އަދި މިއާއެކު އެ ސަރަހައްދުން ރާއްޖެއަށްއަންނަ ފަތުރުވެރިންގެ އަދަދު ނުވަ ހާހުން އަށާރަ ހާހަށް އިތުރުވެގެންދާނެކަމަށް ޤަބޫލުކުރެވޭކަމަށް އަފީފް ވިދާޅުވިއެވެ.

ރާއްޖެއާއި ސައުތު އެފްރިކާއާ ދެމެދު މި ދަތުރުތައް ހަމަޖައްސާ އެއަރ ޓުއަރ އޮޕަރޭޓާރސްގެ މެނޭޖިންގ ޑިރެކްޓަރ ކެއިތު ވިދާޅުވީ، އައްޑޫ ސިޓީ އަކީ ސައުތު އެފްރިކާގެ ފަތުރުވެރިން ހިތްހަމަޖެހޭ ޗުއްޓީއެއް ހޭދަކޮށްލެވޭނެ ތަނެއްކަމަށެވެ. އެގޮތުން މިއަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގައި ސައުތުއެފްރިކާއިން ރާއްޖެއަށް ޗާރޓަރ ފުލައިޓް އޮޕަރޭޓްކުރުމާ ގުޅޭގޮތުން އަފީފާއި އެކު މަޝްވަރާކުރިކަމަށާއި، ގިނަ މަޝްވަރާތަކަކަށްފަހު 4 މަސްދުވަހުގެތެރޭގައި މި އެއްބަސްވުންތަކުގައި ސޮއެކުރެވި، މިއަހަރުގެ ތެރޭގައި ސީދާ ދަތުރުތައް ފެށިގެންދާނެކަމަށެވެ. އޭނާ ވިދާޅުވީ ފުރަތަމަ ފޭސްގައި ޖޮހޭނަސްބަރގް އިން އައްޑޫ ސިޓީ ގަމާ ދެމެދު ސީދާ ދެމެދު ދަތުރުތައް ފެށިނަމަވެސް ފޭސް 2 ގެ ގޮތުގައި އަންނަ އަހަރުގެ ޖެނުއަރީ މަހުގެ 19 ވަނަ ދުވަހުން ފެށިގެން ހޮންގކޮންގއިން ގަމަށް ދަތުރުތައްފަށާނެކަމަށެވެ. އަދި އޭގެފަހުންވެސް ގިނަ މަންޒިލްތަކަކުން ގަމަށް ދަތުރުތައްފަށައި އައްޑޫއަކީ ފަތުރުވެރިންގެ ހަބަކަމަށް ހަދާނެކަމަށް އޭނާ ވިދާޅުވިއެވެ.

ގަން އިންޓަނޭޝަނަލް އެއަރޕޯޓްގެ އޭރުގެ މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ލަތީފް ވިދާޅުވީ، މިއީ އައްޑޫގެ ރައްޔިތުންނަށް ވަރަށް އުފާވެރި ދުވަހަކަށްވެގެންދާނެކަމަށެވެ. އެގޮތުން 600 މިލިއަން ރުފިޔާގެ ބޮޑު އިންވެސްޓްމަންޓަކާއެކު ގަން އިންޓަނޭޝަނަލް އެއަރޕޯޓް މިހާރުއޮތީ އެންމެ ބޮޑެތި އެއަރލައިންތަކަށްވެސް ޖެއްސޭނެގޮތަށް ތަރައްޤީކުރެވިފައި ކަމަށް އޭނާ ވިދާޅުވިއެވެ.

މިދަތުރުތައް ފެށުމާއެކު ސައުތު އެފްރިކާ ސަރަހައްދުން ކޮންމެ ހަފްތާއަކު 300 ފަތުރުވެރިން ސައުތު އެފްރިކާ ސަރަހައްދުން އައްޑޫ ސިޓީއަށް އަންނާނެއެވެ. އަދި މިދަތުރުތަކުގައި 20 ޓަނުގެ ކާގޯ ރާއްޖެ އިންޕޯޓްކޮށް އެސްޕޯޓްކުރެވޭނެ ކަމަށްވެސް ގަން އިންޓަނޭޝަނަލް އެއަރޕޯޓް އިން ވަނީ ވިދާޅުވެފައެވެ.

މިހާރުވެސް ސްރީލަންކަން އެއާލައިންސްއިން އަންނަނީ ސްރީ ލަންކާ އާއި އައްޑޫ ސިޓީ ގަމާ ދެމެދު ސިދާ ދަތުރުތައް ބާއްވަމުންނެވެ.

އައްޑޫ ސިޓީއަށް ޒިޔާރަތްކުރާ ފަތުރުވެރިންނަށް ޚިދުމަތް ދިނުމަށް އީކުއޭޓާ ވިލެޖާއި ޝަންގްރިއްލާގެ އިތުރުން ހެރެތެރެ ރިސޯޓް އަންނަނީ ހިންގަމުންނެވެ. މިހާރު އައްޑޫގައި 800 ފަތުރުވެރިންނަށް އެއްފަހަރާ ޙިދުމަތްދެވޭނެއެވެ.