ދިވެހިރާއްޖޭގެ ސަރުކާރުގެ މިނިސްޓްރީއެއްގައި ފުރަތަމަ ފަހަރަށް ކުޑަކުދިންނަށް ހިތްހަމަ ޖެއްސޭނެ ޕާކެއް ހުޅުވައި ތާރީހުގެ ތެރެއިން ޔޫތު މިނިސްޓްރީ ޖާގައެއް ހޯދައިފިއެވެ.

އެގޮތުން މިއަދު "އާއިލީ ބަގީޗާ"ގެ ނަމުގައި ޔޫތު މިނިސްޓްރީގައި ކުޑަ ޕާކެއް ހުޅުވާފައިވާއިރު އެ ޕާކަކީ އެ މިނިސްޓްރީގައި މަސައްކަތް ކުރާ މުވައްޒަފުންގެ ދަރިންނަށް ހާއްސަކޮށްގެން ހުޅުވިގެން ދިޔަ ޕާކެކެވެ.

"އާއިލީ ބަގީޗާ" ހުޅުއްވައިދެއްވީ މިނިސްޓްރީ އޮފް ޔޫތު އެންޑް ސްޕޯޓް އަހުމަދު މަހުލޫފެވެ. ބަގީޗާ ހުޅުވުމަށް ފަހު ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ މަހުލޫފު ވިދާޅުވީ ޕާކް ހުޅުވުމުގެ އެންމެ ބޮޑު ބޭނުމަކީ މުވައްޒަފުންނަށް ހިތްހަމަ ޖެހިލައިގެން މަސައްކަތް ކުރެވޭނެ މާހައުލެއް ޤާއިމް ކުރުން ކަމަށެވެ.

"މިކަމަކީ ކުރިންވެސް އަޅުގަނޑު ފާހަގަކޮށްލިހެން އަޅުގަނޑުމެންގެ މިނިސްޓްރީގައި މަސައްކަތް ކުރާ ހުރިހާ މުވައްޒަފުންނަކީވެސް ވީހާވެސް ހިތްހަމަ ޖެހިގެން، އެކުގައި ޕްރޮޑަކްޓިވްކޮށް މަސައްކަތް ކުރެވޭނެ އެފިސިއެންޓް ބަޔަކަށް ހެދުމުގެ ވިސްނުމުގައި އަޅުގަނޑުމެން ފަށާ ކަމެއް" މަހުލޫފު ވިދާޅުވިއެވެ.

އަދި ދަރިންނާއި ވަކިން މަސައްކަތް ކުރަން ޖެހުމަކީ ކިހާ އުނދަގޫ ކަމެއްކަން ހުދު އެމަނިކުފާނަށްވެސް އެނގިލައްވާ ކަމުގައި ޒުވާނުންގެ މިނިސްޓަރ މަހުލޫފު ވިދާޅުވިއެވެ.

"އަޅުގަނޑަށްވެސް އެނގޭ އަޅުގަނޑުމެން މިހެން ދަރިންނާއި ދުރުގައި އުޅޭއިރު ވަރަށް ދަތި އުދަނގޫ ކަންކަން އެބަ ކުރިމަތިވޭ" މަހުލޫފު ވިދާޅުވިއެވެ.

މީގެ އިތުރުން ޕާކްގައި ބޭނުން ކުރުމުގައި ކޮންމެސްވަރެއްގެ އުސޫލެއް ކަނޑައެޅިފައިވާނެ ކަމަށާއި އަދި ދުވަސް ވަމުން ދިޔަ ވަރަކަށް އެ އުސޫލުތަކަށް ގެންނަން ޖެހޭ ބަދަލުތައް ގެންނާނެކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓްރީ އޮފް ޔޫތް އެންޑް ސްޕޯޓްސްގައި މަސައްކަތް ކުރާ މުވައްޒަފުންނަށް ދަރިން އޮފީހަށް ގެންދެވޭނެ އުސޫލެއް މިނިސްޓަރު އަހުމަދު މަހުލޫފް އެކުލަވާލައްވައިފައިވާއިރު މުވައްޒަފުންގެ ފަސޭހައަށް އޭނާ ދަނީ އެކި ކަންކަން ކުރައްވަމުންނެވެ. އެގޮތުން މިނިސްޓަރުގެ މަގާމަށް ވަޑައިގެންނެވުމަށްފަހު އެންމެ ފުރަތަމަ ވެސް މަހުލޫފް ބައްދަލު ކުރެއްވީވެސް އެ މިނިސްޓްރީގެ މަސައްކަތު މީހުންނާ އެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ދޮންތަ

    ނެތްތަ ޔޫތު މިނިސްޓްރީގަ ހުސްވަޒީފާ ގަނޑެއް؟

  2. ޕާކުމީހާ

    ތީ ދެން މިނިސްޓްރީއެއް ނޫނެއްނުން. ކުޅޭ ޕާކެއް ނުން. ވުޒާރާއެއް ހިންގުމުގެ ގާބިލްކަން ތައުލީމީ ގިތުން ނެތްއިރު ދެން ބަލާނީ އެޓެންޝަން އެހެން ދިމަދިމާލަށް އަބުރާލަން. އެޒާތޔގެ ކަމެއްތީ

  3. ޢިއްލެ

    ގްރޭޑް 6ގެ ފެންވަރު ހުރިމީހަކު ސްޓޭޓް މިނިސްޓަރަކަށް އަލީ ވަޙީދުގެ މީހަކަށް ވާތީ

  4. ީއިންޑިޔާގެ ޖަޒީރާ ރާއްޖެ.

    ކާރު ކޮޅު ޕާކު ކުރަން ދިން ޒޯން މާ ރަނގަޅު މީހަކަށް ވާންވެގެން އާންމު ރައްޔިތުން ޕާކު ކުރަން ދީފަ އާންމުންގެ ލޮލުގަ އަނދުން އަޅުވާފަ ޔޫތް މިނިސްޓްރީ ގަ ގެދޮރު އެޅީ ދޯ. ރަނގަޅެއްނު އަނބިދަރިން ބަލަން ސަރުކާރަށް ވިއްޔާ މިޖެހުނީ.