މަރުވެފައި ނުވަތަ މަރާލެވިފައިވާ މީހުންގެ ތަހުގީގަށް ޕޯސްޓްމޯޓަމް ހެދުމުގައި އަމަލުކުރާނެ މިންގަނޑެއް ހިއުމަން ރައިޓްސް ކޮމިޝަނުން އެކުލަވާލައި މިއަދު އާއްމު ކޮށްފިއެވެ.

އެ ގައިޑްލައިންގައި ބުނެފައިވާގޮތުގައި، ގައިޑްލައިންގެ މަގްސަދަކީ، ޝައްކު އުފެދޭ ޙާލަތްތަކުގައި މަރުވާ މީހުންނާއި ކުޑަކުދިން ގެ މަރުގެ ޙަޤީޤަތް ހޯދުމަށާއި، އިންސާފު ހޯދުމަށް މަގުފަހިކޮށްދިނުމަށާއި، ދިރިހުރުމުގެ ޙައްޤާއި، އެކަށީގެންވާ ބަދަލެއް ހޯދުމުގެ ޙައްޤު ރައްކާތެރި ކުރުމާއި، މިޙައްޤުތައް ރައްކާތެރިކުރުމަށް ދައުލަތުން އެއްބަސްވެފައިވާ ޒިންމާތައް
އަދާކުރުމަށް ބާރުއެޅުން ކަމަށެވެ.

އަދި ސުބްޙައެއް އުފެދޭފަދަ ޙާލަތްތަކުގައި މަރުވާ މީހުންނާއި ކުޑަކުދިންގެ މަރުގެ ހަޤީޤަތް ދެނެގަތުމަށްޓަކައި ޕޯސްޓް-މޯޓަމް ނުވަތަ އޯޓޮޕްސީ ޓެސްޓް ހެދުމުގައި ޢަމަލުކުރާނެ ގޮތުގެ ގައިޑްލައިންއެއް އެކުލަވާލުމަކީވެސް މި ގައިޑްލައިންގެ މަގްސަދުގެ ތެރޭގައި ހިމެނޭ ކަމެކެވެ.

އޭގެ އިތުރުންވެސް ދައުލަތުގެ ބެލުމުގެ ދަށުގައި ހުއްޓާ ޝުބްޙައެއް އުފެދޭފަދަ ޙާލަތެއްގައި މަރުވާ މީހުންނާއި ކުޑަކުދިންގެ މަރުގެ ހަޤީޤަތް ދެނެގަތުމަށްޓަކައި ޕޯސްޓް -މޯޓަމް ނުވަތަ އޯޓޮޕްސީ ޓެސްޓް ހެދުމުގައި ޢަމަލުކުރާނޭގޮތުގެ ގައިޑްލައިންއެއް އެކުލަވާލާނެ ކަމަށާއި، ޕޯސްޓް-މޯޓަމް ނުވަތަ އޯޓޮޕްސީ ޓެސްޓްތައް ހެދުމުގައި ނިޔާވެފައިވާ ފަރާތުގެ ޢާއިލާއަށާއި ކަމާބެހޭ ދައުލަތުގެ މުއައްސަސާތަކަށް މަޢުލޫމާތުދިނުމުގައި ޢަމަލުކުރާނެގޮތުގެ ގައިޑްލައިންއެއް އެކުލަވާލާނެ ކަމަށެވެ.

އަދި މީގެ އިތުރުން، ޝުބްޙައެއް އުފެދޭ މަރުތަކާއި ޤަތުލުތަކުގައި ނިޔާވާ މީހުންނާއި ކުޑަކުދިންގެ މައްސަލަތަކުގައި އަދުލު އިންސާފު ހޯދުމަށް ޤާނޫނީގޮތުން ހެކީގެ ގޮތުގައި ހުށަހެޅުމަށް ބޭނުންވާ މެޑިކަލް ޓެސްޓްތައް ހެދުމަށް ދިމާވާ ދަތިތައް ޙައްލުވާނެ ކަމަށް އެޗްއާރްސީއެމްއިން ބުންޏެވެ.

އެޗްއާރްސީއެމް އިން ވަނީ މި މިންގަނޑުގެ ދަށުން ދައުލަތުގެ މުއައްސަސާތަކުން އެކުލަވާލަން ޖެހޭ ގަވާއިދުތަކާއި އުސޫލުތައް ވީ އެންމެ އަވަހަކަށް އެކުލަވާލުމުގެ މަސައްކަތް ކުރުމަށް އިލްތިމާސްކޮށްފައެވެ، އަދި މި ހައްގުތައް ރައްކާތެރިކުރުމަށް އާއްމުންވެސް މި މިންގަނޑުތައް ދަސްކުރުމަށް އެކޮމިޝަނުން ވަނީ އެދިފައެވެ.

ކިޔުންތެރިންގެ ހިޔާލު