ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ސެކްރެޓަރީ ޖެނެރަލްގެ މަޤާމަށް ޑރ ހުސައިން ފާއިޒް ހަމަޖައްސަވައިފިއެވެ.

ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ އިދާރީ ހިންގުމުގެ އެންމެ އިސްވެރިޔަކީ ސެކްރެޓަރީ ޖެނެރަލްއެވެ. ސެކްރެޓަރީ ޖެނެރަލްއަކީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރުން މަޖިލީހުން ޢައްޔަންކުރައްވާ ފަރާތެކެވެ.

މިއަދުން ފެށިގެން، ޑރ. ޙުސައިން ފާއިޒް އެމަގާމަށް އައްޔަންކުރުމަށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ މަޖިލީހުން ވަނީ ނިންމަވާފައެވެ.

ސެކްރެޓަރީ ޖެނެރަލްގެ މަސްއޫލިއްޔަތުގެ ތެރޭގައި، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ އިދާރީ ކަންތައްތައް ބެލެހެއްޓުމާއި، އެކަންތައްތައް ހިނގަމުންދަނީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ މަޖިލީހުން ކަނޑައަޅާ އުސޫލުތަކާ އެއްގޮތްވާގޮތުގެ މަތިންކަން ކަށަވަރުކުރުމާއި، ސެކްރެޓަރީ ޖެނެރަލް ޒިންމާކުރެވޭ ދާއިރާއާގުޅޭގޮތުން ސިޔާސަތުތައް އެކުލަވައިލައި މަޝްރޫޢުތައް ރޭވުމަށް ބޭނުންވާ މަޢުލޫމާތު ފަނޑިޔާރުންގެ މަޖިލީހަށް ބޭނުންވާ ކޮންމެ ވަގުތެއްގައި ފޯރުކޮށްދިނުމާއި، އެކުލަވައިލެވޭ މަޝްރޫޢުތަކާއި ޕްރޮގްރާމްތައް ސީދާ އުއްތަމަ ފަނޑިޔާރާ ފަނޑިޔާރުންގެ މަޖިލީހުގެ އިރުޝާދުގެ ދަށުން ހިންގައި ބެލެހެއްޓުން ހިމެނެއެވެ.

އޭގެ އިތުރުން ސުޕްރީމް ކޯޓުގެ ކުރިއެރުމާއި ތަރައްޤީއަށް ދުރު ރާސްތާ، މެދު އަދި ކުރު ރާސްތާގެ ތަރައްޤީގެ މަޝްރޫޢުތައް އަދި ބޭނުންވާ ސްޓްރެޓީޖިކް ޕްލޭނާއި އެކިއެކި ހަރަކާތްތަކުގެ މަސައްކަތު ތާވަލް އެކުލަވައި ތަންފީޒުކޮށް ހިންގައި މޮނިޓަރުކޮށް ބެލެހެއްޓުން ފަދަ މަސައްކަތްތައް ހިމެނެއެވެ.

ކިޔުންތެރިންގެ ހިޔާލު