މަންމައަކާއި އޭނާގެ ދަރިފުޅު 33 އަހަރު ވަންދެން ދުރުގައި އުޅުމަށްފަހު ބައްދަލުވެއްޖެއެވެ. މަންމަ އާއި އޭނާގެ ދަރިފުޅު ބައްދަލުވެފައި ވަނީ އެއާޕޯޓް ސެކިއުރިޓީގައި މަސައްކަތް ކުރާ މީހުންގެ އެހީތެރިކަމާއި އެކުގައެވެ.

މަންމަ އާއި އޭނާގެ ދަރިފުޅު ގުޅުން ކެނޑިގެން ދިޔައީ، ބައްޕަ އޭނާ އާއި އޭނާގެ ކޮއްކޮމެން ގޮވައިގެން ދިޔުމުންނެވެ. އޭރު އޭނާގެ އުމުރަކީ އެންމެ ހަ އަހަރެވެ. ދެން ތިބި ހަތަރު ކުދިން ވަރަށް ކުޑަ އެވެ.

އޭގެފަހުން މަންމައަށް އޭނަގެ ދަރިންނާއި އެއްވެސް ވަރަކަށް ބައްދަލުވެފައެއް ނުވެއެވެ. އަދި ވާހަަކަވެސް ދައްކަން ފުރުސަތު ލިބިފައި ނުވެއެވެ.

އަދި މިގޮތަށް އަހަރުތަކެއް ގޮސް އެ އަންހެން މިހާގެ ދަރިންތައް މީހުންނާއި ކައިވެނިވެސްކޮށްފިއެވެ. އަދި އެ އަންހެން މީހާ އެނބުރި ޔޫއޭއީއަށް އައީ، އައު ފިރިމީހާ ކައިރިއަށް ދިރިއުޅުން ބަދަލު ކުރުމަށެވެ. އަދި އެ އަންހެން މީހާ އޭނާގެ އެންމެ ބޮޑު އަންހެން ދަރިފުޅުގެ ނަމްބަރު ހޯދަން ވަރަށް މަސައްކަތް ކުރިކަމަށްވެސްވެއެވެ. އަދި ފަހުން އެކަން ކާމިޔާބު ވިއެވެ.

އެހެންނަމަވެސް ދެމައިން އުޅޭ ސަރަޙައްދުގެ ދުރުކަމުން އެއްވެސް ވަރަަކަށް މި ދެމައިންނަށް ބައްދަލުވެވޭގޮތް ނުވެއެވެ. ނަމަވެސް، އެ ދަރިފުޅު އިންޑިއާއަށް ބޭސް ކުރަން ދާން އޮތް ދަތުރެއްގައި ދުބާއި އެއާޕޯޓްގައި މަޑު ކުރަން ޖެހޭތީ، އެ އަންހެން މީހާ ވަނީ ދަރިފުޅާއި، އެގޮތަށް ބައްދަލުކޮށްދިނުމަށް އެއާޕޯޓް ސެކިޔުރިޓީގެ ކިބައިން އެދިފައެވެ. އަދި އެ މީހުން ވަނީ އެ އަންހެންމީހާގެ އެދުން ފުއްދައިދޭނެ ކަމަށް ބުނެފައެވެ.

އެގޮތުން، އެ އަންހެން މީހާ ހޯދުމަށް އެ މީހުން ވަރަށް މަސައްކަތް ކުރިއެވެ. ގާތްގަނޑަކަށް ތިން ގަޑިއިރު އެކަމަށް ހޭދަކުރިއިރު، އެ އަންހެން މީހާ ހޯދަން އެހާ އުނދަގޫވީ، އޭނާގެ މަންމަގެ އަތުގައި އޮތް ފޮޓޯއިން އެއީ ކާކުކަން ނޭގޭތީއެވެ. ނަމަވެސް އެކަން ކާމިޔާބު ކުރިއެވެ. އަދި އެ މަންމަ އާއި އޭނާގެ ދަރިފުޅު ބައްދަލުކުރެއްވިއެވެ.

އެއީ ވަރަށް އަސަރުގަދަ ވަގުތެއް ކަަމަށް ވެއެވެ.

ކިޔުންތެރިންގެ ހިޔާލު